އިންޖީނުގޭން ވަގަށް ނެގި އޭސީ އަނބުރާ ރައްދުކޮށްފި

ނޮޅިވަރަންފަރު --- ފޮޓޯ: އޭއެފްޕީ

ހދ. ނޮޅިވަރަންފަރު އިންޖީނުގޭން ވަގަށްނެގި އޭސީއެއް، އަނބުރާ އެ ތަނަށް ގެންގޮސްފައި ހުއްޓާ ފެނިއްޖެއެވެ.

އެ ރަށުން "ސަން" އަށް ވާހަކަ ދެއްކި މީހަކު ބުނީ، ވަގު ކަލޭގެ އޭސީ އަނބުރާ އިންޖީނުގެއަށް ގެންދިޔައީ އެ ވާހަކަ ރަށު ތެރޭގައި ފެތުރެން ފެށުމުން ކަމަށެވެ.

އޭސީ ވަގަށް ނެގީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށާއި، އިންޖީނުގެއަށް އޭސީ އަނބުރާ ގެންގޮސްފައި ހުއްޓާ ފެނުނީ މީގެ ދެތިން ދުވަސް ކުރިން ކަމަށް އޭނާ ބުންޏެވެ.

ނޮޅިވަރަންފަރު ކައުންސިލަރަކު ވެސް ވަނީ "ސަން" އަށް އެކަން ކަށަަރު ކޮށްދީފައެވެ. ކައުންސިލަރު ވިދާޅުވީ، އޭސީ އަނބުރާ އިންޖީނުގެއަށް ރައްދުކުރީ ވަގަށް ނެގި މީހާ އެ ބޭނުން ކުރުމަށް ފަހު ކަމެއް ނުވަތަ ނޫން ކަމެއް ސާފު ނުވާ ކަމަށެވެ.

އެ ރަށުން ވާހަކަދެއްކި އެހެން މީހަކު ބުނީ، އާންމުކޮށް އެ ރަށުގައި މިހާރަކަށް އައިސް މިފަދަ ވައްކަންތައް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، އެ ރަށުގައި އަލަށް އާބާދުވާ ސަރަހައްދުގެ ގެތަކުން ބައެއް ސާމާނު "ގެއްލޭ" މައްސަލަތައް ދޭތެރެ އަކުން ފެންމަތިވާ ކަމަށް އޭނަ ބުންޏެވެ.

comment ކޮމެންޓް