ޖަޕާނަށް ބާރުގަދަ ތޫފާނެއް އަރައި ނުވަ މީހަކު މަރުވެއްޖެ

ޖަޕާނަށް ތޫފާން ޖެބީ އަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި -- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ (ސެޕްޓެމްބަރު 5): ޖަޕާނަށް ގަދަ ވަޔާއި ބޯ ވާރެޔާއެކު ބާރުގަދަ ތޫފާން ޖެބީ އަރައި، ނުވަ މީހަކު މަރުވެއްޖެއެވެ.

ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓާ، އެންއެޗްކޭގައިވާ ގޮތުން އެ ތޫފާނުގެ ސަބަބުން މަރުވި ނުވަ މީހުންގެ ތެރޭގައި 71 އަހަރުގެ މީހަކު ވެސް ހިމެނެއެވެ. އަދި އިތުރު 164 މީހަކަށް ކުދި އަނިޔާތައް ލިބިފައިވެއެވެ.

ފާއިތުވި 25 އަހަރު ތެރޭ ޖަޕާނަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމަށްވާ ޖެބީގެ ސަބަބުން އެ ގައުމުގެ ހުޅަނގަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ތޫފާން އެރި މައި ސިޓީތަކުގެ ތެރޭގައި އޮސާކާއާއި ކިޔޯޓޯ ހިމެނޭ އިރު، އެ ސިޓީތަކުގައި އެތައް ސަތޭކަ ފްލައިޓުތަކާއި ރޭލުތަކާއި ފެރީތައް ވަނީ ކެންސަލްކޮށްފައެވެ.

އަދި އޮސާކާގެ ކަންސައި އިންޓަނޭޝަނަލް އެއާޕޯޓަށް ދެވެން އޮންނަ ބްރިޖަށް ގެއްލުންވުމުގެ ސަބަބުން އިއްޔެ 3،000 މީހުން އެއާޕޯޓުގައި ތާށިވިއެވެ. މިއަދު އެ މީހުން ވަނީ ބޯޓެއް މެދުވެރިކޮށް އެހެން އެއާޕޯޓަކަށް ގެންގޮސްފައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ނަމަވެސް ކަންސައި އިންޓަނޭޝަނަލް އެއާޕޯޓުގައި ފެންބޮޑުވުމުގެ ސަބަބުން މިއަދު އެ އެއާޕޯޓު އޮންނާނީ ބަންދުކޮށްފައެވެ.

މީގެ އިތުރުން، ތޫފާން ޖެބީގެ ސަބަބުން 2.3 މިލިއަން ގެއަކުން ކަރަންޓު ކެނޑުނު އިރު 1.2 މިލިއަން މީހުންނަށް ވަނީ ސަލާމަތީ ސަރަހައްދުތަކަށް ބަދަލުވާން ޖެހިދާނެކަމުގެ އިންޒާރު ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް