އިބޫ އަށް 77 ޕަސެންޓް، ރައީސް ޔާމީނަށް 85 ޕަސެންޓް: މިވަނީ ކިހިނެއް؟

ރައީސް ޔާމީން (ކ) އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބޫ (ވ) -- ފޮޓޯ: ރައީސް އޮފީސް

ސިޔާސީ ފޯރި ގަދަވާނީ މީހުން ގިނަވި ވަރަކަށެވެ. ސިޔާސީ ޖަލްސާ އަކަށް، ހިނގާލުމަކަށް އަދި މުޒާހަރާއެއް ނަމަވެސް އެކަން އޮންނާނީ އެ ބީދައިންނެވެ.

އެގޮތުގެ މަތިން ބަލާއިރު، ސިޔާސީ ފަރާތްތަކަށް އެންމެ މުހިންމު ވާނީ ވެސް، މީހުން ގިނަ ސަރަހައްދުތަކެވެ. މީހުން ގިނަ އަތޮޅު ތަކެވެ. އަދި މީހުން ގިނަ ރަށްރަށެވެ. އެގޮތުން މާލެ އަކީ، އެހެން ހުރިހާ ކަމެކޭ އެއްގޮތަށް، ރާއްޖޭގެ ސިޔާސީ މައިދާނުގެ ވެސް މައި ޖަގަހަ އެވެ.

އެގޮތުން ބޯމަތިވެފައިވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް، އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް މާލޭގެ މެޖޯރިޓީ މުހިންމު ވާނެ އެވެ. އަދި ސިޔާސީ ގޮތުން އަބަދު ވެސް އެންމެ ވާދަވެރި ކެމްޕޭނެއް ކުރަނީ ވެސް މާލޭގަ އެވެ.

މިހާ ހިސާބުން މިއޮތީ ބޮޑު ވާހަކަ އެކެވެ؛ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް، މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި މާލޭން 77 ޕަސެންޓް ލިބޭނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ޓްވީޓް ކުރެއްވި ވާހަކަ އެވެ.

ދެން މިއޮތީ އަދި މާ ވަރުގަދަ ވާހަކަ އެކެވެ؛ ރައީސް ނަޝީދުގެ ޓްވީޓަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނާ ދެއްވި ރައްދެވެ. ޝައިނާ ވިދާޅުވާ ގޮތުން ޕީޕީއެމްގެ ޑޯޓުޑޯ ސާވޭ އިން ދައްކަނީ މާލޭގެ 85 ޕަސެންޓް ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނެ ވާހަކަ އެވެ.

ދެން މިއޮތީ ބޮޑު ސުވާލެވެ؛ ވާނީ ކިހިނެއް ހެއްޔެވެ؟ އަޅުގަނޑުގެ ތަސައްވުރު މުހިންމެއް ނޫނެވެ. ކޮންމެ ބޭފުޅަކު ވެސް އަމިއްލަ ނަޒަރުގައި މިކަމާ މެދު ފުންކޮށް ވިސްނާލައްވާށެވެ.

ނަމަވެސް، ރައީސް ނަޝީދުގެ މައްޗަށް ރައީސް ޔާމީން، 2013 ވަނަ އަހަރު ކުރި ހޯއްދެވި ރިޔާސީ އިންތިހާބުގެ މާލޭގެ މާލޭގެ ނަތީޖާ އަށް ބަލައިލުން މުހިންމެވެ. އެކަމަކު، ތަފާސްހިސާބުތަކުގެ ތަފްސީލަށް ނުދާނަމެވެ؛ ރައީސް ނަޝީދު މާލޭގެ މެޖޯރިޓީ އެ އިންތިހާބުގައި ހޯދި ކަން ސާފެވެ.

އެއީ މާޒީ އެވެ؛ މާނަ އަކީ އެ ނަތީޖާ އަށް ބަލައިގެން، އެހެން ވާނޭ ކަމަށް ނިންމުމަކީ މޮޔަ ކަމެކެވެ. އޭރާއި މިހާރު މިއޮތީ އެއްކޮށް ބަދަލުވެފަ އެވެ. ސަރުކާރުން ރާއްޖޭގެ އެހެން އެއްވެސް ދިމާލަކަށް ނުގެންނަ ވަރުގެ ބިޔަ ޕްރޮޖެކްޓްތައް މާލޭގައި ހިންގައިފި އެވެ.

އެހެން ސަރަހައްދުތަކުގައި ޕްރޮޖެކްޓްތައް ނުހިންގާ ވާހަކައެއް ނޫނެވެ. ނަމަވެސް، ތާރީހީ ސިނަމާލެ ބުރިޖަށް ބައްލަވާށެވެ. ބުރިޖާ ގުޅޭ ރިންގުރޯޑުގެ ތަރައްގީ އެވެ. އައިޖީއެމްއެޗުގެ 25 ބްރީގެ އާ ހޮސްޕިޓަލެވެ. މިއީ ފަހުގެ ތާރީހެއްގައި އުމްރާނީ ތަރައްގީ އަށް ރާއްޖޭގައި ހިންގި އެންމެ ބޮޑެތި މަޝްރޫއުތަކެވެ.

އެ ހުރިހާ ކަމަކާ އެކު މާލޭގެ ވޯޓު ކުރީ އަރަރާ ހިލާފަށް ރައީސް ޔާމީން ކާމިޔާބު ކުރައްވައި، ޝައިނީ ވިދާޅުވި ވިދާޅުވުން ތެދުވާނެ ބާވަ އެވެ؟ ނުވަތަ އެ ހުރިހާ ކަމަކާ އެކު ވެސް މާލޭގެ މެޖޯރިޓީ ރައީސް ނަޝީދު ވިދާޅުވި ފަދައިން އިދިކޮޅުން ހޯދަ ފާނެބާވަ އެވެ؟

ޔަގީން ވަނީ އެއް ކަމެކެވެ؛ މާލޭގެ ވެސް އަދި އެހެން ހުރިހާ ރަށެއްގެ ވެސް މެޖޯރިޓީ ލިބޭނީ ކޮންމެ ވެސް އެއް ކެންޑިޑޭޓަކަށް ކަމެވެ. ތިޔަ ބޭފުޅުން ލަފާކުރާ ގޮތުގައި، މިފަހަރު މާލޭގެ މެޖޯރިޓީ ލިބޭނީ ކޮން ކެންޑިޑޭޓަކަށް ހެއްޔެވެ؟

comment ކޮމެންޓް