ހަތަރުވަނަ ޖީއެމް ފޯރަމް ބާއްވާ ދުވަސް އިއުލާނުކޮށްފި

މި އަހަރު ބޭއްވި ތިން ވަނަ ޖީއެމް ފޯރަމުގެ ތެރެއިން --- ފޮޓޯ/ ހޮޓެލިއާ

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޖެނެރަލް މެނޭޖަރުންނަށް އަމާޒުކޮށްގެން ހޮޓެލިއާ މޯލްޑިވްސްއިން ބާއްވަމުން އަންނަ ޖީއެމް ފޯރަމްގެ ހަތަރުވަނަ ފޯރަމް އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވަން ނިންމައިފިއެވެ.

އެއްދުވަހުގެ މުއްދަތަށް ބާއްވާ ފޯރަމް އޮންނާނީ އަންނަ އޭޕްރިލް މަހުގެ ތިންވަނަ ދުވަހު، ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ބަނޑޮސް އައިލެންޑް ރިސޯޓުގައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވާ ފޯރަމްގައި އަންނަ އަހަރު މަޝްވަރާކުރަން ހަމަޖެހިފައިވަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ޓްރެންޑްތަކާއި، އިންޑަސްޓްރީއަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ މައްޗަށެވެ.

އޭގެ އިތުރުން، ހޮޓެލް ސޭފްޓީ އެންޑް ސެކިއުރިޓީއާއި ދެމެހެއްޓެނިވި ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަށް ގެންދިއުމުގެ އިތުރުން ޓޫރިޒަމް ދާއިރާގެ ތައުލީމީ ފުރުސަތުތަކާއި ގުޅޭގޮތުން އެ ފޯރަމުގައި މަޝްވަރާ ކުރާނެއެވެ. އަދި އެއާޕޯޓުތަކާއެކު ޓޫރިޒަމް އިންޑަސްޓްރީއަށް އަންނާނެ ކުރިއެރުންތަކާއި، ރީޖަނަލް އެއާޕޯޓްތައް އިތުރުވުމުން ގެސްޓް ޓްރާންސްފާތަކަށް އަންނާނެ ބަދަލުތަކުގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ އަންހެނުންނަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން އެ ފޯރަމުގައި މަޝްވަރާ ކުރާނެއެވެ.

ހޮޓެލިއާ މޯލްޑިވްސްއިން ބުނީ ތަޖުރިބާކާރުންނާއި ޓޫރިޒަމް އިންޑަސްޓްރީގެ ވިޔަފާރިވެރިންގެ އިތުރުން ރިސާޗް އަދި އިނޮވޭޝަން އިންޑަސްޓްރީގައި ހަރަކާތްތެރިވާ މީހުންނަށްވެސް އަންނަ އަހަރު އޮންނަ ޖީއެމް ފޯރަމުގައި ބައިވެރިވެވޭނެ ކަމަށެވެ.

ޖީއެމް ފޯރަމުގެ ބައިވެރިންނަށް؛ ޕްރެޒެންޓޭޝަންތައް ހުށަހެޅުމާއި، ކިއުއެންޑްއޭ ސެޝަންތަކުގައި ބައިވެރިވުމުގެ އިތުރުން ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

އަންނަ އަހަރުގެ ޖީއެމް ފޯރަމުގައި ބައިވެރިވާން، ރެޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނީ އަންނަ އަހަރު ކުރީކޮޅު ކަމަށް ހޮޓެލިއާ މޯލްޑިވްސްއިން ބުނެއެވެ.

comment ކޮމެންޓް