ރޮނާލްޑޯގެ ގޯލާއެކު ޔުވެންޓަސްއިން ޖެހިޖެހިގެން އަށްވަނަ މޮޅު ހޯދައިފި

ރޭގެ މެޗުގައި ޔުވެންޓަސްގެ ތަރި ރޮނާލްޑޯ ގޯލު ކާމިޔާބު ކުރަނީ---

ރޭ އިޓާލިއަން ސެރީއޭގައި އުދިނޭސީގެ މައްޗަށް 2-0ގެ ނަތީޖާއިން ކުރި ހޯދައި ޔުވެންޓަސްއިން ޖެހިޖެހިގެން އަށްވަނަ މެޗުން މޮޅުވެއްޖެއެވެ.

އުދިނޭސީގެ ދަނޑުގައި ކުޅުނު އެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ ޔުވެންޓަސްއިންނެވެ. މެޗުގެ ފުރަތަމަ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖާއޯ ޗާންސެލޯގެ ހުރަހެއް ބޮލުން ފޮނުވާލައިގެން ރޮޑްރިގޯ ބެންޓަންކޫރުއެވެ.

މެޗުގެ ދެވަނަ ގޯލު ފެނިގެން ދިޔައީ އޭގެ ހަތަރު މިނެޓު ފަހުންނެވެ. އޭރިއާގެ ތެރެއިން ޝޮޓު ނަގަން ލިބުނު ފުރުސަތެއްގައި ބާރު ހަމަލާއެއް ފޮނުވާލައިގެން އެ ގޯލު ކާމިޔާބު ކުރީ ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އެވެ. ނަމަވެސް ގިނަ ހަމަލާތަކެއް އުފައްދައި ގޯލަށް ނުރައްކާ ކުރީ ޔުވެންޓަސްއިންނެވެ.

ރޭ ރޮނާލްޑޯ ޖެހި ގޯލާއެކު އޭނާ ސެރީއޭގައި ކާމިޔާބު ކުރި ގޯލުގެ އަދަދު މިވަނީ ހަތަރަކަށް އަރާފައެވެ.

ރޭގެ މޮޅާއެކު ޔުވެންޓަސް 24 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތް އިރު ދެވަނައިގައި 15 ޕޮއިންޓާއެކު އޮތީ ނަޕޯލީއެވެ. ތިންވަނައިގައި 14 ޕޮއިންޓާއެކު އޮތީ ރޯމާއެވެ.

ލީގުގައި ޔުވެންޓަސް ދެން ބައްދަލުކުރާނީ ޖެނޯއާއާއެވެ.

comment ކޮމެންޓް