ބޯޓުތަކެއް ފޮނުވާލުމުން ސްރީލަންކާއަށް 90.5 މިލިއަން ޑޮލަރުގެ ގެއްލުން

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް -- ފޮޓޯ/ އިވާން ކޮރްޔަކޯވް (ޕްލޭންސްޕޮޓާޒް)

ސްރީލަންކަން އެއާލައިންސްއިން ކުއްޔަށް ބޭނުންކުރަމުން ދިޔަ އެއާބަސް އޭ350-900 މަރުކާގެ ތިން ބޯޓެއްގެ ލީސް ކެންސަލްކުރުމުގެ ސަބަބުން އެ އެއާލައިނަށް 90.5 މިލިޔަން ޑޮލަރުގެ ގެއްލުން ލިބިފައިވާކަން ހާމަވެއްޖެއެވެ.

ސްރީލަންކަން އެއާލައިންސް، ސްރީލަންކަން ކޭޓަރިންގް އަދި މިހިން ލަންކާގެ މައްސަލަތައް ބެލުމަށް ސްރީލަންކާގެ ސަރުކާރުން އުފެއްދި ޚާއްސަ ރިޔާސީ ކޮމިޝަނަށް ހާޒިރުވެ، ސްރީލަންކަން އެއާލައިންސްގެ ފައިނޭންޝަލް މެނޭޖްމެންޓް ހެޑް ޔަސަންތަ ޑިސާނާޔަކަ ވިދާޅުވީ 2016 ވަނަ އަހަރު އެ އެއާލައިނުގެ މެނޭޖްމެންޓުން ވަނީ އޭ350-999 މަރުކާގެ ބޯޓުތަކެއްގެ ލީސް ކެންސަލްކުރުމަށް ނިންމާފައި ކަމަށެވެ.

އެ ބޯޓުތައް ކެންސަލްކުރުމުގެ ސަބަބުން ސްރީލަންކަން އެއާލައިންސްއަށް 90.5 މިލިޔަން ޑޮލަރުގެ ގެއްލުން ލިބިފައިވާ ކަމަށް ހެޑް އޮފް ފައިނޭންޝަލް މެނޭޖްމެންޓް ވިދާޅުވިއެވެ. މި އަދަދަކީ އެކުންފުންޏަށް 2016ގެ މާލީ އަހަރު ކުރިމަތިވި ގެއްލުމުގެ ދެބައިކުޅަ އެއްބައި ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމިރޭޓްސްއިން ސްރީލަންކަން އެއާލައިންސް ހިންގި އިރު އެކުންފުންޏަށް ވަރަށް ބޮޑެތި ފައިދާ ކުރަމުން ދިޔަ ކަމަށެވެ. އެގޮތުން، 2006 އިން ފެށިގެން 2008 އާ ހަމައަށް އެއާކްރާފްޓު ގަނެ، އަދި ލީސްކުރުމުގެ ވިޔަފާރިން ފައިދާ ނެރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެމިރޭޓްސްއިން ސްރީލަންކަން އެއާލައިންސްގެ ހިއްސާ ދޫކޮށްލި ފަހުން އެކުންފުންޏަށް މާލީ ގެއްލުން ނޫން އެއްޗެއް ކުރިމަތިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް