ބީއެމްއެލްގެ މުވައްޒަފުން އިއްޔެ އޮފީހަށް ދިޔައީ ދަރިންނާ އެކު

ބީއެމްއެލްގެ މުވައްޒަފުން އިއްޔެ އޮފީހަށް ދިޔައީ ދަރިންނާ އެކު --- ފޮޓޯ: ބީއެމްއެލް

އިއްޔެއަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުންނަށް ތަފާތު ދުވަހެކެވެ. އެ މުވައްޒަފުން މަސައްކަތަށް ނިކުތީ ދަރިންގޮވައިގެން އެކުދިންނާ އެކު އެވެ.

މި ހާއްސަ ދުވަހާ ގުޅުވައިގެން ބޭންކުގެ ބްރާންޗުތައް ވަނީ ކުޑަކުދިންނަށް ކަމުދާނެހެން ޒީނަތްތެރިކޮށްފަ އެވެ. ކުދިންނަށް ހާއްސަ އެކި ހަރަކާތްތައް ވެސް އިއްޔެ ކުރިއަށް ގެންދިޔަ އެވެ.

މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަގުސަދަކީ މައިންބަފައިން ކުރާ މަސައްކަތް ކުދިންނަށް ދައްކާލުން ކަމަށް ބޭންކުން ބުނެ އެވެ. ހާހެއްހާ މުވައްޒަފުން ބޭންކުގައި މަސައްކަތް ކުރާއިރު މުވައްޒަފުން ބުނާ ގޮތުގައި މިފަދަ ދުވަހެއް ފާހަގަކުރުމަކީ ބޮޑު ހިތްހަމަ ޖެހުމެކެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުންނަކީ ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ މުވައްޒަފުން ކަމަށާއި މުވައްޒަފުންގެ ހިދުމަތްތަކަކަކީ އަގުވަޒަން ކުރެވޭ ވަރަށް ވުރެ ބުރަ މަސައްކަތެއް ކަމަށެވެ.

"ކުދިންނަށް މި ފަދަ ހިތްގައިމު މާހައުލެއް ގާއިމްކޮށްލެވޭ ކަމީ ހުރިހާ މުވައްޒަފުންނަށް ވެސް ލިބޭ އުފަލެއް. ބޭންކުގެ މުވައްޒަފުންނަކީ ކޮންމެ ކަމެއްގައި ވެސް ނަމޫނާ އަދި ބީއެމްއެލް އަކީ ގައުމުގެ އިގްތިސާދު ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަމުންދާ އެއް ކުންފުނި." ބީއެމްއެލް އިން ބުނެ އެވެ.

އިއްޔެގެ ހަރަކާތުގައި ބައިވެރިވި މުވައްޒަފަކު ބުނީ އެ ހަރަކާތަކީ ތަފާތު އިހުސާސެއް ގެނުވި ހަރަކާތެއް ކަމަށެވެ.

"ވަރަށް ތަފާތުކޮށް މިއަދު އިހުސާސް ކުރެވެނީ. އަޅުގަނޑުމެންް އޮފީހުގައި ކުރަމުންދާ މަސައްކަތް ކުދިންނަށް އެބަ ދައްކުވައިދެވޭ. އަދި އެހެން ކުދިންނާ އެކު އުފާވެރި އަދި ތަފާތު ކުޅިވަރުކުޅުމުގެ ހަރަކާތްތަކުގައި މިވަނީ ބައިވެރިވެފައި. މިއީ މަސައްކަތް ބުރަ އޮފީހެއް. އެކަމަކު އާއިލާގެ ފަރާތުން ލިބެމުން އަންނަ ލޯބިންނާއި މަސައްކަތުގެ މާހައުލަކީ މަސައްކަތްކުރުމަށް އިތުރު ހިތްވަރެއްލިބޭ ކަމެއް."

މިއީ ބީއެމްއެލްގެ މުވައްޒަފުން މަސައްކަތް ކުރުމަށް ހުންނަ ޝައުގުވެރިކަން މަތީ ފެންވަރެއްގައި ހިފެހެއްޓުމުގެ ގޮތުން ކުންފުނިން ހިންގާ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. މި އަހަރު ވެސް ބީއެމްއެލް އިން ވަނީ އޭޝިއާގެ ކުންފުނިތަކުގެ ތެރެއިން މަސައްކަތްކުރަން އެންމެ ރަނގަޅު ކުންފުނިތަކަށް ދޭ އެވޯޑް ހޯދައިފަ އެވެ. މިއީ އެ ބޭންކުން މި އެވޯޑު ޖެހިޖެހިގެން ހޯދި ދެވަނަ އަހަރެވެ.

comment ކޮމެންޓް