އިނގިރޭސި ވިލާތުގައި ކުޑަކުދިންނަށް އެނާޖީ ޑްރިންކްސް ވިއްކުން މަނާކުރަނީ

އިނގިރޭސި ވިލާތުގައި އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް އެނާޖީ ޑްރިންކްސް ވިއްކުން މަނާ ކުރުމުގެ މަސައްކަތް، އެ ގައުމުގެ ސަރުކާރުން ފަށައިފިއެވެ.

އިގިރޭސި ބޮޑުވަޒީރު ތެރެސާ މޭ ވިދާޅުވީ، 18 އަހަރުން ދަށުގެ ކުދިންނަށް އެނާޖީ ޑްރިންކްސް ވިއްކުން މަނާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުން ތަންފީޒުކުރުމުގެ ކުރިން އާންމުން ހޭލުންތެރި ކުރުމަށް މިހާރު ވަނީ މަސައްކަތްތައް ފަށައިފައެވެ.

އެނާޖީ ޑްރިންކްސް އަކީ އޭގައި ގިނަ އަދަދަކަށް ހަކުރާއި ކެފެއިން އެކުލެވޭ އެއްޗެކެވެ. މާގިނައިން އެނާޖީ ޑްރިންކްސް ބުއިމަކީ ސިއްހީ އެތައް މައްސަލައެއް ކުރިމަތި ކުރުވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

ދިރާސާތަކުން ދައްކާގޮތުގައި ޔޫރަޕްގެ ގައުމުތަކުގައި އެންމެ ގިނައިން އެނާޖީ ޑްރިންކްސް ބޮނީ އިނގިރޭސިވިލާތުގެ ޒުވާނުންނެވެ. އޭގެ ތެރޭގަައި ފުރާވަަރުގެ ކުދިން ގިނައެވެ.

އޭގެ ސަބަބުން އެ ކުދިން ބޮޑުވަމުން އަންނަ އިރު، ސިއްހީ މައްސަލަތައް ކުރިމަތިވާކަން ތަޖުރިބާކާރުން އަންނަނީ ފާހަގަ ކުރަމުންނެވެ.

އިނގިރޭސި ބައެއް ފިހާރަ ތަކުން މިހާރު ވެސް ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް އެނާޖީ ޑްރިންކްސް ވިއްކުން ހުއްޓާލައިފައެވެ. ނަމަވެސް، ވެންޑިން މެޝިންތަކުން ކޮންމެ މީހަކަށް ވެސް އެ ތަކެތި ގަނެވޭނެއެވެ.

އިނގިރޭސި ސަރުކާރުގެ ނިންމުން ތަންފީޒު ކުރަން ފެށުމުން، 150 މިލިގްރާމަށްވުރެ ގިނައިން ކެފެއިން ހުންނަ ބުއިންތައް ކުޑަކުދިންނަށް ވިއްކުން މަނާވާނެއެވެ.

comment ކޮމެންޓް