"ޔުނައިޓެޑާއެކު ކާމިޔާބެއް ނުހޯދުނަސް އެންމެ މޮޅު ކޯޗުންގެ ތެރޭގައި އަހަރެން ހިމެނޭނެ"

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ-- ފޮޓޯ: އޭޕީ

މެންޗެސްޓަރ ޔުނައިޓެޑާއެކު ޓްރޮފީއެއް ނުހޯދުނު ކަމުގައިވީ ނަމަވެސް އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗެއް ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

މިފަހަރުގެ ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު ފުރަތަމަ ތިން މެޗުގެ ތެރޭން އެ ކްލަބުވަނީ ދެ މެޗުން ބަލިވެފައެވެ. މިއީ 1992-93ގެ ފުޓްބޯޅަ ސީޒަނަށް ފަހު ސީޒަން ފެށުމުގައި ޔުނައިޓެޑް އެންމެ ދަށްކޮށް ފެނިގެން ދިޔަ ފަހަރެވެ.

އަމިއްލަ ރެކޯޑުތައް ދިފާއުކުރަމުން، އުމުރުން 55 އަހަރުގެ މޮރީނިއޯ ބުނީ، "އިޓަލީ، ސްޕެއިން އަދި އިންގްލޭންޑުގައި ކާމިޔާބީ ހޯދި ހަމަ އެކަނި މެނޭޖަރަކީ އަހަރެން،" ކަމަށެވެ.

މިދިޔަ ސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑުން ޕްރިމިއަރ ލީގުގެ ދެވަނަ ހޯދުމަކީވެސް އޭނާގެ ފުޓްބޯޅަ ހަޔާތުގައި ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީގެ ގޮތުގައި މޮރީނިއޯ ސިފަކުރިއެވެ.

"އަހަރެންނަކީ ދުނިޔޭގެ އެންމެ ބޮޑެތި ކްލަބުތަކުގެ މެނޭޖަރުކަން ކޮށްފައިވާ މީހެއް، ހަމަ އެހެންމެ އަހަންނަކީ ދުނިޔޭގެ އެންމެ މޮޅެތި މެނޭޖަރުންގެ ތެރޭގައި ހިމެނޭ މީހެއް،" އަމިއްލަ ނަފުސަށް ތައުރީފުކުރަމުން މޮރީނިއޯ ބުންޏެވެ.

ޕްރިމިއަރ ލީގު 13 ފަހަރު ކާމިޔާބުކޮށް، އިނގިރޭސި ވިލާތުގެ އެންމެ މަތީ ފަންތީގެ ޖުމުލަ 20 ޓްރޮފީއެއް މިހާތަނަށް ކާމިޔާބުކޮށްފައިވާ ޔުނައިޓެޑާއެކު ކާމިޔާބީއެއް ނުހޯދުނަސް ހަމަ އެންމެ މޮޅެތި ކޯޗުންގެ ތެރޭގައި ހިމެނޭކަމަށް ގަބޫލު ކުރަންތޯ ރިޕޯޓަރުން ސުވާލުކުރުމުން މޮރީނިއޯ ބުނީ، "އެއީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން" ކަމަށެވެ.

ހަމަ މި ސުވާލު މީގެކުރިން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަށްވެސް ކުރިމަތި ކުރުވި ކަމަށް ބުނުމުން މޮރީނިއޯ ބުނީ، ކްލޮޕަށް އެ ސުވާލަށް ޖަވާބު ނުދެވުން އެއީ އޭނާގެ މައްސަލައެއް ކަމަށެއެވެ. އަދި ކްލޮޕަކީ، އިންޓަނޭޝަނަލް މުބާރާތެއް ކާމިޔާބު ކުރެވިފައިވާ ކޯޗެއް ނޫންކަމަށެވެ.

"އެއީ އޭނާގެ [ކްލޮޕްގެ] މައްސަލައެއް، އަހަރެން މިބުނީ އަހަރެން ދެކޭ ގޮތް. އަހަރެންނަށް ކުރެވޭ އިހްސާސް. އަހަރެން ސުވާލަށް ޖަވާބު މިދެނީ،" ކުރިން ޗެލްސީ، މިލާން އަދި ރެއާލް މެޑްރިޑަށް ވެސް އިރުޝާދުދިން ތަޖްރިބާކާރު ކޯޗު ބުންޏެވެ.

ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ވާދަކުރާނީ، ބާންލީއާ ދެކޮޅަށެވެ. ބާންލީގެ ދަނޑުގައި އެ މެޗު ކުޅޭނީ މާދަމާރޭ ރާއްޖޭ ގަޑިން 20:00ގައެވެ.

comment ކޮމެންޓް