ތެލުގެ ވަގު ވިޔަފާރި ކުރާ ކުންފުންޏާ ރައީސް ޔާމީނާ ގުޅުމެއް ނެތް: ފުލުހުން

ދިވެހި ދިދައާއި އުތުރު ކޮރެއާ ދިދަ ޖެހި ދެ އުޅަނދަކުން ކަނޑުމަތީގައި މުއާމަލާތްތަކެއް ހިންގަނިކޮށް ޖަޕާނުގެ ކަނޑުގެ ސިފައިން ނަގާފައިވާ ފޮޓޯ: -- މޯފާ

ރާއްޖެއިން ބޭރުގައި ގަވާއިދާ ޚިލާފަށް ތެލުގެ ވަގު ވިޔަފާރިކުރާ ދިވެހި ކުންފުންޏަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެއްވެސް ގުޅުމެއް އޮތް ކުންފުންޏެއް ނޫން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ.

ފުލުހުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނާ ތެޔޮ ޓޭންކަރަކުން އުތުރުކޮރެއާގެ ތެޔޮ ޓޭންކަރަކަށް ގަވާއިދާ ހިލާފު މުއާމަލާތްތަކެއް ކުރިކަމަށް ބުނާ މައްސަލައިގެ ތަހުގީގު ފުލުހުން ފުރިހަމަކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ދައުވާ އުފުލާފައިވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާކަންވެސް ޝިފާން ފާހަގަކުރެއްވިއެވެ.

އެ މައްސަލަ ފުޅާ ދާއިރާއެއްގައި ތަހުގީގުކޮށްފައިވާއިރު އެކަމުގައި ރައީސް އަބްދުﷲ ޔާމީންގެ އެއްވެސް ބައިވެރިވުމެއް ނެތްކަން ތަހުގީގަށް އެނގިފައިވާ ކަމަށް ޝިފާން ވިދާޅުވިއެވެ.

"އެ މައްސަލާގައި ފުޅާ ދާއިރާއެއްގައި އެކި ފަރާތްތަކުގެ މައުލޫމާތު ހޯދި ގިނަ ފަރާތްތަކަކާއި ސުވާލު ކުރެވިފައިވާއިރު އެއްވެސް ސުވާލުކުރެވުނު ފަރާތަކުން މި މައްސަލައާ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ބައިވެރިވުމެއް ވާކަމަށް އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާކޮށްފައި ނުވާކަން ދަންނަވަން،" ޝީފާން ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން ތެޔޮ ޓޭންކަރުގެ މައްސަލައާ ރައީސް ޔާމީންއާ އެއްވެސް ގުޅުމެއް ވާކަމުގެ ހެއްކެއް ގަރީނާއެއްވެސް ފުލުހުންގެ ތަހުގީގަށް ލިބިފައި ނުވާކަން ޝިފާން ފާހަގަކުރެއްވިއެވެ.

ގައުމީ ސަލާމަތާއި ގުޅުންހުރި އެފަދަ ބޮޑެތި މައްސަލަތަކުގައި ދޮގު ވާހަކަ ދެއްކުމާއި ފުލުހުންނަށް ނިސްބަތްކޮށް ދައްކާ ސާބިތު ނުހިފޭ ހުރިހާ ވާހަކައެއް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ޝިފާން ވިދާޅުވިއެވެ. އަދި އެފަދަ ވާހަކަތައް ނުފެތުރުމަށް ޝިފާން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖޭން ބޭރުގައި ގަވައިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ދިވެހި ކުންފުންޏަކާއި ރައީސް އަބްދުﷲ ޔާމީނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީން ވަނީ އެންޓި ކަރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅާފައެވެ.

comment ކޮމެންޓް