ގައުމީ ޓީމު އޮތީ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައި

ސާފް ސުޒުކީ ކަޕް 2018 ފެށުމުގެ ކުރީން ގައުމީ ޓީމުގެ ކޯޗު ޕީޓަރ ސެގަޓާއި ކެޕްޓަން އަކްރަމް އަބްދުލްޣަނީ މީޑިއާއަށް މައުލޫމާތު ދެނީ-- ފޮޓޯ: އެފްއޭއެމް

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "ސާފް ސުޒްކީ ކަޕް 2018"، މާދަމާ ބަނގުލަދޭޝްގެ ވެރިރަށް ދާކާގައި ފެށުމަށް ތައްޔާރުވެފައި ވާއިރު އެމުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އޮތީ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ކޯޗު ޕީޓަރ ސެގަޓް ބުނެފިއެވެ.

މިއަދު ބޭއްވި ޕްރިމެޗް ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަމުން ކޯޗު ބުނީ، ރާއްޖޭގެ ޒުވާން ޓީމު އޮތީ މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި އެންމެ ކުޅުންތެރިއަކު ފިޔަވައި ހުރިހާ ކުޅުންތެރިންވެސް ފިޓް ކަމަށެވެ. ނަމަވެސް އެއީ ކޮން ކުޅުންތެރިއެއްކަން ކޯޗު ހާމައެއް ނުކުރެއެވެ.

"އަހަރެމެންގެ އެއް ކުޅުންތެރިއަކު އަނިޔާގައި ހުރީ، އެއީ ކީ ޕްލޭޔަރެއް. އެކަމަކު އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް. އެކުވެރިކަމުގެ މެޗުތައް ކުޅޭއިރު ބައެއްފަރު މިފަދަ ކަންކަން ވާނެ. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެމެން މިވަގުތު މި ތިބީ ރަނގަޅު ފެންވަރެއްގައި މުބާރާތަށް ތައްޔާރުވެފައި،" ކޯޗު ބުންޏެވެ.

ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ ބުނީ، ދިވެހީން އެ މުބާރާތަކަށް އަބަދުވެސް އެންމެ އިސްކަމެއްދޭ، ސާފް ޗެމްޕިއަންޝިޕަށް މިފަހަރު ރާއްޖޭގެ ޓީމު ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.

"އަހަރެމެން މިވަނީ، ގަތަރުގައި ބޭއްވި 25 ވަރަކަށް ދުވަހުގެ ތަމްރީން ތަކުގައި ވަރަށް ރަނގަޅަށް މުބާރާތަށް ތައްޔާރުވެފައި. މި މުބާރާތަކީ އަބަދުވެސް އަހަރެމެންގެ ގައުމަށް އެންމެ މުހިއްމު އެއް މުބާރާތް. އުންމީދުކުރަނީ މިއީ ކާމިޔާބު މުބާރާތަކަށް ވެގެންދާނޭ ކަމަށް. އެންމެނަށްވެސް ކާމިޔާބީއަށް އެދެން،" މިއަދުގެ ޕްރެސްގައި ކެޕްޓަން އަކޫ ބުންޏެވެ.

ގައުމީ ޓީމުގެ އޮފިޝަލަކު ސަން ސްޕޯޓްސްއަށް މިއަދު ބުނީ، ގަތަރުގައި ބޭއްވި ތަމްރީނުތަކަށް ފަހު، ބަންގުލަދޭޝްގައި ޓީމު ކޭމްޕުކޮށްފައި ވާ ކަމަށާއި، މިވަގުތު ޓީމުގެ ހުރިހާ ކުޅުންތެރީންވެސް ހާލު ރަނގަޅުކަމަށެވެ.

"މިވަގުތު ޓީމު ހުރިހާ ކުޅުންތެރީންގެވެސް ހާލު ރަނގަޅު. ހުރިހާ ކުޅުންތެރީންވެސް ތިބީ ވަރަށް ރަނގަޅަށް މުބާރާތަށް ތައްޔާރުވެގެން،" އޮފިޝަލް ވިދާޅުވިއެވެ.

މިމަހުގެ ހަތަރަކުން 15އަށް ދާކާގައި ކުރިއަށް ގެންދާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމު ގަތަރަށް ފުރީ، މިދިޔަ އޯގަސްޓް މަހުގެ ހަވަނަ ދުވަހުއެވެ.

ޓީމުގެ ބައެއް ކުޅުންތެރީން ބުނެފައި ވަނީ ގަތަރުގައި ބޭއްވި ތަމްރީނުތަކަކީ، މިހާތަނަށް ރާއްޖޭން ބޭރުގައި ގައުމީ ޓީމުން ބޭއްވި އެންމެ ފެންވަރު ރަނގަޅު ތަމްރީނުތައް ކަމަށެވެ.

"ދެ އަހަރަށް ފަހު މިވަރު ޓްރެއިނިން އަކަށް މި އަންނަނީ. އަނެއްހެން ބުނަންޏާ މިހާވަރަށް އޯގަނައިޒްކޮށް އަދި ޓްރެއިނިންއެއް ނުވެސްދޭ. ވަަރަށް ރަނގަޅަށް ކެއުމާ ހުރިހާ އެއްޗެއް ދޭއިރު ޕްރެކްޓިސް މިދަނީ ވަރަށް ރަނގަޅަށޭ ބުނެވޭނީ،" ގައުމީ ޓީމުގައި މިވަގުތު ހުރި އެންމެ ތަޖްރިބާކާރު ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) މީގެ ކުރިން ބުނެފައިވެއެވެ.

ބަންގާޅުގައި ގައުމީ ޓީމު ކޭމްޕްކޮށްގެން ތިބޭނީ، ދާކާގެ "ފާރސް ހޮޓެލްސް އެންޑް ރިޒޯޓްސް"ގައެވެ. ރާއްޖޭގެ އިތުރުން، ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލްގެ ގައުމީ ޓީމުވެސް ކޭމްޕުކޮށްގެން ތިބޭނީ މި ހޮޓެލްގައެވެ.

comment ކޮމެންޓް