ހައިދަރުއާބާދުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ރަން ތަށިބަރިއެއް ވަގަށް ނަގައިފި

ހައިދަރުއާބާދުގެ ކުރީގެ ޝާހީ އާއިލާއަށް ނިސްބަތްވާ ރަން ތަށިބަރިއެއް ވަނީ ވަގަށް ނަގާފައި -- ފޮޓޯ: އެންޑީޓީވީ

ހައިދަރުއާބާދު (ސެޕްޓެމްބަރު 5): އިންޑިއާގެ ހައިދަރުއާބާދުގައި އެންމެ ފަހުން ރަސްކަން ކުރި ޝާހީ އާއިލާއަށް ނިސްބަތްވާ ރަން ތަށިބަރިއެއް ވަގަށް ނެގި މައްސަލަ އެގައުމުގެ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު މީގެ ކުރިން ހޯދި ރަސްގެފާނު މިރު އުސްމާން އަލީ ޚާންއަށް ނިސްބަތްވާ އެތަށި ބަރިއަކީ އަލިމަހުން ޖަރީކޮށްފައިވާ އެއްޗެކެވެ.

މިހާރު ދާރުލްއާސާރަކަށް ހަދާފައިވާ ރަސްގެފާނުގެ ގަނޑުވަރުން އެތަށިބަރީގެ އިތުރުން ރަން ޖޯޑަކާއި ވަތުތަށްޓެއްވެސް ވަގަށް ނަގާފައެވެ. އެއެއްޗެހީގެ ބަރުދަން ތިން ކިލޯއަށް އަރާ އިރު، އޭގެ އަގު ހަތް މިލިއަން ޑޮލަރަށް އަރާނެކަމަށް ރިޕޯޓުތަކުގައިވެއެވެ.

ހައިދަރުއާބާދުގެ ފުލުހުން ބުނި ގޮތުގައި އެތަކެތި ވަގަށް ނެގި ކަމަށް ބެލެވެނީ އާދީއްތަ ދުވަހުގެ ރޭ ދެ މީހަކު ވެގެންނެވެ. އަދި ވައްކަން ކުރި މީހުން ވަނީ ސީސީޓީވީ ކެމެރާތައް ހުއްޓުވައި، ތަށިތައް ބަހައްޓާފައިވާ ކެބިނެޓުގެ ބިއްލޫރި ދޮރު ނައްޓާފައެވެ.

މީގެ 10 އަހަރު ކުރިންވެސް އެ އާއިލާއަށް ނިސްބަތްވާ ކަނޑިއެއް އެހެން ސިޓީއެއްގެ ދާރުލްއާސާރުން ވަގަށް ނަގާފައިވެއެވެ.

(ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް