އެކުލަވާލާނީ ނަޒާހަތްތެރި ވަޒީރުންގެ މަޖިލީހެއް: އިންތިޚާބީ ރައީސް

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފެށޭ ވެރިކަމުގައި ސަރުކާރުގެ ކެބިނެޓަށް އައްޔަން ކުރައްވާ ވަޒީރުން ވެގެންދާނީ ރައްޔިތުންގެ ހާދިމުންނަށް ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުަވެއްޖެ އެވެ.

މިހާރު އިންތިހާބުވެފައިވާ ސަރުކާރުން ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރާނެ ގޮތާ ބެހޭގޮތުން އާންމުންގެ ތެރޭގައި ދަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ.

"ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިންތިހާބީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރާ ބޭފުޅުން ވެގެން ދާނީ ރައްޔިތުންގެ ނަޒާހަތްތެރި، ހާދިމުންނަށް ކަމަށެވެ.

"ވަޒީރުކަމަށް ވަޑައިގަންނަވާ ބޭފުޅަކު ގަބޫލުފުޅު ކުރައްވާނެ ތިމަންނައަކީ ވެރިއަކަށްވުރެ ބޮޑަށް ރައްޔިތުންގެ ހާދިމެއްކަން،" އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނު ކެބިނެޓަށް އައްޔަން ކުރައްވާ ވަޒީރުންނަކީ އެއްބަސްވެވޭ މިންގަޑެއްގެ ތެރެއިން އައްޔަންކުރެވޭނެ ބޭފުޅުން ކަމަށް އިބޫ ވިދާޅުވި އެވެ. އޭގެ ތެރޭގައި ނަޒާހާތްތެރިކަން ހިމެނޭކަމަށް އިބޫ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ކުރަން ހުރި މަސައްކަތްތައް ފުރިހަމަ ކުރެވޭނެ ތަޖުރިބާއާއި ކެޕޭސިޓީވެސް ވަޒީރުންނަށް އައްޔަންކުރާ ބޭފުޅުންގެ ކިބައިގައި ހުންނާނެ ކަމުގައި ވިދާޅުވިއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރާންސިޝަނަލް މަސައްކަތްތައް ކުރިއަށް ދާއިރު ލިބޭ މައުލޫމާތުގެ އަލީގައި ސަރުކާރުގެ މަސައްކަތްތައް ކަންބޮޑުވާ ދަރަޖައަށް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ. ބައެއް ވުޒާރާތަކާއި ސަރުކާރުގެ ކުންފުނިތަކުގައި ކޮރަޕްޝަނުގެ ކަންކަން ހިންގާފައި ހުރީ ކަންބޮޑުވާ ދަރަޖައަށް ކަމަށް އިބޫ ފާހަގަކުރެއްވިއެވެ.

"އެއްކަންތަކަށް ބަލާއިރު އެޗްޑީސީއިން އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތުގެ އަލީގައި މި ޖުލައިއޭ އަޅުގަނޑު ހަނދާން ވަނީ. އައިއިރުގައި އެތަނުގެ މުވައްޒަފުންގެ އަދަދަކީ 500 އަދި މުސާރައަށް ފަސް މިލިއަން ރުފިޔާ ޚަރަދުކުރަމުން އައީ. އެކަމަކު ޖެހިގެން އައި ދެ މަސްދުވަހުގެ ތެރޭގައި އިތުރަށް 500 މީހުންނަށް ވަޒީފާ ދީފައިވުމުގެ ސަބަބުން މުސާރައަށް 11 މިލިއަން ޚަރަދުކުރާ ކަމަށް މައުލޫމާތު ލިބޭ. އެހެންވީމާ މިކަންކަމަށް ބަލައި މިފަދަ ބޮޑެތި މައްސަލަތައް ޙައްލުކުރާން އެބަ ޖެހޭ،" އިބޫ ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނު އެކުލަވާލައްވާނެ ވަޒީރުންގެ މަޖިލީހަކީ މިފަދަ ކަންކަން ހައްލު ކުރެވޭނެ ފަދަ ޤާބިލް ކެބިނެޓެއް ކަމުގައި އިބޫ ވިދާޅުވިއެވެ.

ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ފަރާތުން ކެބިނެޓަށް އައްޔަން ކުރާ ވަޒީރުން ހުށަހަޅުއްވާނެތީ ސުވާލުކުރުމުން އިބޫ ވިދާޅުވީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުން ޕާޓީތަކުން ފޮނުވާ ނަންތަކަކީވެސް މި މިންގަނޑުތަކަށް ފެތޭ ނަންތަކަކަށް ވާނެއެވެ.

"ކެބިނެޓު ވާނީ އަޅުގަނޑު މި ދެންނެވި ކްރައިޓީރިއާ ތެރޭގައި އޮތް ރައްޔިތުންނަށް ހިދުމަތް ކުރެވޭ ގާބިލު، ނަޒާހާތްތެރި، ތެދުވެރި އަމާނާތްތެރި ބޭފުޅުން ތިއްބަވާ ކެބިނެޓަކަށް" އިބޫ ވިދާޅުވިއެވެ.

މިހާރު ކެބިނެޓާއި ސަރުކާރުގެ ސްޓްރަކްޗަރ އެކުލަވާލުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ދާ ކަމުގައިވެސް ވިދާޅުވި އެވެ.

comment ކޮމެންޓް