ހުޅުމާލެ އިން ގޯތި ގަތުމަށް 5100 ފޯމު ހުށަހަޅައިފި

ހައުސިން މިނިސްޓަރު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ހުޅުމާލެއިން ގޯތި ގަތުމަށް މިހާތަނަށް 5100 ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެެއިން ގޯތި ގަތުމުގެ ކަންތައް އެޗްޑީސީގެ ދަށަށް ބަދަލުކުރުމަށް ފަހު ނޫސްވެރިންނަށް ބުރާސްފަތި ދުވަހު މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ފާއިތުވި ދެ ދުވަސްތެރޭ ފޯމު ހުށަހެޅުމަށް އެތައް ހާސް ބަޔަކު ކިޔުގައިޖެހުނު ކަމަށެވެ. އަދި ކިއުގައި ޖެހިގެން ނަންބަރު ނަގައި، ފޯމު ނުލެވޭ ގިނަ ބަޔަކު އެބަތިބިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ނަންބަރު ނެގުމަށް ފަހު ފޯމުު ނުލެވޭ ރައްޔިތުންނަށް ފޯމު ލެވޭނެގޮތް އިންތިޒާމުކުރުމަށް އެޗްޑީސީގައި ދަންނަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދަންނަވާނަން މިކޮޅުން ހުއްޓާލި ހިސާބުން ކުރިއަށް ގެންދިއުމަށް. ނަންބަރު ނަގާފައި ތިބި ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ގޯތި ގަތުމަށް ފޯމު ނަގަން އެތައް ހާސް ބަޔަކު ކިޔުގައި ޖެހިފައި --- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

މިނިސްޓަރު ވިދާޅުވީ ފޯމު ބަލައިގަތުމުގެ ކަންތައް އެޗްޑީސީގެ ދަށަށް ބަދަލުކުރީ އެހާ ގިނަ ރައްޔިތުންނަށް ހައުސިން މިނިސްޓްރީ އިން ހިދުމަތް ނުދެވޭނެތީ ކަމަށެވެ.

"އެހާ ގިނަ ރައްޔިތުންނަށް ހިދުމަތް ދެވޭނެ ވަރުގެ ސަރަހައްދެއް ހުޅުމާލެ އިން ހަމަޖެއްސޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. ފޯމު ހުށަހެޅުމަށް ނަންބަރު ނެގުމަށް ޓަކައި އެތައް އިރެއްވަންދެން ކިޔުގައި ޖެހިގެން ތިބެން ޖެހުނުކަމަށް ޓަކައި މިނިސްޓަރު ވަނީ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ.

ގޯތި ވިއްކުމުގެ ކަންތައް އެޗްޑީސީގެ ދަށަށް ބަދަލުކުރި ނަމަވެސް ގޯތި ގަންނަ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ނާންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ގޯތި ލިބޭ މީހުންގެ ގުރުއަތު ނެގުމުގެ ކަންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް އެޗްޑީސީގައި އެދޭނެ ކަމަށެވެ.

މިނިސްޓްރީގެ ގޯތި ތެރެއަށް އެއްވެ އަޑުއުފުލާމީހުން ކޮންޓްރޯލު ކުރުމަށް ފުލުހުން ހަރަކާތްތެރިވަނީ --- ސަން ފޮޓޯ

ގޯތި ވިއްކުމަށް ފޯމު ބަލައިގަތުން ހައުސިން މިނިސްޓްރީ އިން ހުއްޓާލުމާ އެކު ގިނަ އަދަދެއްގެ ބަޔަލު ވަނީ މިނިސްޓްރީގެ ގޯތި ތެރެއަށް އެއްވެ އަޑު އުފުލަން ފަށައިފަ އެވެ. އެ ސަރަހައްދުގައި ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ހުޅުމާލެ އިން ސޯޝަލް ހައުސިން އަށް 400 ގޯތި ވިއްކަން ހުޅުވާލީ އެޗްޑީސީގެ ކޭޝްފްލޯ ދަތިވެ، އިކޮނޮމިކް ޔޫތު ކައުންސިލުގައި އެދިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ސޯޝަލް ހައުސިންގެ ގޮތުގައި 1000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ބީޗް ފްރަންޓުން 100 ގޯތި ބިޑަށް ހުޅުވާލަން ވެސް ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް