ބާސާ މޮޅުވި އިރު ލިވަޕޫލް ފަހު ވަގުތު ބަލިވެއްޖެ

ރޭ ބާސާއާ ޓޮޓެންހަމް ބައްދަލު ކުރި މެޗުގައި ބަސާގެ ތަރި މެސީ އޭނާގެ ދެވަނަ ގޯލު ކާމިޔާބު ކުރަނީ---

ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާއިން ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދި އިރު، ފަހު ވަގުތު ނަޕޯލީ އަތުން ލިވަޕޫލް ބަލިވެއްޖެ އެވެ.

ރޭ ބާސާއާ ޓޮޓެންހަމް، އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މެޗު 4-2ގެ ނަތީޖާއިން ނިމިގެން ދިޔަ އިރު ބާސާގެ ލިއޮނަލް މެސީގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. އޭނާ ވަނީ ބާސާގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ.

ރޭގެ މެޗުގެ ދެ ވަނަ މިނިޓްގައި ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ހެދި ގޯހެއްގެ ސަބަބުން ލިބުނު ހުސް ފުރުސަތެއްގައި އެ ޓީމުގެ ކޮޓީނިއޯ ވަނީ ފުތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ދެވަނަ ލަނޑަކީ އޭރިއާގެ ބޭރުން ނެގި ޝޮޓަކުން އިވާން ރަކިޓިޗް ކާމިޔާބު ކުރި ގޯލެކެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް ޓޮޓެންހަމްގެ ހެރީ ކޭން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އެހެން ނަމަވެސް އެ ލަނޑު ޖެހިތާ މާ ގިނަ އިރުތަކެއް ނުވަނީސް މެސީ ވަނީ ބާސާގެ ތިންވަނަ ގޯލު ޖަހައިފަ އެވެ. ޓޮޓެންހަމްގެ ދެވަނަ ގޯލު ޖެހީ 66 ވަނަ މިނެޓުގައި އެރިކް ލަމެލާ އެވެ. މެޗު ނިމެން ދަނިކޮށް މެސީ ވަނީ ބާސާގެ ހަތަރު ވަނަ ގޯލު ޖަހައި ތިން ޕޮއިންޓު ކަށަވަރުކޮށްފަ އެވެ.

އެ މޮޅާ އެކު ބާސާ އޮތީ ހަ ޕޮއިންޓާ އެކު ގްރޫޕް ބީގެ އެއްވަނައިގަ އެވެ. ދެވަނައިގައި ހަމަ އެ އަދަދަށް ޕޮއިންޓު ހޯދައިގެން އޮތީ އިންޓަމިލާން އެވެ. ކުޅުނު ދެ މެޗުން ބަލިވި ޓޮޓެންހަމް ތިންވަނައިގައި އޮތް އިރު ޕީއެސްވީ އޮތީ ހަތަރު ވަނައިގަ އެވެ.

ރޭ ލިވަޕޫލް ނަޕޯލީއާ ދެކޮޅަށް ނުކުތީ ނަޕޯލީގެ ސެން ޕައޮލޯ ސްޓޭޑިއަމްގަ އެވެ. އެ މެޗު ނަޕޯލީ ކާމިޔާބު ކުރީ 1-0ގެ ނަތީޖާއިންނެވެ. އެ މެޗުގައި ގިނަ ހަމަލާތަކެއް އުފައްދައި މޮޅު ކުޅުމެއް ދެއްކީ ނަޕޯލީއިންނެވެ.

މެޗުގެ ހަމަ އެކަނި ގޯޅު ފެނިގެން ދިޔައީ މެޗުގެ އެންމެ ފަގު ވަގުތުކޮޅުގަ އެވެ. ހޯސޭ ކަލެހޯން ތިރިން ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެ ގޯލު ކާމިޔާބު ކުރީ ލޮރެންޒޯ އިންސިންޔޭ އެވެ.

އެ ނަތީޖާއާ އެކު ލިވަޕޫލް އޮތީ ގްރޫޕް ސީގެ ދެވަނައިގަ އެވެ. އެއްވަނައިގައި ހަތަރު ޕޮއިންޓާ އެކު ނަޕޯލީ އޮތް އިރު ތިންވަނާގައި އޮތީ ޕީއެސްޖީ އެވެ. ގްރޫޕުގެ އެންމެ ފުލުގައި އޮތީ ރެޑް ސްޓާ ބެލްގްރޭޑް އެވެ.

comment ކޮމެންޓް