ޗައިނާ ޚަރަދުކުރަނީ ތަރައްގީއަށް، ހުޅަނގުން މަސައްކަތްކުރަނީ ފިކުރު ފަތުރަން: އެފްރިކާގެ ލީޑަރުން

ޗައިނާއާއި އެފްރިކާގެ ގައުމުތަކުގެ ސަމިޓް

ބެއިޖިންގް (ސެޕްޓެމްބަރު 4): ޗައިނާއިން މާލީ އެހީ ދެނީ ފައިދާ ހާސިލްވާނެ މަޝްރޫއުތަކަށް ކަމަށާއި ފޭލްވާނެކަމަށް ބެލެވޭ މަޝްރޫއުތަކަށް ފައިސާ ނުދޭ ކަމަށް ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

ބެއިޖިންގްގައި އިއްޔެ ފެށި ޗައިނާއާއި އެފްރިކާގެ އިސްވެރިންގެ 7 ވަނަ ސަމިޓްގައި އެފްރިކާގެ ލީޑަރުންނާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ޝީޖިންޕިން ވިދާޅުވީ ޗައިނާއޮތީ އެފްރިކާގެ ގައުމުތަކުގެ ތަރައްގީއަށް އެހީތެރިވާން ތައްޔާރަށް ކަމަށާ އަދި މިއެހީތެރިކަން މިހާރުވެސް ފޯރުކޮށްދެމުން ގެންދާކަމުގައެވެ. ނަމަވެސް ފައިދާ ނުވާނެ އަދި ފޭލްވާނެކަމަށް ބެލެވޭ މަޝްރޫއުތަކަށް ފައިސާ ނުދޭނެ ކަމަށް ޝީ ވިދާޅުވިއެވެ.

އެފްރިކާގެ ގިނަ އަދަދެއްގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ މި ސަމިޓްގައި ޝީ ވިދާޅުވީ އޭނާ އިޢްލާން ކުރައްވާފައިވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް އަކީ އެއްވެސް ގައުމަކާ އަދި ޖަމާއަތަކާ ދެކޮޅަށް ހަރަކާތްތެރިވާ ޖަމްއިއްޔާ އެއް ނޫނީ ގްރޫޕެއްފަދަ ޖަމާއަތެއް އެއްނޫން ކަމަށާއި އެއީ ހަމައެކަނި އިގްތިސާދާއި ވިޔަފާރީގެ ގުޅުންތަކުގެ މަޝްރޫޢެއްކަމުގައެވެ. އެމަޝްރޫއު ބިނާވެފައިވަނީ އޭގައި ބައިވެރިވާ ގައުމުތަކުގައި ރޭލްވޭތަކާއި ހައިވޭތަކާއި މަގުތަކާއި ބްރިޖްތަކާ އަދި ބަނދަރުތައް ފަދަ އިންފްރާސްޓްރަކްޗަރ ބިނާކޮށްގެން އެގައުމުތައް އިގްތިސާދީގޮތުންނާއި ވިޔަފާރީގެ ގޮތުން ޗައިނާއާ ގުޅާލުމުގެ މައްޗަށާއި އޭގެ ފަލްސަފާއަކީ އިންފްރާސްޓްރަކްޗަރ ބިނާކޮށްގެން ގައުމުތައް އާރާސްތުކޮށްދިނުންކަން ޝީ ފާހަގަ ކުރެއްވިއެވެ.

ޗައިނާއާއި އެފްރިކާގެ (ފޯކަކް) ސަމިޓްގައި ވާހަކަ ދެއްކެވި އެފްރިކާގެ ގިނަ ލީޑަރުންވަނީ "ބެލްޓް އެންޑް ރޯޑް" އިނިޝިއޭޓިވް ސަބަބުން ގައުމުތަށް ދަރަނިވެރިވެ އެގައުމުތައް ޗައިނާގެ ބާރާއި ނުފޫޒުގެ ދަށަށްދާނެ ކަމަށް ބުނެ ހުޅަނގުގެ މީޑިޔާތަކުން ފަތުރަމުންގެންދާ ޕްރޮޕަގެންޑާ ދޮގުކުރައްވައި ޗައިނާއިން އެފްރިކާގެ ގައުމުތަކަށް ދޭ މާލީ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ. "ބެލްޓް އެންޑް ރޯޑް" އިނިޝިއޭޓިވްގައި މިހާތަނަށް 65 ގައުމަކުން ބައިވެރިވެފައިވާއިރު އެގައުމުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި މިއިންފްރާސްޓްރަކްޗަރ ބިނާކުރުމަށް 85 ބިލިޔަން ޑޮލަރު ޚަރަދުކުރުމަށް ޗައިނާވަނީ ނިންމާފައެވެ.

މިއީ ދުނިޔޭގެ އެއްވެސް ގައުމަކުން އަދި ޖަމްއިއްޔާއަކުން އަދި ބޭންކަކުންވެސް ގައުމުތަކުގެ ތަރައްގީއަށް ޚަރަދުކޮށްފައިވާ އަދި ކުރު މުއްދަތެއްގެ ތެރޭގައި ޚަރަދު ކުރާނެ ކަމަށް އިޢްލާން ކޮށްފައިވާ މިންވަރަށްވުރެ މާބޮޑު އަދަދެކެވެ.

ޗައިނާއިން ފަގީރު ގައުމުތަކުގެ ތަރައްގީއަށް 85 ބިލިޔަން ޑޮލަރު ޚަރަދުކުރާއިރު އެމެރިކާއާއި ޔޫރަޕުން ގައުމުތަކުގެ ތަރައްގީއަށް ޚަރަދު ކުރުމުގެ ބަދަލުގައި ހުޅަނގުގެ އައިޑިއޮލޮޖީއާއި އެމީހުންގެ ފިކުރާއި ވެލިއުތަށް ފަތުރަން މަސައްކަތްކުރާކަމާއި އެމެރިކާއާއި ޔޫރަޕުން ކުރާ ޚަރަދެއްވެސް ކުރަނީ އެމީހުންގެ އަމިއްލަ ފިކުރުތައް ފަތުރަންކަން އެފްރިކާގެ ބައެއް ލީޑަރުން ފާހަގަ ކުރެއްވިއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް