ނުހައްގުން އިންޑިއާ ޖަލުގައި ތިން އަހަރު ބަންދުކޮށްފައިވާތީ އެކަމުގެ ބަދަލު އިންޑިއާ ސަރުކާރުން ދޭންޖެހޭނެ ކަމަށް ދިވެހި ފިލްމީތަރި ފައުޒިއްޔާ ހަސަން ބުނެފި އެވެ.
އިންޑިއާގެ "ދަ ހިންދޫ" އަށް ދިން އިންޓަވިއުއެއްގައި ފައުޒިއްޔާ ބުނެފައި ވަނީ ފޭކް އައިއެސްއާރްއޯ އެއްގެދަށުން އޭނާ އިންޑިއާގެ ޖަލަށްލައި ހައްގުތަކުން މަހުރޫމު ކުރިކަމަށެވެ.
"އެކަމުގެ ބަދަލު ހޯދަން ކޯޓަށް ނުދިޔަ ނަމަވެސް، އިންޑިއާ އިން އަހަންނަށް ބަދަލު ދޭންޖެހޭނެ. އިންޑިއާ ސަރުކާރާއި ކެރަލާ ސަރުކާރުން އޭރު އަހަންނަށް ދިން އަނިޔާއާ އެކު އަހަރެންގެ ދަރިފުޅުގެ ކިޔެވުން ވެސް ގެއްލުނީ. އިންޑިއާގެ ސިފައިންގެ އަމަލުތަކުގެ ސަބަބުން އިންޑިއާގައި އޭރު ކިޔަވަމުން ދިޔަ އަހަރެންގެ ދަރިފުޅުގެ ކިޔެވުން ވެސް ޖެހުނީ ހުއްޓާލަން،" ފައުޒިއްޔާ ބުނެފައިވެ އެވެ.
"އަހަންނަށް ލިބުނު ނަފްސާނީ. ޖިސްމާނީ އަދި އެހެން ގެއްލުންތަކުގެ ބަދަލު ވެސް ދޭންޖެހޭނެ،" ފައުޒިއްޔާ ބުނީ ނުހައްގުން އަނެއްކާ ވެސް ހައްޔަރުކޮށްފާނެތީ އިންޑިއާއަށް ދާން ޖެހިލުންވާ ކަމަށެވެ.
ފައުޒިއްޔާ އާއި ރާއްޖެ އަށް އުފަން މަރިޔަމް ރަޝީދާ 1994 ވަނަ އަހަރު އިންޑިއާ އިން ހައްޔަރު ކޮށްފައި ވަނީ ޖާސޫސްކުރުމުގެ ތުހުމަތުގަ އެވެ. އެމީހުންގެ އިތުރުން އިންޑިއާގެ ޖައްވީ އިދާރާ (އައިއެސްއާރުއޯ)ގެ އިސް ދެ ސައެންސްވެރިން ކަމަށް ވާ ނަމްބީ ނާރަޔަން އާއި ޑީ ސަސިކުމާރުގެ އިތުރުން ރަޝިއާގެ ޖައްވީ އިދާރާގެ ފަރާތުން އިންޑިއާގައި ހުންނަ މަންދޫބެއް ކަމަށްވާ ޗަންދުރަޝޭކަރު ހިމެނޭ ގޮތަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ފައުޒިއްޔާ ހައްޔަރު ކުރި އިރު އޭނާ އަތުގައި އެއްއަހަރުގެ ވިސާ އޮތްކަމަށް ފައުޒިއްޔާ ވަނީ ދަ ހިންދޫ އަށް ބުނެފަ އެވެ. އޭނާ ދޫކޮށްލީ ނުހައްގުން މީހަކު ބަންދުގައި ބެހެއްޓުން މަނާކުރާ ގާނޫނުގެ ދަށުން ކަމަށެވެ.