އިންޑިއާގެ އޭވިއޭޝަން އިންޑަސްޓްރީއަށް ބިލިއަން ޑޮލަރުގެ ގެއްލުން

އެއާ އިންޑިއާގެ ފްލައިޓެއް: އެ އެއާލައިން ވެސް މިހާރު ވަނީ ގާތްގަނޑަކަށް ބަނގުރޫޓު ވެފައި.

އަވައްޓެރި އިންޑިއާގެ އޭވިއޭޝަން އިންޑަސްޓްރީއަށް މި އަހަރު ނިމޭއިރު 1.9 ބިލިޔަން ޑޮލަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިވާނެ ކަމަށް ތަޖުރިބާކާރުން ލަފާކޮށްފިއެވެ.

ގޮންޖެހުންތައް އިންތިހާއަށް ބޮޑުވެފައިވާ ކަމަށް އެ ގައުމުގެ އެއާލައިންތަކުން ބުނަމުން ދަނިކޮ، މި އަހަރު އެއާލައިންތަކަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ލަފާކުރީ އެ ގައުމުގެ އޭވިއޭޝަން އިންޑަސްޓްރީ ދިރާސާކުރާ ކާޕާ އިންޑިއާ އިންނެވެ.

ކާޕާ އިންޑިއާއިން ލަފާކުރާ ގޮތުގައި އެންމެ ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނީ މިހާރު ވެސް ދަރަނިން ސަލާމަތް ނުވެގެން އުޅޭ އެއާ އިންޑިއާ އާއި ޖެޓް އެއާވޭސް ފަދަ ފުލް ސާވިސް އެއާލައިން ތަކަށެވެ.

އިންޑިއާގެ އެއާލައިން ތަކަށް މާލީ ގޮންޖެހުންތަކާ ކުރިމަތިވެފައި ވަނީ، އިންޑިއާގެ އޭވިއޭޝަން ސެކްޓަރުގައި ހަރަކާތްތެރިވާ ކުންފުނިތައް ގިނަވުމުން ޓިކެޓުގެ އަގުތައް ދަށްވެފައި ވާތީއެވެ.

މީގެ ކުރިން، ޖެނުއަރީ މަހު ކާޕާއިން ނެރުނު ރިޕޯޓުގައި ލަފާކޮށްފައި ވަނީ އަހަރު ނިމޭއިރު، އޭވިއޭޝަން އިންޑަސްޓްރީއަށް 430 މިލިޔަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިވެފައެވެ. ނަމަވެސް އެ ރިޕޯޓް އަލުން ރިވައިޒްކޮސް، ގެއްލުން ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރީ މިދިޔަ ހޯމަ ދުވަހު ކާޕާ އިން ނެރުނު ރިޕޯޓުގައެވެ.

ކާޕާ އިން އަލަށް ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ގެއްލުން ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެނީ ޖެޓް ފިއުލް އަގުބޮޑުވުމާއި، އިންޑިއާ ރުޕީސްގެ އަގު ވެއްޓުމުން ކަމަށް ބުނެފަ އެވެ.

އެއާލައިންތަކުގެ ހަރަދުތައް އިތުރުވަމުން އަންނަ މިންވަރަށް، ޓިކެޓުތަކުގެ އަގުތައް އުފުލެމުން ނުދާ ކަމަށް ވެސް ކާޕާގެ ރިޕޯޓުގައި ވެއެވެ.

އިންޑިއާގެ އޭވިއޭޝަން އިންޑަސްޓްރީގައި، މަތީގައި ބުނެފައިވާ ގޮންޖެހުންތަކަށް ކުރިމަތި ލެވޭ ވަރުގެ މާލީ ތަނަވަސްކަން ލިބިފައި ވަނީ އިންޓަގްލޯބަލް އޭވިއޭޝަން ލިމިޓެޑުގެ އިންޑިގޯއަށް އެކަނި ކަމަށް ކާޕާ އިން ބުނެއެވެ.

comment ކޮމެންޓް