މިއީ އިންޑިއާ އާއި ރާއްޖެއާ އޮތް ގުޅުން އިއާދަކުރަންވީ ވަގުތު: ދުންޔާ

ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ، އިއްޔެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖްއާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ދުންޔާ މައުމޫން (ޓްވިޓާ)

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ސަރުކާރު ވެރިކަމަށް އައުމަށް ތައްޔާރުވަމުން އަންނަ މި ވަގުތަކީ ރާއްޖެ އާއި އިންޑިއާއާ މީގެ ކުރިން އޮތް ގާތް ގުޅުން އިޔާދަކުރަންވީ ވަގުތުކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މަންދޫބެއްގެ ގޮތުގައި އިންޑިއާގެ ނިއުދިއްލީއަށް ވަޑައިގެން އުޅުއްވާ، އެމަނިކުފާނުގެ ދޮށީ ދަރިކަނބަލުން ދުންޔާ އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގައި މިދިޔަ ދުވަސްތަކުގައި އިންޑިއާ އާއި ރާއްޖެއާ އޮތް ގުޅުން ހީނަރުވެ، އެކިއެކި މައްސަލަތައް ފެންމަތިވެފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާ ކަމަށެވެ.

"އެބަ އިވޭ ދެ ގައުމުގެ ދެމެދު ވިސާގެ މައްސަލަ ފަދަ ބައިވަރު ކަންކަން ދިމާވާ ވާހަކަތައް،"

ދުންޔާ ވިދާޅުވީ އިންތިހާބީ ރައީސް އިބޫގެ ސަރުކާރެއްގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް އިތުބާރާއި ގާތް ގުޅުން އަނެއްކާ ވެސް އުފައްދާނެކަމުގެ ޔަގީންކަން އެބަ އޮތްކަމަށް ދުންޔާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން، ފޮރިން މިނިސްޓަރުގެ ގޮތުގައި އެމަނިކުފާނުގެ ސަރުކާރުގައި ތިން އަހަރެއްހާ ދުވަހު ހިދުމަތްކުރެއްވި ދުންޔާ ވިދާޅުވީ، އެމަނިކުފާނު ރާއްޖެއަށް ތަރައްގީ ގެނެސްދެއްވި ނަމަވެސް ގިނަ ބަޔަކު ދިރިއުޅެމުން ދިޔައީ ބިރެއްގެ ތެރޭގައި ކަމަށެވެ.

"ރައްޔިތުން ދިރިއުޅެމުން ދިޔައީ ބިރުވެރިކަމެއްގެ ތެރޭގައި. ރައީސް ޔާމީން ގެންދެވީ އެމަނިކުފާނަށް ސިޔާސީ ގޮތުން ގޮންޖެހުމަކަށްވާ އެކި މީހުންގެ މައްޗަށް ކޯޓުތައް މެދުވެރިކޮށް ދައުވާތައް ސާބިތުކޮށް، ބަންދުކުރަމުން،" ދުންޔާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ސާބިތުވީ، ދިވެހީން ތިބީ މިފަދަ ކަންކަން ގަބޫލުކުރާ ގޮތަށް ނޫންކަން ކަމަށް ދުންޔާ ވިދާޅުވި އެވެ.

"އިންތިހާބުގެ ނަތީޖާ އިން ފެނުނީ ދިވެހި ރައްޔިތުން ބޭނުން ވަނީ މިނިވަންކަމާއި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ކުރިއަރުވަންކަން. އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންގެ މި ނިންމުން ތަންފީޒުކުރަން ޖެހޭނެ. ރާއްޖޭގެ ހުރިހާ މުއައްސަސާއަކުން ވެސް ނަތީޖާ ގަބޫލުކޮށްފި. މީގައި މަޝްވަރާކޮށް، އިތުރަށް ބަލަން ޖެހޭ އިތުރު ކަމެއް ނޯންނާނެ،" ދުންޔާ ވިދާޅުވި އެވެ.

ރައީސް މައުމޫނުގެ ފަރާތުން ބައެއް ނުރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ވަޑައިގެންނެވި ދުންޔާ ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖްއާ ބައްދަލުކުރައްވާފައިފަ އެވެ.

comment ކޮމެންޓް