ޔޫތް ޗެމްޕިއަންޝިޕް: ނިއުގެ މައްޗަށް ގްރީން ސްޓްރީޓުން ކުރި ހޯދައިފި

ޔޫތް ޗެމްޕިއަންޝިޕުގައި ނިއު ރޭޑިއަންޓާއި މާޒިޔާ ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: ނިއު ރޭޑިއަންޓް

ނަވާރަ އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނިއުރޭޑިއަންޓްގެ މައްޗަށް ގްރީން ސްޓްރީޓްސްއިން ކުރި ހޯދައިފިއެވެ.

އިއްޔެ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުން ގްރީން ސްޓްރީޓު މޮޅުވީ 2-1ގެ ނަތީޖާއިންނެވެ.

މެޗުގައި ގްރީން ސްޓްރީޓުގެ ދެ ގޯލުވެސް ޖެހީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ނިމި، ލިބުނު އިތުރު ވަގުތުގެ ތެރޭގައެވެ. ކައިރި ކައިރީގައި ޖެހި އެ ދެ ގޯލުވެސް ގްރީން ސްޓްރީޓަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 9 މުހައްމަދު ދާނިޝް އިބްރާހިމް އެވެ.

ފުރަތަމަ ހާފު 2-0ގެ ނަތީޖާއިން ނިމުނު އިރު، ދެވަނަ ހާފުގައި ނިއުއިން ވަނީ ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފައްދަން މަސައްކަތް ކޮށްފައެވެ. ނިއުގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ 69 ވަނަ މިނެޓުގައި، އެ ޓީމުގެ ޖާޒީ ނަމްބަރު 20 އާދަމް ސޮފްވާން އެވެ.

މުބާރާތުގައި ނިއު ކުޅުނު ފުރަތަމަ މެޗުގައި ވަނީ އީގަލްސް އަތުން 4-2ގެ ނަތީޖާއިން ބަލިވެފައެވެ. ދެވަނަ މެޗުގައި އެ ޓީމު ވަނީ މާޒިޔާގެ މައްޗަށް 1-0ގެ ނަތީޖާއިން ކުރި ހޯދައިފައެވެ. އިއްޔެގެ ބައްޔާއެކު މިހާރު ނިއުއަށް ލިބިފައި ވަނީ ޖުމްލަ ހަތަރު ޕޮއިންޓެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ނުކުތް މެޗުގައި ގްރީން ސްޓްރީޓަށް ލިބުނީ ޕޮއިންޓެކެވެ. އެ މެޗު ނިމުނީ 1-1ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. ދެވަނަ މެޗުގައި ގްރީން ސްޓްރީޓާ އީގަލްސް ކުޅުނު މެޗު ނިމުނީ 0-0ގެ ނަތީޖާގައި އޮވެއެވެ. އެހެން ކަމުން މިހާރު ގްރީން ސްޓްރީތަށް ވަނީ ޖުމްލަ ފަސް ޕޮއިންޓު ލިބިފައެވެ.

މުބާރާތުގައި މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އީގަލްސްއަށް ވެސް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. މާޒިޔާއަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.

ދެން އެ މުބާރާތުގައި ނިއު ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މާދަމާ ހަވީރު 16:00ގައި ގަލޮޅު ދަނޑުގައެވެ. ގްރީން ސްޓްރީޓް ދެން ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.

ޔޫތު ޗެމްޕިއަންޝިޕުގައި ހަތަރު ޓީމު ވާދަކުރާއިރު، ލީގު އުސޫލުން ދެ ބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމު ފައިނަލުގައި ކުޅޭނެއެވެ.

comment ކޮމެންޓް