އިންޑިއާގެ ސްކޫލެއް ތެރެއަށް ބަޔަކު ވަދެ 34 އަންހެން ކުދިންނަށް ހަމަލާ ދީފި

އިންޑިއާގައި ކޮންމެ 15 މިނިޓަކު ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރާ ކަމަށް ޗައިލްޑް ރައިޓްސް އެންޑް ޔޫ ކިޔާ އެންޖީއޯއަކުން ބުނޭ -- ފޮޓޯ: ގެޓީ

ދިއްލީ (އޮކްޓޯބަރު 9): އިންޑިއާގެ ބިހާރުގައި އަންހެން ކުދިންގެ ސްކޫލެއް ތެރެއަށް ބަޔަކު ވަދެ، 34 ކުދިންނަށް ހަމަލާ ދީފި އެވެ.

ބިހާރުގެ ކަސްޓުރުބާ ގާންދީ ބަލިކާ ވިދުޔާލަޔާ ސްކޫލުގައި ތިބި ކުދިންނަށް ބަޔަކު ހަމަލާ ދިނީ އެކުދިންނަށް ފުރަތަމަ ޖިންސީ ފުރައްސާރަ ކުރަން މަސައްކަތް ކުރުމަށް ފަހުގަ އެވެ. އެހަމަލާގައި ބައިވެރިވީ، އަންހެން ކުދިންނަށް ފުރައްސާރަ ކުރި ފިރިހެން ކުދިންނާއި އެކުދިންގެ ބެލެނިވެރިންނެވެ.

"އަންހެން ކުދިން ސްކޫލު ތެރޭގައި ތިއްބާ ފިރިހެން ކުދިންތަކެއް ގޮސް ޖިންސީ ފުރައްސާރަ ކުރަން މަސައްކަތް ކުރި. އެއަންހެންކުދިން އެމީހުންނާ ކުރިމަތިލައި، ތަޅާ ހެދި. އޭގެ ފަހުން އެފިރިހެން ކުދިންނާއި އެކުދިންގެ ބެލެނިވެރިން ގޮސް އަންހެންކުދިންނަށް ހަމަލާ ދިނީ،" ޑިސްޓްރިކްޓު އެޑިއުކޭޝަން އޮފިސަރު ޖަގަތްޕަޓީ ޗޯދުރީ ވިދާޅުވި އެވެ.

ޗޯދުރީ ވިދާޅުވި ގޮތުގައި އެހަމަލާގެ ސަބަބުން ސްކޫލުގެ ކުދިންނަށް ވަނީ ޝޮކެއް ލިބިފަ އެވެ. އަދި އުމުރުން 10 އަހަރާއި 16 އަހަރާ ދެމެދުގެ އެކުދިންނަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.

އެހަމަލާއާ ގުޅިގެން ބިހާރުގެ ފުލުހުން ވަނީ ހަ ފިރިހެން ކުއްޖަކާއި ތިން އަންހެނުން ހައްޔަރުކޮށްފަ އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި އެސްކޫލަށް ދާ ކުދިންނަށް އާއްމުކޮށް ފުރައްސާރައާ ކުރިމަތިލާން ޖެހެ އެވެ. ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ އެންޖީއޯ، ޗައިލްޑް ރައިޓްސް އެންޑް ޔޫއިން ބުނާ ގޮތުގައި އިންޑިއާގައި ކޮންމެ 15 މިނިޓަކު ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް