ފަތުރުވެރިކަމުން މިސްރަށް ލިބުނު އާމްދަނީ 77 ޕަސެންޓުގެ އިތުރުވެއްޖެ

މިސްރަކީ ތާރީހީ، މަޝްހޫރު ބިނާތައް ހުންނަ ގައުމެއް --- ފޮޓޯ: ރޮއިޓާސް

ފަތުރުވެރިކަމުގެ ދާއިރާ އިން މިސްރަށް ލިބުނު އާމްދަނީ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 77 ޕަސެންޓް އިތުރުވެއްޖެ އެވެ.

މިސްރުގެ އޮފިޝަލުންނާ ހަވާލާދީ އޮރިޓާސް އިން ބުނީ، ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން އެ ގައުމަށް 4.8 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާ ބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މިސްރަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 41 ޕަސެންޓް އިތުރުވެފަ އެވެ.

އޮފިޝަލުން ލަފާކުރާ ގޮތުގައި، މިސްރުގެ ފަތުރުވެރިކަމު ސިނާއަތު ވަރުގަދަވެ، މި އަހަރުގެ ނިޔަލަށް ނުވަ ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ އެވެ.

އެ ގައުމުން ލަފާކުރާ ގޮތުގައި ޔޫރަޕާއި، އިޓަލީ، ޖަރުމަނު އަދި ޔޫކްރެއިން ފަދަ ގައުމުތަކުން މިސްރަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މި އަހަރު އިތުރުވާނެ އެވެ.

މިސްރުގެ އިގްތިސާދުގެ އެންމެ މައި އެއް ދާއިރާ އަކީ ފަތުރުވެރިކަމުގެ ދާއިރާ އެވެ. އަދި 2010 ވަނަ އަހަރު އެ ގައުމުގައި ހިނގި ސިޔާސީ ހަމަނުޖެހުމަށް ފަހު، ފަތުރުވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް ދަށްވެގެން ދިޔަ އެވެ. އޭގެ ސަބަބުން އެ ގައުމުގެ އިގްތިސާދު ވަރަށް ބޮޑަށް ހީނަރުވެގެން ދިޔަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުނިޔޭގެ ތާރީހީ ގިނަ ބިނާތައް ހުންނަ މިސްރުގެ ފަތުރުވެރިކަމުގެ ދާއިރާ އިން އެ ގައުމަށް 2010ގެ ކުރިން އާންމުކޮށް އަހަރަކު 14.7 ބިލިޔަން ޑޮލަރު ލިބުނެވެ. ނަމަވެސް ފަހުން އެ އަދަދު ވަރަށް ބޮޑަށް ވެއްޓިގެން ދިޔައީ އެވެ.

މި އަހަރު ނިމޭއިރު ނުވަ ބިލިޔަން ޑޮލަރުގެ އާމްދަނީއެއް، ފަތުރުވެރިކަމުގެ ދާއިރާ އިން އެ ގައުމަށް ލިބޭނެ ކަމަށް ލަފާކުރާއިރު މިދިޔަ އަހަރު އެ އަދަދު އުޅެނީ 7.6 ބިލިޔަން ޑޮލަރުގަ އެވެ.

comment ކޮމެންޓް