ކެޔޮނިރު: ނަޑެއްލާ އިބިރިހިން ފުތާގެ "ބައިސްކޯފް"

ބްރޫކްލިން ބްރިޖް

އެއީ މީގެ 46 އަހަރު ކުރި އެވެ. ނަވާރަ ސަތޭކަ ހަތްދިހަ ދެވަނަ އަހަރެވެ. ތަނަކީ ގދ.ނަޑެއްލާ އެވެ. މިހާރު ދޮޅުހާހެއްހާ މީހުން ދިރިއުޅޭ ނަޑެއްލާގެ އެއިރުގެ އާބާދީއަކީ އެންމެ 200 އެވެ. ތަރައްޤީގެ އަސަރު އެއިރު ނަޑެއްލާއާ ހިސާބަށް އެއްގޮތަކަށް ވެސް ފޯރާފައި ނުވެ އެވެ.

ނަޑެއްލާގެ އާއިލާތަކުގެ ތެރެއިން ތަންކޮޅެއް ތަނަވަސް އާއިލާއެއްގެ މީހަކު އެއަހަރު ހައްޖަށް ދިޔަ އެވެ. އިބިރިހިންފުތާ ހައްޖުން އަންނަމުން ވަރަށް މޮޅު އެއްޗެއް އެއަހަރު ގެނަ އެވެ. ގެފުޅާއި މައްކާގެ ތަފާތު މަންޒަރު ދައްކައިދޭ ކުޑަ ފޮއްޓެކެވެ. އެފޮއްޓަށް ކުދި ކުދި ފޮޓޯ ލައްވައިގެން ބެލުމުން ވަރަށް އަލިގަދަކޮށް، ރީތިކޮށް މައްކާގެ މަންޒަރުތައް ފެނެ އެވެ. މިކަމަށް އިބިރިހިންފުތާ ދިން ނަމަކީ "ބައިސްކޯފް" ދެއްކުން އެވެ. ބައިސްކޯފް ޝޯއެއް ބެލެނީ ފަހަރަކު މީހަކަށެވެ. ޝޯގެ ދިގުމިނަކީ ހަތަރު ވަރަކަށް މިނިޓެވެ. ޝޯއެއް ބެލުމުގެ އަގަކީ ތިން ކާއްޓެވެ!

ފޮޓޯ ފޮށި ހިފައިގެން އިބިރިހިންފުތާ، އަތޮޅުގެ އެކި ރަށްރަށަށް ދިއުމުން ރަށްރަށުގެ އެންމެން ކަހަލަ ގޮތަކަށް އެޝޯ ބަލަން އެއްވެ އެވެ. ބައެއް މީހުން އެއް ފަހަރު ބަލާފައި އެވަރުން ނުވެގެން ދަރީން ކޮޅު ގޮވައިގެން، ކާށި ގޯންޏެއް ހިފައިގެން ގޮސް، ދެވަނަ ފަހަރަށް ވެސް ބަލަ އެވެ. ކިޔޫ ހަދާފަ އެވެ. ކޮންމެ ދަތުރެއް ނިންމާލާ އިރު އިބިރިހިންފުތާ އަށް ދުއިސައްތަ ތިންސަތެކަ ކާށި ލިބެ އެވެ.

"ކޮއެފުޅާ، މިއީ ޖަބަލް އަރަފާތު، މިއީ ތިން ޖަމްރާ، މިހިރީ ހަޖަރުލް އަސްވަދު، މިއީ ހިރާ ފަރުބަދަ...،" އިބިރިހިންފުތާގެ ކޮމެންޓްރި ކުރިއަށް ގެންދެ އެވެ. އިބިރިހިންފުތާގެ ކޮމެންޓްރީ އަކީ ފޮޓޯޝޯގެ ވަރަށް މުހިއްމު ބައެކެވެ. އޭނާގެ ކޮމެންޓްރީ އަޑު އަހަމުން ފޮޓޯތައް ބަލަން އެތައް ބަޔަކު ހައިރާންވެފައި ތިބެ އެވެ. މިއީ ކޮންފަދަ ބޮޑު އަޖައިބެއް ބާވަ އެވެ!

އެއީ މީގެ 50 ހަކަށް އަހަރު ކުރީގެ ނަޑެއްލާ އެވެ. ތަރައްޤީގެ ޒައްރެއްގެ މިންވަރު ވެސް ނައިސް އޮތް ނަޑެއްލާ އެވެ. ތިން ކާށި ދީފައި ފޮޓޯ ފޮށިން ބައިސްކޯފް ބެލި ޒަމާނެވެ. އެފޮޓޯތައް ފެނިފައި ހައިރާންވެ ތަލިން ކުޅު ހިކުނު ޒަމާނެވެ. އެއިރު އަރަށު މީހުން ހީކުރީ އިބިރިހިންފުތާގެ ބައިސްކޯފަކީ ދުނިޔޭގެ އެވަގުތުގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކަމަށެވެ. އެންމެ ބޮޑު ތަރައްޤީ ކަމަށެވެ. ޢޭގެ 50 ހަކަށް އަހަރު ފަހުން ނަޑެއްލާގެ ގިނަ ބަޔަކު "ބައިސްކޯފް" ފޮށީގެ ބަދަލުގައި މިހާރު ބަލަނީ މިޒަމާނުގެ ސޮނީ ޓްރިނިޓްރޯން، ލެޑް ސްކްރީން، ސްމާރޓް ޓީވީ އެވެ. ނަޑެއްލާ މީހުން ތިބީ ފުދިފަ އެވެ. ދާދި ފަހުން މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖް އެޅުމުންް މާލޭ ސަރަހައްދުގެ ބައެއް ރައްޔިތުން ފުދިފައި ތިބި ގޮތަށެވެ. ބްރިޖް އެޅިއްޖެ އެވެ. އެއީ އެމެރިކާ މީހުން ހަނދަށް ދިއުން ފަދަ ކަމެކެވެ. ތަރައްޤީވެ ނިމިއްޖެ އެވެ! ނަމަވެސް ނަޑެއްލާ މީހުންނަށް އިބިރިހިންފުތާގެ ބައިސްކޯފަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއޭ އެއިރު ހީވި ގޮތަށް ދިވެހި ރައްޔިތުން ބްރިޖަކުން ފުއްދާލައިގެން ތިބޭ ވަރަށް ވުރެ ބާރު ސްޕީޑްގައި ދުނިޔެ ކުރިއަރަމުން އެބަދެ އެވެ. ތަރައްޤީގެ ދުވެލި މެކުހަށް ނުޖަހައިފި ނަމަ މިސާލަކަށް ސިންގަޕޫރު އެއޮތް ފެނަވަރަށް ރާއްޖެ ގެންދަން ވެސް އަދި 50 އަހަރު ނަގާނެ އެވެ.

އިނގިރޭސި ވިލާތުގެ ލަންޑަންގެ ބިމުއަޑިން، އަންޑަރގްރައުންޑް ރެއިލްވޭ އެޅީ ކޮން އަހަރެއްގެއި ކަން ކިތައް ދިވެހީންނަށް އެނގޭ ބާވައެވެ؟ އެއީ 1863 އެވެ. މީގެ 154 އަހަރު ކުރި އެވެ. އެމެރިކާގެ މަޝްހޫރު ބްރޫކްލިން ބްރިޖް ހުޅުވާފައި ވަނީ 1883 ވަނަ އަހަރު އެވެ. އެއީ މީގެ 135 އަހަރު ކުރި އެވެ. އެހެންވީމަ ދުނިޔޭގެ ސްޕީޑާއި ދިވެހިރާއްޖެއަށް ފައިހަމަ ކުރެވޭނީ ވިސްނުން އާސްމާނަށް ގެންގޮސްގެންނެވެ. އެގޮތަށް އާސްމާނަށް ވިސްނުން ގެންދާއިރު ބައެއް ޙިޔާލްތަކަކީ ފަހަރުގައި އެންމެ ރަނގަޅު ނޫން ޙިޔާލް އަށް ވެސް ވެދާނެ އެވެ. ނަމަވެސް ޤަބޫލްކުރަންޖެހޭ ޙަޤީގަތަކީ، ތަރިއެއްގައި އަތްލެވިދާނެ ކަމަށް ޤަބޫލްކޮށް ޖައްވާ ދިމާއަށް އަތްދިއްކުރުމުން ތަރިއެއްގައި އަތްނުލެވުނަސް ފަހަރުގަ އެހެން ކުރިއެރުމެއް ވެސް ލިބިދާނެ ކަމެވެ.

މިސާލަކަށް މީގެ 15 ވަރަކަށް އަހަރު ކުރީން އިނގިރޭސި ހަފްތާ މަޖައްލާ "މަންޑޭ ޓައިމްސް"ގައި އަޅުގަނޑު ފާޅުކުރި ޙިޔާލެކެވެ: ރާއްޖޭގެ އެންމެ ކުޑަ، އެންމެ އާބާދީ މަދު އަތޮޅު ކަމުގައިވާ ވާވު އަތޮޅު އެއްކޮށް (ޑީޕްސީ ޑްރެޖިންގް ހަދައިގެން) ހިއްކައިގެން، 15 ފޫޓު އުސްކޮށް ބޮޑުސިންގާ ބިމެއް ތަރައްޤީ ކުރުމުގެ ޙިޔާލެވެ. މީގެ 20 އަހަރު ފަހުން ފަހަރުގައި ބަޔަކު މިކަން ކޮށްފާނެ އެވެ. މިފަދަ ޙިޔާލުތައް ކޮށްގެން މެނުވީ ތަރައްޤީ އަވަސް ނުކުރެވޭނެ އެވެ. އައްޑު އަތޮޅުގެ ގަމުން ހުޅުދޫއަށް ސިނަމާލެ ބްރިޖް ފަދަ ބްރިޖެއް އެޅުމުގެ ޙިޔާލް އަޅުގަނޑު ފާޅު ކުރުމުން ވެސް ބައެއް މީހުން ހަޖޫ ޖެހި އެވެ. މިފަދަ ގޮތަކަށް ވިސްނުން ހުރެގެން މެނުވީ ޤައުމު ތަރައްޤީއެއް ނުކުރެވޭނެ އެވެ. ސިންގަޕޫރާ ފައިހަމަ ނުކުރެވޭނެ އެވެ.

އަބަދުވެސް އަމާޒަކަށް ބަލަންވީ އެންމެ މައްޗެވެ. އަމާޒުގެ 50 ޕަސެންޓް ހާސިލްވިއަސް އެއީ ހަމަ ކާމިޔާބެކެވެ. ބައިސްކޯފުން ފުއްދާ ނުލާށެވެ. ބްރިޖަކުން ފުއްދާނުލާށެވެ. ދުނިޔޭގެ ތަރައްޤީ އެދަނީ ދުންޖަހާފައި ގޮސް އޮބާލާ ސްޕީޑްގަ އެވެ. ތަރައްޤީގެ ވިސްނުން މަތިކުރާށެވެ. ފިޔަވަޅު ހަލުއި ކުރާށެވެ. އިބިރިހިންފުތާއަކަށް ހެދިގެން، ފުދިގެން ނުހުންނާށެވެ!

comment ކޮމެންޓް