އިމާމުންނާއި ޚާތިބުން ތަމްރީން ކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

އިމާމުންނާއި ޚާތިބުން ތަމްރީންކުރުމަށް މިއަދު ފެށި މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވާހަކަ ދައްކަވަނީ-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިމާމުންނާއި ޚާތިބުން ތަމްރީންކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ހޯލުގައި މިއަދު ފެށި އެ ބައްދަލުވުން ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު އެވެ.

މިއަދާއި މާދަމާގެ ނިޔަލަށް ބާއްވާ އެ ބައްދަލުވުމުގައި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅުގެ 92 އިމާމުންނާއި ޚަތީބުން ބައިވެރިވެ އެވެ.

މިއީ އިސްލާމިކް މިނިސްޓްރީން ސިލްސިލާކޮށް ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ ބައްދަލުވުމުގެ ތެރެއިން ބޭއްވި 11 ވަނަ ބައްދަލުވުމެެވެ. އެ ޕްރޮގްރާމްގައި މިހާތަނަށް ތަމްރީނުކުރި ބައިވެރިންގެ ޢަދަދު 555 އަށް އަރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިމާމުންނާއި ޚާތިބުން ތަމްރީންކުރުމަށް މިއަދު ފެށި މަސައްކަތު ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިމަހު ތެރޭގައި ށ. އަދި ރ. އަތޮޅުގެ ޚަތީބުންނާ އިމާމުން ތަމްރީނުކުރެވޭނެ. މި ވޯކްޝޮޕް މި މަހުގެ 10 އަކުން 13 އަށް ބޭއްވުމަށް އަޅުގަނޑުމެން ރާވާފައިމިވަނީ." އިސްލާމިކް މިނިސްޓަރގެ ނާއިބު ޢަބްދުލްޣަފޫރު ވިދާޅުވި އެވެ.

އެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މަޢުލޫމާތުދިނުމުގެ އިތުރުން ޚުތުބާ ކިއުމާއި ދިވެހި ބަސް ކިޔައި ހުށަހެޅުމުގެ ހުނަރު ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިމާމުކަމާއި ޚާތިބުކަމަކީ ވަޒީފާއެއް ނޫން ކަމަށާއި އެއީ އިސްލާމީ ރިސާލަތު ބެލެހެއްޓުމަށް އިމާމުންގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެއް ކަމަށެވެ. އެގޮތުން އިމާމުކަމަކީ ހަމައެކަނި ވަޒީފާއެއްކަމުގައި ދެކިގެން މަސައްކަތްކޮށްގެން ނުވާނެ ކަމަށާއި އިމާމުން ކުރާ މަސައްކަތަކީ އިސްލާމީ ރިސާލަތު ބިނާކުރަން ކުރާ މަސައްކަތަކަށް ހަދަންޖެހޭ ކަމަށް ވެސް ޑރ. އަހުމަދު ޒިޔާދު ވިދާޅުވި އެވެ.

comment ކޮމެންޓް