ލަންކާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު، ބަންގާޅުގެ ދަނޑުގައި އެ ޓީމު ބަލިކޮށްފި

ބަންގްލަދޭޝްއާ ލަންކާ ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: ބަންގްލަދޭޝް ފުޓްބޯލް ފެޑަރޭޝަން

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ސްރީލަންކާ މޮޅުވެއްޖެ އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕު ބާއްވާ ގައުމު، ބަންގުލަދޭޝްގެ މައްޗަށް ލަންކާ ކުރި ހޯދީ 1-0ގެ ނަތީޖާއިންނެވެ. ބަންގްލަދޭޝްގެ ނިލްފަމަރީގައި ހުންނަ 20000 މީހުންގެ ޖާގައިގެ ޝައިހް ކަމާލް ސްޓޭޑިއަމްގައި ލަންކާއިން މޮޅުވީ އެތައް ހާސް ބަންގްލަދޭޝް ސަޕޯޓަރުންގެ ކުރިމަތީގަ އެވެ.

މެޗުގެ ހަމައެކަނި ގޯލު ކާމިޔާބު ކުރީ ލަންކާގެ ފައިޒަލް އެވެ. މެޗުގެ 10 ވަނަ މިނެޓުގައި އޭނާ އެ ހިތްގައިމު ގޯލު ޖެހީ ހާފުގެ މެދުގައި ހުރެ ނެގި ޝޮޓަކުންނެވެ. އޭނާ އެ ޝޮޓު ފޮނުވާލީ ގޯލްކީޕަރު ކުރިއަށް ނުކުމެ ހުރި ވަގުތެއްގަ އެވެ.

އެ ގޯލަށް ފަހު ލަންކާ އިން ޑިފެންސިވް ގޭމަކަށް ބަދަލު ކުރި އެވެ. ބަންގްލަދޭޝް އިން މެޗުގައި ރަނގަޅަށް ކުޅޭ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، އެ ޓީމަށް ލަންކާގެ ޑިފެންސް ފޫއަޅުވާ ނުލެވުނެވެ.

ސްރީލަންކާގެ ކޯޗުކަމާ ހަވާލުވެގެން ހުރި ނިޒާމް ޕަކިރް އަލީ އަކީ ބަންގްލަދޭޝްގެ ފުޓުބޯޅަ ލީގުގައި ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު މީހެކެވެ. އަދި އޭނާ ދިވެހި ބައެއް ކްލަބުތަކަށް ވެސް ކުޅުނެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ލަންކާއިން ކޭމްޕްކޮށްފައި ވަނީ ޖަޕާނާއި ދެކުނު ކޮރެއާގަ އެވެ. މުބާރާތައް ތައްޔާވުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އެ ޓީމު ވަނީ މީގެ ކުރިން ލިތުއޭނިއާއާ ދެކޮޅަށް ކުޅެ 1-1ގެ ނަތީޖާއިން އެއްވަރުކޮށްފަ އެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ހިމެނެނީ ޖުމްލަ ހަތް ޓީމެވެ. ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. ރާއްޖެއާ އެކު ގްރޫޕްގައި ހިމެނެނީ ލަންކާ އަދި އިންޑިއާ އެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.

comment ކޮމެންޓް