ބެލޮންޑިއޯގެ ގަދަ ތިނެއްގައި އަހަރެން ހިމެނެން ހައްގު: ގްރީޒްމަން

ފްރާންސްގެ ފޯވާޑް ގްރީޒްމަން: ބެލޮންޑިއޯގެ ގަދަ ތިނެއްގައި ހިމެނުން ހައްގު ކަމަށް އޭނާ ބުނޭ -- ފޮޓޯ: ސޮކަޓްރައިބް

ފަރަންސޭސިވިލާތުގެ ފުޓްބޯޅަ މެގަޒިން، ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑުގެ ގަދަ ތިނެއްގައި މި އަހަރު އޭނާ ހިމެނެން ހައްގު ކަމަށް އެތްލެޓިކޯ މެޑްރިޑުގެ ތަރި އެންޓުއާން ގްރީޒްމަން ބުނެފި އެވެ.

އުމުރުން 27 އަހަރުގެ ގްރީޒްމަންގެ ކެރިއަރުގެ އެންމެ ކާމިޔާބު އަހަރަކީ މި އަހަރެވެ. އޭނާ ވަނީ މި އަހަރު އެތްލެޓިކޯ މެޑްރިޑާއެކު ޔޫރަޕާ ލީގު ހޯދުމުގެ އިތުރުން، ފްރާންސާއެކު މި އަހަރު ރަޝިއާގައި އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. އެ މުބާރާތުގައި އޭނާ ޖުމްލަ ހަތަރު ގޯލު ޖެހި އިރު ފައިނަލް މެޗުގައި ވެސް އޭނާގެ ގޯލު ފެނިގެން ދިޔަ އެވެ. ވޯލްޑް ކަޕުގެ ގޯލްޑަން ބޯލް ދޭން ނެގި ވޯޓުން މޮޑްރިޗް މޮޅުވި އިރު އެ ވޯޓުގައި ބެލްޖިއަމްގެ ހަޒާޑުގެ ފަހަތުން ތިން ވަނާގައި ވެސް އޮތީ ގްރީޒްމަން އެވެ. މީގެ އިތުރުން މި ސީޒަން ފެށުނު އިރު އޭނާ ވަނީ ޔޫއެފާ ސުޕާކަޕުގައި ރެއާލް މެޑްރިޑް ބަލިކޮށް އެލްތެޓިކޯއާ އެކު އެ ތަށިވެސް އުފުލާލައިފަ އެވެ.

"ލެ އިކުއިޕް"އާ ވާހަކަ ދައްކަމުން ގްރީޒްމަން ބުނީ މި އަހަރު ބެލޮންޑިއޯ އެވޯޑުގެ ގަދަ ތިނެއްގައި އޭނާ ހިމެނުން ހައްގު ކަމަށެވެ. އަދި 2016 ވަނަ އަހަރު އެ އެވޯޑުގެ ގަދަ ތިނެއްގައި އޭނާ ހިމެނުނު އިރު އޭނާ ވަނީ އެ އަހަރާއި މި އަހަރު ހޯދި ކާމިޔާބީތަކާ އަޅާ ކިޔާފަ އެވެ.

"އެ އަހަރު އަހަރެން ކުޅުނު ދެ ފައިނަލް މެޗުގައި ވެސް ވީ ބަލި. މި އަހަރު ކުޅުނު ތިން ފައިނަލުގައި އަހަރެން މޮޅުވި،" އޭނާ ބުންޏެވެ.

ބެލޮންޑިއޯގެ ގަދަ ތިނެއްގައި ހިމެނުމުގެ އުންމީދު އޭނާ ކުރާ އިރު ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑުގެ ގަދަ ތިނަކަށް ގްރީޒްމަން ނޮމިނޭޓުވެފަ އެއް ނުވެ އެވެ. އަދި ވޯލްޑް ކަޕް އުފުލާލި ފްރާންސްގެ ސްކޮޑުގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކު އެ އެވޯޑަށް ނޮމިނޭޓުވެފައި ނުވެ އެވެ. ގްރީޒްމަން ވަނީ އެއީ ގަބޫލު ކުރަން ދަތި ކަމެއް ކަމަށް ބުނެ އޭނާގެ ހައިރާންކަން ފާޅުކޮށްފަ އެވެ.

"އަހަރެމެން ވޯލްޑް ކަޕް ތަށި އުފުލާލިން، އެކަމަކު ފްރާންސް ސްކޮޑުގެ ކުޅުންތެރިއަކު ނުހިމެނޭ ޝޯޓްލިސްޓުގައި. އެއީ އެމީހުން [ފީފާއިން] ނިންމި ގޮތް، އެކަމަކު އަހަރެން ވަރަށް ހައިރާންވޭ،" ގްރީޒްމަން ބުންޏެވެ.

ގްރީޒްމަން ވަނީ މި އަހަރު އެތްލެޓިކޯ މެޑްރިޑަށް 33 މެޗުގައި 23 ގޯލު ޖަހާފަ އެވެ. އަދި 2014 ވަނަ އަހަރު އެ ކްލަބާ ގުޅުނު ފަހުން އޭނާ ވަނީ ކްލަބަށް 145 މެޗު ކުޅެދީ 80 ގޯލު ޖަހައިދީފަ އެވެ. އަދި ފްރާންސްގެ ގައުމީ ޓީމަށް އޭނާ ވަނީ މިހާތަނަށް 61 މެޗު ކުޅެދީ 24 ގޯލު ޖަހައިދީފަ އެވެ.

comment ކޮމެންޓް