ޗައިނާގައި ގެއްލުނު އިންޓަޕޯލްގެ ރައީސް އިސްތިއުފާ ދީފި

އިންޓަޕޯލްގެ ރައީސް މެންގް ހޮންގްވެއި ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ -- ފޮޓޯ: އޭޕީ

ޕެރިސް (އޮކްޓޯބަރު 8): މިދިޔަ މަހު ޗައިނާއަށް ވަޑައިގަތް ފަހުން ގެއްލުނު އިންޓަޕޯލްގެ ރައީސް މެންގް ހޮންގްވެއި އިސްތިއުފާ ދީފި ކަމަށް އެއިދާރާއިން ބުނެފި އެވެ.

އިންޓަޕޯލްއިން ނެރުނު ބަޔާނެއްގައިވާ ގޮތުން ފްރާންސުގައި ހުންނަ އެއިދާރާގެ މައި އޮފީހަށް ވަނީ މެންގްގެ އިސްތިއުފާގެ ސިޓީ ލިބިފަ އެވެ. އަދި އެމަގާމަށް މިހާރު ވަނީ ދެކުނު ކޮރެއާގެ ކިމް ޖޮންގް ޔަންގް ވަގުތީ ގޮތުން އައްޔަންކޮށްފަ އެވެ.

އިންޓަޕޯލްއިން އެފަދައިން ބުނެފައި ވަނީ، މިދިޔަ މަހުގެ 25ގައި ޗައިނާއަށް ވަޑައިގަތް ފަހުން ގެއްލުނު މެންގް ހައްޔަރުކޮށްފައިވާ ކަމަށް ޗައިނާގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނި ފަހުންނެވެ. އެކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގަކަށް އޭނާ ހައްޔަރު ކުރި ކަމަށް ބުނި ނަމަވެސް އެއީ ކޮން މައްސަލައެއްގައި ކަމެއް ހާމަ ނުކުރެ އެވެ.

ފްރާންސުގައި އާއިލާއާ އެކު ދިރިއުޅުއްވާ މެންގްގެ ހަބަރެއް ނުވާ ކަމަށް ފުރަތަމަ ރިޕޯޓު ކުރީ އޭނާގެ އަންހެނުންނެވެ. އޭގެ ފަހުން އެއާއިލާއަށް ބަޔަކު އިންޒާރު ދެމުންދާތީ، އެއާއިލާއަށް ފުލުހުން ރައްކާތެރިކަން ދީފައިވާ ކަމަށް ފްރާންސުގެ އިންޓީރިއާ މިނިސްޓްރީން ބުންޏެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް