ޔުނައިޓެޑާއި އާސެނަލް ތިން ޕޮއިންޓު ހޯދި އިރު ޓޮޓެންހަމް ވީ ބަލި

ރޭގެ މެޗުގެ ތެރެއިން މެންޗެސްޓާ ޔުނައިޓެޑުގެ ރޮމެލޫ ލުކާކޫއާއި ޖެސީ ލިންގާޑް---

އިއްޔެ އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ކުޅުނު މެޗުތަކުން މޮޅުވެ ތިން ޕޮއިންޓު ހޯދި އިރު، ފޯމުގައި އޮތް ވަޓްފޯޑް އަތުން ޓޮޓެންހަމް ބަލިވެއްޖެއެވެ.

އިއްޔެ އާސެނަލް ކާޑިފް ސިޓީގެ މައްޗަށް ކުރި ހޯދީ 3-2 ގެ ނަތީޖާއިންނެވެ. އެ މެޗުގައި އާސެނަލްއަށް ލީޑު ނަގައިދިނީ މެޗުގެ 11 ވަނަ މިނެޓުގައި ޑިފެންޑަރު ޝްކޮޑްރާން މުސްތާފީއެވެ. ނަމަވެސް، ފުރަތަމަ ހާފުގެ 45 މިނެޓު ކުޅެ ނިމި، ދިން އިތުރު ވަގުތުގެ ދެ މިނެޓުގެ ތެރޭގައި ކާޑިފްގެ ވިކްޓާ ކަމަރާސާ ވަނީ ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ގިނަ ހަމަލާތަކެއް އުފެއްދި އާސެނަލްއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ އަބޯމަޔެންއެވެ. އަބޯމަޔެން ގޯލު ޖެހިތާ މާ ގިނައިރުތަކެއް ނުވަނީސް އާސެނަލްގެ ޑެނީ ވާޑް ވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްފައެވެ. އާސެނަލް މެޗުން މޮޅުކޮށްދިން ގޯލު ޖަހައިދިނީ 82 ވަނަ މިނެޓުގައި އެލެކްޒޭންޑާ ލަކަޒެޓްއެވެ.

އިއްޔެ ޓޮޓެންހަމް ވޮޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗު ވޮޓްފޯޑު ކާމިޔާބު ކުރީ ޓޮޓެންހަމް ގޯލެއް ޖަހާފައި އޮއްވާ ފަހަތުން އަރައި ދެ ގޯލު ޖަހައިގެންނެވެ. ޓޮޓެންހަމްގެ ގޯލަކީ މެޗުގެ 53 ވަނަ މިނެޓުގައި ވޮޓްފޯޑްގެ އަބްދުއްލަޔޭ ޑޫކޫރޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ވޮޓްފޯޑުން ނަތީޖާ ހަމަހަމަކުރީ އެ ޓީމުގެ ތަރި ޓްރޯއީ ޑީނީ 69 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ. މެޗުން ވޮޓްފޯޑު މޮޅުވި ގޯލު ޖަހައިދިނީ 76 ވަނަ މިނެޓުގައި ކްރެއިގް ކެތުކާޓެވެ. މި މޮޅާއެކު ވޮޓްފޯޑުން މިވަނީ މި ސީޒަނުގައި މޮޅުވުމުގެ ރެކޯޑު ދަމަހައްޓާފައެވެ.

މެންޗެސްޓާ ޔުނައިޓެޑު ބާންލީގެ މައްޗަށް ކުރި ހޯދީ 2-0ގެ ނަތީޖާއިންނެވެ. ޔުނައިޓެޑުގެ ދެ ގޯލުވެސް ޖެހީ ރޮމެލޫ ލުކާކޫއެވެ. ފުރަތަމަ ލަނޑު އެލެކްސިސް ސަންޗޭޒް ދިން ބޯޅައަކުން 27 ވަނަ މިނެޓުގައި ޖެހިއިރު، އޭނާ ފަހު ގޯލު ޖެހީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށެވެ.

ބާންލީގެ ކުޅުންތެރިއަކު ޔުނައިޓެޑު ރަޝްފޯޑުއަށް ޕެނަލްޓީ އޭރިއާގެ ތެރެއިން ކުރި ފައުލަކާ ގުޅިގެން ޔުނައިޓެޑަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ޕައުލް ޕޮގްބާ ފޮނުވާލި ޕެނަލްޓީ އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ އެއް ނަމްބަރު ގޯލްކީޕަރު ޖޯ ހާޓް މަތަކުރިއެވެ.

މި ނަތީޖާތަކާއެކު މެންޗެސްޓާ ޔުނައިޓެޑު އޮތީ ހަ ޕޮއިންޓާއެކު ލީގުގެ 10 ވަނައިގައެވެ. ޖެހި ގޯލުގެ ތަފާތުން އާސެނަލް އޮތީ ޔުނައިޓެޑަށް ވުރެ ކުރީގައި ލީގުގެ ނުވަ ވަނައިގައެވެ. އިއްޔެގެ މެޗުން ބަލިވި ޓޮޓެންހަމް އޮތީ ނުވަ ޕޮއިންޓާއެކު ލީގުގެ ފަސްވަނައިގައެވެ. ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދި ވޮޓްފޯޑް އޮތީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައެވެ. ދެން 12 ޕޮއިންޓު ހޯދައިފައި ވަނީ ލިވަޕޫލްއާ ޗެލްސީއެވެ. ތާވަލުގެ އެއްވަނައިގައި މިވަގުތު ލިވަޕޫލް އޮތީ ގޯލު ތަފާތުންނެވެ.

comment ކޮމެންޓް