ކޫއްޑޫ މުވައްޒިފުންނަށް ދިން ޕްރޮމޯޝަން ހިފަހައްޓައި މައްސަލަ ބަލަން އޭސީސީން ނިންމައިފި

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް --

އިންތިހާބު ކައިރިވެފައި ވަނިކޮށް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުންނަށް ދިން ޕްރޮމޯޝަން ހިފަހައްޓައި އެ މައްސަލަ ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމަފި އެވެ.

މިއަދު އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ސޮއި ކުރައްވައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އުސޫލުތަކާ ހިލާފަށް އެއްވެސް މުވައްޒިފަކަށް މަގާމުގެ ކުރިއެރުން ދެއްވާފައިވާ ނަމަ، ކޮމިޝަނަށް ހުށަހައަޅާފައިވާ މައްސަލަތައް ބެލުމަށް ފަހު އޭސީސީ އިން ވަކި އެއްޗެއް އަންގަންދެން މުސާރައިގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލަށް އަމަލުކުރަން މަޑުޖައްސާލުމަށެވެ.

"ރައިސް ޔާމީންގެ ކެމްޕެއިންގައި ހަރަކާތްތެރިވި ކޫއްޑޫ ފިޝަރީޒްގެ މޯލްޑިވްސް ލިމިޓެޑްގެ މުވަޒިފުންނަށް މިދުވަސްވަރު ޕްރޮމޯޝަން ދޭން ނިންމާފައިވާ ކަމަށާއި މި ޕްރޮމޯޝަން ދެމުން ދަނީ އެއްވެސް އުސޫލެއް ނެތި ދަރަޖަވެސް އެތައް ގުނައެއް ކުރިއަށް ޖައްސަމުން ދާ ކަމަށް ބުނެ މި ކޮމިޝަން އިން މައްސަލަތަކެއް ހުށައަޅާފައިވާތީ އެމައްސަލަތައް މި ދަނީ ބަލަމުން،" އޭސީސީ އިން ކޫއްޑޫ ފިޝަރީޒް އަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ރިޔާސީ އިންތިހާބަށް ތިން ދުވަސް ވެފައި ވަނިކޮށް ކޫއްޑޫ ފިޝަރީޒް އިން ވަނީ ބައެއް މުވަޒިފުންނަށް މަގާމުގެ ކުރިއެރުން ލިބުނު ކަމުގެ ލިޔުން ހަވާލު ކޮށްފަ އެވެ.

comment ކޮމެންޓް