ރަޝިއާ އިން ފަސް ބިލިއަން ޑޮލަރުގެ ހަތިޔާރު ގަތުމަށް އިންޑިއާއިން އެއްބަސްވުމެއް ހަދައިފި

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ އިންޑިއާއަށް ދެ ދުވަހުގެ ދަތުރުފުޅެއް ކުރައްވާފަ -- ފޮޓޯ: ރޮއިޓާސް

ދިއްލީ (އޮކްޓޯބަރު 6): ރަޝިއާގެ މިސައިލް ޑިފެންސް ސިސްޓަމެއް ގަތުމަށްޓަކައި އިންޑިއާއިން އެގައުމާ އެކު ފަސް ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ހަދައިފި އެވެ.

އެއްގަމުން ވައިގެ ތެރެއަށް ދުރު ރާސްތާ މިސައިލް ފޮނުވާލެވޭ އެސިސްޓަމް ގަތުމަށް ރަޝިއާ އާއި އިންޑިއާގެ އޮފިޝަލުން އެއްބަސްވުމެއް ހެދީ، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ.

"ޑްރަގް ޓްރެފިކް ކުރުމާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމާގައި އިންޑިއާއަށް އެއްބާރުލުން ދޭން އަޅުގަނޑުމެން ވަނީ ނިންމާފައި،" ރަޝިއާގެ ރައީސް ޕުޓިން ވިދާޅުވި އެވެ.

އަދި ޕޫޓިންއާ ބައްދަލުކުރެއްވުމަށް ފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރަޝިއާ އާއި އިންޑިއާގެ ގުޅުން ދުވަހުން ދުވަހަށް ވަރުގަދަ ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އިންޑިއާއިން އެސް-400 އެއާ ޑިފެންސް ސިސްޓަމް ގަނެފައި ވަނީ، ދިފާއީ އަދި ޖާސޫސީ ދާއިރާއިން ރަޝިއާއާ އެކު ވިޔަފާރި ކުރާ ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފައި ވަނިކޮށެވެ.

މީގެ ކުރިން ޗައިނާއިން ރަޝިއާގެ މިސައިލް ޑިފެންސް ސިސްޓަމެއް ގަތުމާ ގުޅިގެން އެމެރިކާ އިން ވަނީ ޗައިނާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދެ ދުވަހުގެ ދަތުރުފުޅަކަށް އިންޑިއާއަށް ވަޑައިގެންނެވި ޕުޓިން އާއި މޯދީ ވަނީ ދެ ގައުމުގެ އިގުތިސާދާ ގުޅުން ހުރި ތަފާތު ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އަދި އެދެ ގައުމުން ވަނީ ރޭލު ދަތުރާއި ޖައްވީ ދާއިރާ އާއި ނިއުކްލިއާ ހަކަތައާ ބެހޭ އިތުރު އެއްބަސްވުންތަކެއް ހަދައިފަ އެވެ.

comment ކޮމެންޓް