ޓްރިލިއަން ރޭހުގެ ދެވަނައަށް އެމޭޒަން، އެކަމަކު ހިފަހައްޓައެއް ނުލެވުނު!

އެމޭޒަނަކީ ޓްރިލިއަން ޑޮލަރަށް އަގު ކުރެވުނު ދެ ވަނަ ކުންފުނި.

ޓްރިލިއަން ޑޮލަރަށް އަގުކުރެވުނު ދެވަނަ ކުންފުންޏަކަށް އޮންލައިން ވިޔަފާރީގެ ކުރީގައި އުޅޭ އެމޭޒަން ވެއްޖެއެވެ.

މާކެޓް ކެޕިޓަލައިޒޭޝަން ނުވަތަ ކުންފުނީގެ ރައުސްމާލުގެ އަގު އެއް ޓްރިލިއަން ޑޮލަރަށް އެރި ފުރަތަމަ ކުންފުންޏަކީ މަޝްހޫރު އައިފޯން އުފައްދާ އެޕަލްއެވެ. އެޕަލް ޓްރިލިއަން ރޭހުގެ އެއްވަނަ ހޯދީ އޮގަސްޓް މަހުގެ ކުރީކޮޅުއެވެ.

އެމޭޒަން ޓްރިލިއަން ޑޮލަރަށް އެރީ، ހިއްސާގެ ބާޒާރު ހުޅުވުމާއެކު އެ ކުންފުނީގެ ހިއްސާގެ އަގު ދެ ޕަސެންޓަށް އިތުރުވުމުންނެވެ. ޓްރިލިއަން ޑޮލަރުގެ ކުންފުންޏެއްގެ ގޮތުގައި އޮތް ވަގުތު އެ ކުންފުނީގެ ހިއްސާއެއްގެ އަގު އުޅުނީ 2،050.50 ޑޮލަރުގައެވެ.

ނަމަވެސް، ޓްރިލިއަން ޑޮލަރަށް އެރުމަށް ފަހު ކުޑަ އިރުކޮޅެއްގެ ތެރޭގައި ހިއްސާގެ އަގު 0.12 ޕަސެންޓް ވެއްޓުނީއެވެ. އެއާއެކު އެ ކުންފުނީގެ ޓްރިލިއަން ޑޮލަރުގެ އަގުކުރުންވެސް ގެއްލިގެން ދިޔައީއެވެ.

މިހާރު އެ ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަނަކީ 994 ބިލިޔަން ޑޮލަރެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެމޭޒަން ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް ބަދަލުވެ، އެ ލިސްޓުގައި ހަމަޖެހިލާނެއެވެ.

އެ ކުންފުނީގެ އަގު ބިލިޔަން ޑޮލަރަށް އެރި އިރު، ސީއީއޯ ޖެފް ބޭޒޯސްއަކީ މިހާރު ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާ އެވެ. އޭނާގެ މާލިއްޔާގެ އަގު މިހާރު ވަނީ 112 ބިލިޔަން ޑޮލަރަށް ވުރެ މަތިވެފަ އެވެ.

އެ ލިސްޓުގެ ދެ ވަނާގައި އުޅެނީ، ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި އެތައް އަހަރެއް ހޭދަކުރި، މައިކްރޯސޮފްޓުގެ ބާނީ ބިލް ގޭޓްސްއެވެ. އޭނާގެ މާލިއްޔާގެ އަގަކީ 90 ބިލިޔަން ޑޮލަރެވެ.

comment ކޮމެންޓް