ރައްޔިތުންގެ ނިންމުން ދަމަހައްޓާނަން: ސަލާމަތީ ބާރުތައް

މާލޭގައި މީގެ ކުރިން ސިފައިންނާއި ފުލުހުން އަމަން ބަލަހައްޓަނީ: ރިޔާސީ އިންތިހާބްގައި ރައްޔިތުން ނިންމި ނިންމުން ދަމަހައްޓާނެ ކަމަށް ސަލާމަތީބާރުތަކުން ވަނީ ބުނެފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ނިމިދިޔަ ރިޔާސީ އިންތިހާބްގައި ރައްޔިތުން ނިންމި ނިންމުން ދަމަހައްޓާނެ ކަމަށް ސަލާމަތީ ބާރުތަކުން ބުނެފި އެވެ.

ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިން އެ ގޮތަށް ހާމަކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބްގެ ނަތީޖާ އެހެން ގޮތަކަށް ބަދަލުކުރުމަށް ސިފައިންނާއި ފުލުހުން އެއްބާރުލުން ނުދިނުމަށް އެދި އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދަނިކޮށެވެ.

އެގޮތުން ސިފައިންގެ އިންފޮމޭޝަން އޮފިޝަރު އިބްރާހިމް އާޒިމް ވިދާޅުވީ 23 ސެޕްޓެމްބަރ ގައި ބޭއްވި އިންތިހާބްގައި ދިވެހި ރައްޔިތުން ވަނީ ގޮތް ނިންމާފައި ކަމަށާއި އެ ނިންމުން ސިފައިން ދަމަހައްޓާނެ ކަން ރައްޔިތުންނަށް ދަންނަވާ ކަމަށެވެ. ހަމަ އެގޮތަށް އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވެސް ވަނީ ދިވެހިންގެ ނިންމުމަށް އިހްތިރާމްކޮށް އެ ނިންމުން ފުލުހުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރުމަށް ޕީޕީއެމުން ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް އެ ޕާޓީން ވަނީ އެކަން ދޮގުކޮށްފައެވެ.

ޕީޕީއެމުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވަނީ އާންމު މެންބަރުންގެ ފަރާތުން ލިބިފައިވާ ބައެއް ޝަކުވާތައް ކަމަށާއި ނަމަވެސް އިންތިހާބް ބާތިލް ކުރަން ނުވަތަ ނަތީޖާ އިއުލާން ކުރުން ފަސް ކުރަން އެދިފައި ނުވާނެ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކް ވަނީ ވިދާޅުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބު ކާމިޔާބުކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ ވޯޓްލީ މީހުންގެ 58.4 ޕަސެންޓެވެ. ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން މި އިންތިޚާބުގައި ވަނީ ވޯޓުލާފަ އެވެ.

މި ނަތީޖާ ގަބޫލުފުޅު ކުރެއްވި ކަން އިންތިޚާބު ބޭއްވި ދުވަހުގެ ފަހު ދުވަހު ގައުމާ މުޚާތަބު ކުރައްވައި ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް