10 އަހަރު ކުރިން ހޯދި ކާމިޔާބީ ތަކުރާރުކޮށް ދިނުމަށް އެދިއްޖެ

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ގައުމީ ފުޓްބޯޅަ ޓީމާ ގަތަރުގައި ބައްދަލުކުރެއްވުން-- ފޮޓޯ: އެފްއޭއެމް

މީގެ ދިހަ އަހަރު ކުރިން، ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ހޯދި ކާމިޔާބީ ތަކުރާރުކޮށްދިނުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އެދިލައްވައިފިއެވެ.

ބައްސާމު މިއަދު ވަނީ، ބަންގުލަދޭޝްގައި މި މަހު ހަތަރު ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފަހުގެ ތައްޔާރީތަކަށް މިހާރު ގަތަރުގައި ތަމްރީނުތައް ހަދަމުންދާ ރާއްޖޭގެ ގައުމީ ޓީމާ ބައްދަލުކުރައްވައިފައެވެ.

ޓީމުގެ ކުޅުންތެރީންނާއި މެނޭޖްމަންޓާ ބައްދަލުކުރައްވައި ޓީމަށް ހިތްވަރު ދެއްވަމުން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް ވިދާޅުވީ، މީގެ 10 އަހަރު ކުރިން، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހޯދި ރަންވަނަ އަލުން ހޯދައި ގައުމަށް ރީތިނަން ހޯދައިދިނުމަށް ހުރިހާ ކުޅުންތެރީންވެސް ގަދައަޅައި މަސައްކަތްކުރުމަށް އެދިލައްވާ ކަމަށެވެ.

ރާއްޖެއާއި ސްރީ ލަންކާގައި 2008 ވަނަ އަހަރު ބޭއްވި، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލްގައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އިންޑިއާ އަތުން ރާއްޖެ ވަނީ 1-0ގެ ނަތީޖާއަކުން މޮޅުވެ ފުރަތަމަ ފަހަރަށް އެ ޝަރަފްވެރި ޓްރޮފީ ހާސިލްކޮށް މުޅި ގައުމަށް ފުޓްބޯޅައިގެ ބޮޑު އީދެއް ގެނެސްފައެވެ. ކޮޅުނބުގެ ސުގަތަދަސާ ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ 87 ވަނަ މިނިޓްގައި ރާއްޖެއަށް "ރަންގޯލް" ޖަހައިދިނީ، މިހާރު ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ މުޚުތާރު ނަސީރު (ޓޫކިލޯ)އެވެ.

ބައްސާމް ވިދާޅުވީ، މިއީ މުޅި ޓީމު ގުޅިގެން، ގައުމަށް ރީތި ނަން ހޯދައިދިނުމަށް ގަދައަޅައި މަސައްކަތްކުރަންވީ ވަގުތު ކަމަށެވެ.

މިއަދުގެ އެބައްދަލުވުމުގައި ގައުމީޓީމުގެ ކުޅުންތެރީންނާއި ޓީމުގެ ކޯޗު ޕީޓަރ ސެގަޓް ވަނީ، މުޅި ރާއްޖެ ފަޚުރުވެރިވާނޭ ފަަދަ ކާމިޔާބެއް ހޯދުމަށް މުޅި ޓީމުއެކުގައި މަސައްކަތްކުރާނޭ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ދީފައެވެ.

މުބާރާތުގައި ރާއްޖެ ވާދަކުރާ ގްރޫޕް "ބީ"ގައި ހިމެނެނީ ތިން ޓީމެވެ. އެއީ ރާއްޖޭގެ އިތުރުން ސްރީ ލަންކާ އަދި އިންޑިއާއެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭ ކުޅޭ ފުރަތަމަ މެޗުގައި، ސެޕްޓެމްބަރު 7 ވަނަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ސެޕްޓެމްބަރު 9 ވަނަ ދުވަހު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. މި ދެމެޗުވެސް ކުޅޭނީ، ޑާކާގެ ބަންގަބޮންދު ނޭޝަނަލް ސްޓޭޑިއަމްގައެވެ.

comment ކޮމެންޓް