ލަންކާގެ ބޮޑު މުޒާހަރާއަށް 5،000 އަށް ވުރެ ގިނަ ސިފައިން ނެރެނީ

މިއަދު ލަންކާގެ އިދިކޮޅުފަރާތްތަކުން ބާއްވާ ބޮޑު މުޒާހަރާއަށް ފުލުހުން ތަކެއް ހަރަކާތްތެރި ވަނީ -- ފޮޓޯ/ ޓުވިޓަރ

ސްރީލަންކާގެ އިދިކޮޅު ފަރާތްތަކުން ކުރާ ބޮޑު މުޒާހަރާއަށް 5،000 އަށް ވުރެ ގިނަ ސިފައިން ރަޔަޓު ގިޔަރުގައި ނެރޭނެ ކަމަށް ލަންކާ ފުލުސް އިދާރާގެ އޮފިޝަލަކު ބުނެފިއެވެ.

ފުލުހުންގެ އިދާރާގެ އިސް އޮފިޝަލަކާއި ހަވާލާދީ ޑެއިލީ މިރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް ކޮލޮމްބޯގެ އެކި ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.

އިއްޔެ ކެބިނެޓުން ވަނީ މި މުޒަހަރާއިން އެހެން ރައްޔިތުންނަށް އުނދަގޫކޮށް ގެއްލުން ދީ، ގާނޫނާއި ހިލާފުވާނަމަ ބޭނުންކުރެވެން އޮތް އެންމެ ހަރުކަށި ބާރެއް ބޭނުންކޮށްގެން ވިޔަސް އެއްވުން ރޫޅާލަން ނިިންމާފައެވެ.

މީޑިއާތަކަށް މައުލޫމަތު ދެމުން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނާމަލް ރާޖަޕަކްސަ ވިދާޅުވީ މިއަދުގެ މުޒާހަރާގެ އަމާޒަކީ ސަރުކާރު ވައްޓާލައި، އަވަސް އިންތިހާބަކަށް ގޮވާލުމަށް ބައްވާ މުޒާހަރާއެއް ކަމަށެވެ. އަދި މުޒާހަރާ އެއްވުމަކީ ސުލްހަވެރި އެއްވުމަކަށް ވާނެކަމަށާއި މުޒާހަރާ ރަވާފައިވަނީ އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ގޮތައް ކަމަށެވެ.

"މި މުޒާހަރާއަކީ ސަރުކާރައް އޮތް ބޮޑު ބިރެއް، އެހެން ކަމުން ސަރުކާރުން ދަނީ މުޒާހަރާއަކީ ހަމަނުޖެހުން ހިންގަން ރާވާ މުޒާހަރާއެއްކަމަށް ވިދާޅުވެ ދޮގު ހަބަރު ފަތުރަމުން" ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނާމަލް ރާޖަޕަކްސަ ވިދާޅުވިއެވެ.

comment ކޮމެންޓް