"ހުވާ ކުރާއިރު ބޭނުމީ ރައްޔިތުންނަށް ރައްޔިތުންގެ ސަރުކާރެއްގެ އިހުސާސްކުރެވެން"

މިދިޔަ މަހު 23ގައި ބޭއްވި ރިޔާސީ އިންތިހާބަށް ކެންޕެއިން ކުރުމުގެ ގޮތުން އިދިކޮޅު ކޯލިޝަން އިން މާލޭގައި ދެ ޖަގަހައެށް ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ރައްޔިތުންގެ ތާއީދުގެ ރެކޯޑެއް ހޯއްދަވައިގެންނެވެ.

ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ މަސައްކަތްތައް ދަނީ ބާރަށް ކުރިއަށެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރައްވާ ރަސްމިއްޔާތަށް ގިނަ ބަޔަކު ދަނީ ޝައުގުވެރިކަމާ އެކު އިންތިޒާރުކުރަމުންނެވެ.

ނޮވެމްބަރު 17 ވަނަ ދުވަހު އޮންނަ އެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައި ވަނީ، ބައިވެރިވާން ބޭނުންވާ ކޮންމެ ރައްޔިތަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ހުޅުވާލެވިގެން، ގައުމީ ފުޓުބޯޅަ ދަނޑުގަ އެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "ސަން"އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު މީޑިއާއަށް ދެއްވި ފުރަތަމަ އިންޓަވިއު "ސަން"އަށް ދެއްވަމުން، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، އެ ރަސްމިއްޔާތަށް އެމަނިކުފާނުގެ އުންމީދުތައް ވެސް ބޮޑެވެ.

އިބޫ ވިދާޅުވި ގޮތުގައި އެ ރަސްމިއްޔާތުން އެމަނިކުފާނު އެންމެ ދެކެން ބޭނުންވާ މަންޒަރަކީ ރައްޔިތުންނަށް، ރައްޔިތުންގެ ވެރިކަމެއް ގާއިމުކުރެވިއްޖެ ކަމުގެ އިހުސާސް ކުރެވޭ މަންޒަރެވެ. އެކަމަށް ޓަކައި ތަފާތު ފިކުރުތަކުގެ ރައްޔިތުން އެ ރަސްމިއްޔާތުން ފެނުމަށް އިބޫ އެދިވަޑައިގަނެ އެވެ.

އެމަނިކުފާނު ވިދާޅުވީ މިދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ވަނީ ހިޔާލު ތަފާތުވުންތައް ވަރަށް ބޮޑަށް އިތުރުވެ، ބައިބައިވުން ގިނަވެފަ އެވެ.

"ކޮންމެ ދުވަހަކު ވެސް ހޭލާއިރު ބޮޑު ކަންތައްގަނޑެއް ސިކުނޑީގައި އޮންނަނީ. އެންމެ އާދައިގެ ރައްޔިތުމީހާ ވެސް ކަންބޮޑުވާ ދަރަޖައަށް ކަންކަން ކުރިމަތިވިތަން ފެނިފައި އޮތީ،" ހަތް ވަނަ އިންތިހާބީ ރައީސް ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ އާ ސަރުކާރަކީ މި މައްސަލަތަކަށް ހައްލު ހޯދުމަށް ފަށާ މަސައްކަތެއް ކަމަށެވެ. އަދި އާ ސަރުކާރުގެ ފެށުމަކީ، ރައްޔިތުންނަށް ހަމަޖެހިގެން އުޅެވޭނެ ކަމުގެ އާ ފެށުމެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނަކަން ދެކިވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށެވެ.

3 ޖުލައި 2017: އިދިކޮޅު އިއްތިހާދުން މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން: އިދިކޮޅު ހަތަރު ލީޑަރުން އެކުގައި މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރެއްހާ ދުވަސް މިހާރު ވެއްޖެ -- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

"އަޅުގަނޑު ބޭނުންވޭ [މި އުފެދެނީ] ހުރިހާ ވިސްނުމަކާއި ފިކުރެއްގެ ބޭފުޅުން ބައިވެރިވެގެން އެކުލަވާލާ ސަރުކާރެއްކަން ރައްޔިތުންނަށް އެތަނުން ފެނިގެން ދިއުމަށް. އަދި ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަމެއް ގާއިމުކުރެވިއްޖެކަމުގެ އިހުސާސް ކުރެވިގެން ދިއުމަށް،" އިބޫ ވިދާޅުވި އެވެ.

ރިޔާސީ ކެމްޕޭނުގައި އިބޫގެ އިތުރުން އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވައި ގިނަ އަދަދެއްގެ ރައްޔިތުންގެ އިތުބާރު ހޯއްދަވައިފަ އެވެ.

އިންތިހާބީ ރައީސް އިބޫ އެދިވަޑައިގަންނަވަނީ ރައްޔިތުން އެމަނިކުފާނަށް ކުރެއްވި އިތުބާރު ދެމެހެއްޓުމަށެވެ.

"ރައްޔިތުން، އިތުބާރުކުރައްވާ އަޅުގަނޑަށް. އުންމީދު ނަގާނުލައްވާ. އުނދަގޫ މަރުހަލާއެއް [ކުރިއަށް] އޮތީ. ރައްޔިތުންގެ އެއްބާރުލުން ދެއްވުމަކީ ވަރަށް އެދޭ ކަމެއް،

"ކަންކަމުގައި [ރައްޔިތުން] ބަސް ބުނަންވާނެ. ގޯސްކޮށް ކަމެއް ކުރެވޭ ނަމަ ފާޑުވެސް ކިޔަންވާނެ، އެ ފުރުސަތު ވެސް ދޭނަން. ކަންކަން ނިންމާ އިރު ރައްޔިތުންގެ މަޝްވަރާއާ އެކުގައި [ކަންކަން ކުރާނީ]،" ރައްޔިތުންނަށް އިބޫ ޔަގީންކަން ދެއްވި އެވެ.

comment ކޮމެންޓް