މެސީ ކުޅުން ހުއްޓާލަނީ، އެކަމަކު ބާސާގެ ކޮންޓްރެކްޓް ހަމަވުމުން!

ބާސެލޯނާގެ އާޖެންޓީނާ ސުޕަރސްޓާރ، ލިއޮނަލް މެސީ-- ފޮޓޯ: އޭޕީ

ބާސެލޯނާއާއެކު ހަދާފައި ވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން ފުޓްބޯޅަ ކުޅުން ހުއްޓާލަން ވިސްނަމުންދާ ކަމަށް އެ ކްލަބަށް ކުޅެމުން އަންނަ އާޖެންޓީނާގެ ސުޕަރސްޓަރ، ލިއޮނަލް މެސީ ބުނެފިއެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، އިނގިރޭސިވިލާތުގެ އެކްސްޕްރެސް ނޫހަށް ދިން އިންޓަރވިއުއެއްގައި ބުނީ، ކުޅުންތެރިއެއްގެ ގޮތުގައި އިތުރަށް ކުރިއަށް ދާނީތޯ ނުވަތަ ނޫން ވިސްނާނީ މިހާރު ބާސާއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ކަމަށެވެ.

ފަސް ފަހަރު ބެލޮންޑިއޯ އެވޯޑު ހޯދައިފައިވާ، މިހާރު އުމުރުން 31 އަހަރުގެ މެސީ ބާސާއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2021 ވަނަ އަހަރުއެވެ.

"އަހަރެން މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން ކުޅޭނަން،" މެސީ ބުންޏެވެ.

"ދެން އަހަރެން އިތުރަށް ކުރިއަށް ދާނީތޯ ނުވަތަ ނޫންތޯ ކްލަބާ މަޝްވަރާކުރާނީ. އަހަރެން އެކަމަކާ ފިކުރެއް ނުކުރަން."

މިދިޔަ އާދީއްތަ ދުވަހު، ސްޕެނިޝްލީގުގައި ބާސާއިން ހުއެސްކާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖަހައި މެސީ ވަނީ، އަނެއްކާވެސް އާ ރެކޯޑެއް ގާއިމުކޮށްފައެވެ.

ލީގަށް އަލަށް ޕްރޮމޯޓްވި ހުއެސްކާ އަތުން 8-2ގެ ތަފާތު ބޮޑު ނަތީޖާއަކުން ބާސާ މޮޅުވި މެޗުގައި މެސީ ޖެހި ދެލަނޑާއެކު އޭނާ ވަނީ، މިހާތަނަށް ލީގުގައި އޭނާއާ ދެކޮޅަށް ކުޅުނު 40 ޓީމުގެ ތެރޭން 37 ޓީމުގެ ކޮޅަށް ލަނޑުޖެހުމުގެ ޝަރަފް ހޯދައިފައެވެ. އަދި ޖުމުލަ 386 ލަނޑާއެކު ސްޕެނިޝް ލީގުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑްވެސް އޮތީ މެސީއަށެވެ.

comment ކޮމެންޓް