މިހާ ކާމިޔާބުވެ އަހަރެން މީހަކަށް ހަދައިދިން މީހަކީ ސަލްމާންގެ ބައްޕަ: ޝާހު

ޝާހް އާއި ސަލްމާން....

އުމުރުން 52 އަހަރުގެ ކުޅަދާނަ ބަތަލް ޝާހުރުކް ހާނަކީ ބޮލީވުޑްގައި މިހާރު އެންމެ ކާމިޔާބު އެއް އެކްޓަރެވެ. ޝާހް ބުނަނީ އޭނައަށް މިއަދު އެހާ ހިސާބަށް އާދެވުނީ ސަލްމާން ޚާންގެ ބައްޕަ ސާލިމް ހާން ގެ ސަބަބުން ކަމަށެވެ.

މީގެ އަހަރުތަކެއް ކުރިން ސަލްމާނާއި ޝާހުގެ ދެމެދުގައި ރުޅިވެރިކަމެއް އުފެދިފައި ވީނަމަވެސް އެ މައްސަލަ ހައްލުވީ ފަހުންވެސް އަހަރުތަކެއް ފާއިތުވެ ގޮސްފިއެވެ. ދާދި ފަހުން ޝާހު ވަނީ ސޮނީ އިން ގެނެސްދޭ ސަލްމާންގެ ރިއަލިޓީ ޝޯ "ދަސް ކާ ދަމް"ގައި ބައިވެރިވެ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާ ކޮށްފައެވެ.

ޝާހު ބުނެފައިވަނީ އޭނާއަށް ލިބިފައިވާ ކާމިޔާބީގެ އިތުރުން އޭނާ މީހަކަށް ހަދައިދިން މީހަކީ ސާލިމް ހާން ކަމަށެވެ. އެ ޝޯގެ ތެރެއިން ޝާހު ވަނީ ހިތަށް އަސަރުކޮށްލާފަދަ އެތައް ވާހަކަ އެއް ކިޔައިދީފައެވެ.

އެ ޝޯގައި ވާހަކަދައްކަމުން އިތުރަށް އޭނާ ބުނީ ފުރަތަމަ މުންބައިއަށް ވެސް އައީ ހުސް އަތާ ކަމަށާއި އޭރު އޭނާ އަކީ އެެއްވެސް މީހެއް ނޫން ކަމަށެވެ. އޭނާ ބުނީ މުންބައިއަށް ބަދަލުވި އިރު ފަގީރު ކަމުގެ ސަބަބުން ރަނގަޅަށް ކާލާނެ ރުފިޔާ އެއްވެސް އަތުގައި ނުހުންނަ ކަމަށެވެ.

ޝާހުގެ ފުރަތަމަ ފިލްމު "ދީވާނާ" ގެ ޕޯސްޓަރެއް...

ޝާހު ބުނީ އެ ދަނޑިވަޅުގައި ސަލީމް އާއިި އޭނާގެ އާއިލާއިން ދިން އެހީތެރިކަން ދުވަހަކުވެސް ހަނދާން ނައްތާނުލާނެ ކަމަށާއި އަބަދުވެސް އެކަން ކަމަށް ޝުކުރުވެރިވާ ކަމަށެވެ. އަދި ހާއްސަކޮށް ސަލީމްގެ ފަރާތުން ލިބުނު އެހީތެރިކަން ޝާހު ވަނީ އެ ޝޯގައި ފާހަގަކޮށްފައެވެ.

ޝާހު ފުރަތަމަ ކުޅުނު ފިލްމަކީ 1992 ވަނަ އަހަރު ނެރުނު ފިލްމު "ދީވާނާ" އެވެ. އެ ފިލްމުގައި އޭނާ ކުޅުނީ ސަޕޯޓިން އެކްޓަރުގެ ރޯލެވެ. އެއަށް ފަހު ޝާހު އަންނަނީ ބޮލީވުޑްގެ އެންމެ އުހުގައި ފިޔަ ޖަހަމުންނެވެ.

ޝާހު އަކީ މިހާރު ބޮލީވުޑްގައި މަަސައްކަތްކުރާ ތަރިންގެ ތެރެއިން އެންމެ މަޝްހޫރު އަދި އެންމެ މުއްސަނދި އެއް އެކްޓަރެވެ. މަޝްހޫރު ސްޓޫޑިއޯއެއް ހިންގަމުން އަންނަ ޝާހުގެ ގަނޑުވަރެއް ފަދަ ބޮޑު ގެއެއް ވެސް މުންބާއިގައި ހުރެއެވެ.

comment ކޮމެންޓް