ހުސްނުއް ސުއޫދު ހަތަރު މަހަށް ސަސްޕެންޑްކޮށްފި

ގާނޫނީ ވަކީލު ހުސްނުއްސުއޫދު -- ފޮޓޯ/ ސަން ފައިލް ފޮޓޯ

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ހަތަރު މަހަށް ސަސްޕެންޑްކޮށްފި އެވެ.

ގާނޫނީ ވަކީލު ސުއޫދު ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ހަތަރު މަހަށް ސަސްޕެންޑް ކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އޭނާ ކުރެއްވި ޓްވީޓަކާ އަދި އޭނާއާ ހަވާލާދީ އެދުވަހު ރާއްޖޭގެ މީޑިއާއެއްގައި ލިޔެފައިވާ ޚަބަރަކާ ގުޅިގެންނެވެ.

އެ ޓްވީޓާއި ޚަބަރުގައި ސުއޫދު ވިދާޅުވެފައި ވަނީ 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ދިމާވި މައްސަލަތަކުގެ ތެރެއިން އޭރުގެ ވެރިކަމުގެ ދައުރު ނޮވެމްބަރު 17 އާ ހަމައަށް ދެމިގެން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނާ ޚިލާފަށް ނިންމި ނިންމުމެއްގެ ސަބަބުން ކަމަށެވެ.

ޑީޖޭއޭ އިން އިއްޔެ ނެރުނު ބާޔާނުގައި ބުނެފައި ވަނީ އެ އަމަލަކީ ވަކީލުންނާ ބެހޭ ގަވާއިދާ ޚިލާފް އަމަލަކަށް ވާތީ އެއްވެސް ކޯޓަކާއި ޓްރައިބިއުނަލެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް އިއްޔެއިން ފެށިގެން ހަތަރު މަސް ދުވަހަށް ސުއޫދު ސަސްޕެންޑް ކުރަން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

މިދިޔަ މަހު 25 ވަނަ ދުވަހު ބަލަން ފެށި މި މައްސަލަ ބަލައި ނިމެންދެން ސުއޫދު ހުރީ ވަގުތީ ގޮތުން ސަސްމެންޝަންގަ އެވެ.

comment ކޮމެންޓް