ކުޅުންތެރިން ތިބީ މޮޅުވާން ވަރަށް ބޮަޑަށް ބޭނުންވެފައި: ނޭޕާލް ކޯޗް

ނޭޕާލް ޓީމުގެ ކޯޗް ބާލް ގޯޕާލް މަހާރަޖަން -- ފޮޓޯ: ގޯލްނޭޕާލް

މިފަހަރު ބަންގްލަދޭޝްގައި ބާއްވާ ސާފް ސުޒުކީ ކަޕް 2018 ކާމިޔާބުކުރަން، ކުޅުންތެރިން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މޯޓިވޭޓުވެފައި ކަމަށް އެ ޓީމުގެ ކޯޗް ބާލް ގޯޕާލް މަހާރަޖަން ބުނެފިއެވެ.

މިއަދު މުބާރާތުގައި ނޭޕާލް ކުޅޭ މެޗުގައި ޕާކިސްތާނާ ކުޅުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުނީ ނޭޕާލުން މުބާރާތަށް ތައްޔާރުވާން ފެށީ މީގެ ތިން މަސް ކުރިން ކަމަށެވެ. އެގޮތުން ތައިލެންޑުގެ ބެންކޮކުގައި ވެސް އެކުވެރިކަމުގެ މެޗުތަކެއް ކުޅުނު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ މީގެ ކުރިން ނޭޕާލަށް މުބާރާތް ކާމިޔާބު ކުރެވިފައި ނުވި ނަމަވެސް، މިފަހަރު ނޭޕާލުގެ އެފްއޭއާއި ޓީމުގެ ސްޓާފުންނާއި ކުޅުންތެރިންނާއި ކޯޗަށް އައިސްފައިވާ ބަދަލާއެކު މިފަހަރު މުބާރާތް ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ކުރާ ކަމަށެވެ.

"އަހަރެމެން މި މުބާރާތަށްއައީ މޮޅުވާން ވަރަށް ބޮޑަށް ބޭނުންވެގެން. ކުޅުންތެރިންގެ ކޮންފިޑެންސާއި ކުޅުމުގެ ފެންވަރު މިހާރު ވަރަށް ރަނގަޅު،" އޭނާ ބުންޏެވެ.

އޭނާ ވަނީ ނޭޕާލުގެ ޒުވާން ޓީމުގެ ކާމިޔާބީތައް ފާހަގަކޮށް، އެފަދަ ކާމިޔާބީތައް ސީނިއާ ޓީމުން ވެސް ހޯދަން ބޭނުންވާ ކަމަށް ބުނެފައެވެ. އޭނާ ބުނީ މިފަހަރުގެ މުބާރާތަށް ނެގި ސްކޮޑުގައި ހިމެނެނީ އެންމެ އާ ކުޅުންތިރިއެއް ކަމަށާއި ދެން ތިބީ ހުސް ތަޖުރިބާ ހުރި ކުޅުންތެރިން ކަމަށެވެ.

ނޭޕާލް ވަނީ 2015 އާއި 2017 ވަނަ އަހަރުގެ ސާފް 19 އަހަރުން ދަށުގެ މުބާރާތް ކާމިޔާބު ކޮށްފައެވެ. އަދި ނޭޕާލްގެ ޒުވާން ޓީމު 2016 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ރަން މެޑަލް ހޯދި އިރު އެ އަހަރުގެ ބަންގުބަންދު ގޯލްޑް ކަޕާއި އެ އަހަރު ބޭއްވި އޭއެފްސީ ސޮލިޑާރިޓީ ކަޕް ވެސް އެ ޓީމު ކާމިޔާބުކުރިއެވެ.

ކުރިން ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ގޯޕާލްއާ ޓީމުގެ ހެޑްކޯޗުގެ ޒިންމާ ހަވާލުކުރަން ނޭޕާލު އެފްއޭއިން ނިންމީ އޭޝިއަން ގޭމްސް އަށް ފަހު ކޯޗު ޖަޕާނުގެ ޔޮޓޮކޫ ކޯޗީއަށް ވިސާ މައްސަލައިގައި ނޭޕާލަށް އެރުމުގެ ހުއްދަ އިމިގްރޭޝަނުން ނުދިނުމުންނެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކުޅޭ ފުރަތަމަ މެޗުގައި ނޭޕާލް ޕާކިސްތާނާ ދެކޮޅަށް ނުކުންނާނީ މިއަދު ރާއްޖެ ގަޑިން 15:00ގައެވެ.

comment ކޮމެންޓް