ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޝެއިޚު އިލްޔާސަށް އަންގައިފި

ޝައިޚް އިލްޔާސް ހުސައިން --- ސަން ފޮޓޯ : މުހަންމަދު އަފްރާހް

އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަ ދެއްކެވި ކަމަށް ބުނެ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚު އިލްޔާސް ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުންގެ ފަރާތުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައަކީ އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ އެހީތެރިކަމާއެކު ފުޅާ ދާއިރާއެއްގައި ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް ކަމަށެވެ. އަދި ޑރ. އަފްރާޝީމްގެ ގާތިލުން ހޯދައި ހުކުމް އިއްވާފައިވާކަންވެސް ޝިފާން ފާހަގަކުރެއްވިއެވެ.

ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން ނުވަ ޒުވާނަކު މަރާލެވިފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުންދާ ކަމަށް ޝައިހް އިލްޔާސް ވިދާޅުވެފައިވާތީ، އެކަން ކުށްވެރި ކުރައްވައި ޝިފާން ވިދާޅުވީ މިހާތަނަށް އެފަދަ ވާހަކައެއް ފުލުހުންގެ އިދާރާއާ ހިއްސާކޮށްފައި ނުވާތީ އެ ވާހަކަތަކުގެ ތެދު ދޮގުމިނާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން --- ސަން ފޮޓޯ: އަހުމަދު އަވްޝަން

"ހަމަ ގައިމުވެސް މިފަދަ ދޮގު ވާހަކަތަކެއް ދެއްކުމުގެ ބޭނުމަކީ ފުލުހުންނާއި ދިވެހި ދައުލަތާއި ރައްޔިތުންގެ ހިތުގައި ބިރުވެރިކަމާއި ފިތުނަ އުފައްދައި މިކަން ކަމުގައި ރައްޔިތުންގެ ވިސްނުން ބަދަލުކޮށް ރައްޔިތުންގެ މެދުގައި ދިވެހި ފުލުހުންނާއި ދޭތެރޭ އޮންނަ އިތުބާރު ނަގާލަން މަސައްކަތްކުރުން ކަމުގައި ފުލުހުން ދެކެން،" ޝިފާން ވިދާޅުވިއެވެ.

ކުރިއަށް އޮތީ ރިޔާސީ އިންތިހާބު ކަން ފާހަގަކޮށް ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި އެ ފަދަ ދޮގު ވާހަކައެއް ޝެއިހް އިލްޔާސް ދައްކަވާފައި ވަނީ އިންތިހާބަށް ނުފޫޒުފޯރުވުމުގެ ގޮތުން ކަމަށް ޝިފާން ވިދާޅުވިއެވެ.

"މިކަމުގެ އިތުރު މައުލޫމާތު ސާފުކުރުމަށްޓަކައި ޝެއިހް އިލްޔާސަށް ވާނީ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް މިހާރު އެންގިފައި،" ޝިފާން ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ޝެއިހް އިލްޔާސް ވިދާޅުވީ ޑރ. އަފްރާޝީމްގެ މަރުގެ ހަގީގަތް އަދިވެސް ހޯދިފައި ނުވާ ކަމަށެވެ. އަދި އެ މަރާ ގުޅިގެން އިތުރު ޒުވާނުންތަކެއްވެސް މަރާލާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާކަމަށް އިލްޔާސް ވިދާޅުވިއެވެ.

"ޑރ. އަފްރާޝީމްގެ މަރާއި ގުޅިގެން ސޯޝަލް މީޑިއާގައި އަޅުގަނޑުމެނަށް ފެނިގެން ދިޔަ ހަބަރުތަކަށް ބަލާއިރު ނުވަ ވަރަކަށް ޒުވާނުން އެއްވެސް ކަހަލަ ރަހުމެއް ނެތް ގޮތުގައި މަރާލެވެއްޖެ. ކީއްވެހޭ ތަހުގީގު ނުކުރެވުނީ،" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސްގެ އެ ވާހަކަތަކާއި ގުޅިގެން އޭނާ ހައްޔަރުކޮށް ތަހުގީގުކުރުމަށް ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވަނީ ގޮވާލައްވާފައެވެ.

comment ކޮމެންޓް