ދިވެހިންގެ އުންމީދާ ގުޅިފައިވާ ބްރިޖު ހުޅުވައިފި

ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ޗައިނާ އާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ ސިނަމާލެ ބްރިޖު ރަސްމީކޮށް ހުޅުވައިފިއެވެ.

ބްރިޖު ރަސްމީކޮށް ހުޅުއްވައިދެއްވީ މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ޗައިނާ ސަރުކާރުގެ ފަރާތުން ރަސްމިއްޔާތުގައި ބައިވެރިވެލައްވާ ޗައިނާ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީގެ ޗެއާމަން ވަންގް ޝިއާއޮ ޓާއޯ އެވެ.

ސިނަމާލެ ބްރިޖާއެކު މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ވަނީ އެއްގަމު މަގުން ގުޅާލެވިފައެވެ.

ބުރިޖަކީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއެވެ. ބުރިޖާޢެކު ރާއްޖޭގެ އިގްތިސާދަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ މާލެ އާއި ހުޅުމާލެ އާ ދެމެދު ކޮންމެ ދުވަހަކު ދަތުރު ކުރާ ރައްޔިތުންނަށް ބުރިޖާއެކު ފަސޭހަތައް ލިބޭނެ ކަމަށެވެ. މިއީ ޒަމާނީ ތަރައްގީ އަށް ރާއްޖެ ކުރާ ދަތުރުގެ މުހިއްމު ކާމިޔާބީއެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ބުރިޖުގެ ރަސްމީ ދަތުރުތައް އަންނަ މަހުގެ ހަތެއްގައި ފަށާއިރު ބުރިޖު ހުޅުވުމުގެ އުފާ ފާޅުކުރުން ހަތް ދުވަހަށް ކުރިއަށް ގެންދާނެއެވެ. މިި ހަރަކާތްތަކުގެ ތެރޭގައި މާދަމާ ބުރިޖު މަތީ ކުރާ ކައިވެނި ތައް އޮންނާނެއެވެ. ބުރިޖު މަތީގެ ބައިސްކަލު ބުރެއް ހޮނިހިރު ދުވަހު އޮންނާނެއެވެ. އާދިއްތަ ދުވަހު ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފްލާވެސް ބުރިޖުމަތީ ބާއްވާނެއެވެ.

މީގެ އިތުރުން ސްކޫލު ކުދިންނާއި އެމްއެންޑީއެފްގެ ޕެރޭޑު، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަ އިވެންޓުތައްވެސް ބުރިޖު މަތީ ބާއްވާއިރު އާންމު ދަތުރުތަކަށް ހުޅުވާލުމުގެ ކުރިން ބުރިޖު މަތީ ފޮޓޯ ނެގުމުގެ ފުރުސަތުވެސް ރައްޔިތުންނަށް ދޭނެ ކަމަށް ހައުސިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ތިން އަހަރާއި 11 މަސް ތެރޭ ބުރިޖުގެ މަސައްކަތް ނިންމާލާ ބުރިޖު ހުޅުވިއިރު މިއީ ޗައިނާ އާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުމުގެ ރަމްޒެކެވެ.

ބްރިޖު ހުޅުވުމަށް ބޭއްވި ތާރީޚީ ޖަލްސާގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ބްރިޖު ހުޅުއްވައިދެއްވުމާއެކު ލޭޒާ ޝޯ އަދި ބަޑިބޭހުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ރާއްޖޭގެ ސަރުކާރުގެ ބަޖެޓުން އަދި ޗައިނާގެ ލޯނު އެހީގައި އެޅި ބްރިޖު މަޝްރޫއަށް 200 މިލިއަން ޑޮލަރު ވަނީ ޚަރަދުވެފައެވެ.

comment ކޮމެންޓް