އާތިފްގެ "ޗަލްތޭ ޗަލްތޭ" އަޑުއަހަން ލަތާ ބޭނުމެއް ނޫން!

އާތިފްގެ "ޗަލްތޭ ޗަލްތޭ" އަޑުއަހަން ލަތާ ބޭނުމެއް ނުވޭ---

ފިލްމު "މިތުރޯން" އަށް އާތިފް އަސްލަމް ކިޔައިދީފައިވާ "ޗަލްތޭ ޗަލްތޭ" ގެ ރީމިކްސް އާމެދު އަސްލު ލަވަ ކިޔައިދީފައިވާ މެލޮޑީ ކުއީން ލަތާ މަންގޭޝްކަރް ހިތްހަމަނުޖެހިފައި ހުރި ކަމަށް ޚަބަރުތައް ބުނެފިއެވެ.

މިދިޔަ ހަފްތާގައި ރިލީޒް ކުރި އެ ލަވަ ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ. އަދި ލަވަ ބަދަލުކޮށްފައިވާ ގޮތަށް ވެސް މީހުން ވަނީ ތައުރީފު ކޮށްފައެވެ.

"ޗަލްތޭ ޗަލްތޭ" އަކީ 1972 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "ޕަކީޒާ" އަށް ލަތާ ކިޔައިދީފައިވާ ލަވައެކެވެ. އެހެންކަމުން ގިނަ ބަޔަކު ތިބީ އާތިފްގެ ލަވަޔަށް ލަތާ ދޭނެ ކޮމެންޓެއް ބެލުމަށް ޝައުގުވެރިވެފައެވެ.

ނަމަވެސް ޚަބަރުތައް ބުނާގޮތުން އާތިފްގެ ލަވަ އަޑުއަހާކަށް ވެސް ލަތާ ބޭނުމެއް ނޫނެވެ. ލަތާ އާއި ހަވާލާދީ ރިޕޯޓުތައް ބުނެފައި ވަނީ ކުރީގެ ލަވަތައް ރީމިކްސް ކުރުމަކީ ލަތާ އެއްގޮތަކަށް ވެސް ހިތްހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

އަދި ކުރީގެ ލަވަތައް ބަދަލުކުރުމުން ދައްކުވައިދެނީ އަމިއްލަ އެއްޗެއް އުފެއްދުމުގެ ގާބިލުކަން ނެތުން ކަމަށް އޭނާއަށް ފެންނަ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެފައިވެއެވެ.

އަދި ލަވައެއްގެ ރީމިކްސް ހަދާއިރު، އަސްލު ލަވައިގެ ލިރިކްސް ބަދަލުކޮށް ހަދަނީ އަސްލު ލަވަ ލިޔުނު ފަރާތުގެ ހުއްދަ ހޯދުމަކާ ނުލައި ކަމަށާއި، ހުނަރުވެރި ޅެންވެރިންނާއި މިޔުޒިކް ކޮމްޕޯޒަރުންގެ އަގުހުރި މަސައްކަތްތައް އެގޮތަށް ބަދަލު ކުރުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށް ލަތާ ވަނީ ބުނެފައެވެ.

comment ކޮމެންޓް