ސެޕްޓެމްބަރު މަހު މުދާ އެތެރެކުރި މިންވަރާއި ބޭރު ކުރި މިންވަރުވެސް އިތުރު

ކަސްޓަމްސް ސަރަހައްދު --- ސަން ފޮޓޯ/ޖަޒްލާން މުހައްމަދު

ސެޕްޓެމްބަރު މަހު ރާއްޖެއިން މުދާ އިމްޕޯޓު ކުރި މިންވަރާއި އެކްސްޕޯޓު ކުރި މިންވަރުވެސް އިތުރުވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ އިމްޕޯޓު-އެކްސްޕޯޓު ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރު މަހު އިމްޕޯޓު ކޮށްފައިވަނީ 3.78 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު 28 ޕަސެންޓު އިތުރު އަދަދެކެވެ.

ސެޕްޓެމްބަރު މަހު އެންމެ ގިނަ އަދަދެއްގެ މުދާ އިމްޕޯޓުކޮށްފައިވަނީ ޗައިނާއިންނެވެ. އެއީ އިމްޕޯޓުގެ 18 ޕަސެންޓެވެ. ޔޫއޭއީ އިން 15 ޕަސެންޓު އިމްޕޯޓުކޮށްފައިވާއިރު ސިންގަޕޫރުން ވަނީ ޖުމްލަ އިމްޕޯޓުގެ 11 ޕަސެންޓު މުދާ އެތެރެކޮށްފައެވެ.

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެގޮތުގައި ސެޕްޓެމްބަރު މަހު ދައުލަތަށް 264.78 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އެކްސްޕޯޓަށް ބަލާއިރު ސެޕްޓެމްބަރު މަހު 156.61 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ވަނީ އެކްސްޕޯޓުކޮށްފައެވެ. ރާއްޖޭގެ އެކްސްޕޯޓުގެ ގޮތުގައި މައިގަނޑުގޮތެއްގައި ހިމެނެނީ މަހުގެ ބާވަތްތަކެވެ.

ސެޕްޓެމްބަރ މަހު އެކްސްޕޯޓްކުރި މުދަލުގެ 23.5 ޕަސެންޓަކީ ޖަރުމަނު ވިލާތަށް އެކްސްޕޯޓްކޮށްފައިވާ މުދަލެވެ. އެމެރިކާއަށް ޖުމްލަ އެކްސްޕޯޓުގެ 11.9 ޕަސެންޓުގެ މުދާ އެމެރިކާއަށް އަދި ތައިލެންޑަށް 11.8 ޕަސެންޓުގެ މުދާ، ފަރަންސޭސި ވިލާތަށް 11.4 ޕަސެންޓުގެ މުދާ އެކްސްޕޯޓްކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކައެވެ.

comment ކޮމެންޓް