އަރަބި މުއްސަނދި ގައުމުތައް ގެންދަނީ އިސްރާއީލާ ގުޅުންތައް ގާއިމް ކުރަމުން: ނަތަންހާޔޫ

ދައިމޫނާ (އޮގަސްޓް 30): އަރަބި ބައެއް ގައުމުތަކުން އިސްރާއީލާ ގުޅުންތައް ގާއިމް ކުރަންބޭނުންވާކަން އަންގައި ފަރުދާގެ އަނެއް ފަރާތުން ގުޅުންތައް ގާއިމް ކުރަމުންކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ދައިމޫނާ ނިއުކްލިޔަރ މަރުކަޒުގެނަން ޝަމްޢޫން ޕެރޭޒް ނިއުކްލިޔަރ މަރުކަޒުގެ ނަމަށް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ އަރަބި ދުނިޔޭގައި ހިމެނޭ އެންމެ ނުފޫޒުގަދަ އަދި އެންމެ މުއްސަނދި ގައުމުތައް މިހާރުވެސްވަނީ ސިއްރިޔާތުގައި އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައި ކަމަށާ އެގައުމުތަކުން އިސްރާއީލާ ގުޅުންތައް ގާއިމް ކުރަނީ އިސްރާއީލާ ގުޅިގެން އީރާނުގެ ނުރައްކަލާ ކުރުމަތިލުމަށްކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ. އަދި އިސްރާއީލާ ގުޅުންތައް ގާއިމް ކުރުމަށް އެގައުމުތަކުން ފަލަސްތީނުގެ މައްސަލަ ހައްލުކުރަން ޝަރުތު ނުކުރާކަމާއި އިސްރާއީލަށްވުރެ އެގައުމުތަކަށް ނުރައްކަލީ އީރާންކަންވެސް ނަތަންޔާހޫ ފާހަގަކުރެއްވިއެވެ.

އަރަބި ގައުމުތަކުގެ ތެރެއިން އިސްރާއީލާއެކު ރަސްމީ ސިފައެއްގައި ގުޅުންތައް ގާއިމްކޮށްފައިވަނީ މިސްރާއީ އުރުދުން އިންނެވެ. ނަމަވެސް އެއީ ރަސްމީ އަދި ޑިޕްލޮމެޓިކް ލެވެލްގައެވެ. އެދެގައުމުގެ ރައްޔިތުންނާ އިސްރާއީލާ ދެމެދު އެއްވެސް ގުޅުމެއް ނޯވެއެވެ. އަދި އެދެގައުމު (މިސްރާއީ އުރުދުން)ގެ ރައްޔިތުން އިސްރާއީލާ މެދު މިހާރުވެސް ދެކެނީ އަރަބިންނާއި މުސްލިމުންގެ އެންމެ ބޮޑު ދުޝްމަނުގެ ގޮތުގައެވެ. އެހެންކަމުން އުރުދުންއާއި މިސްރުގައި ތިއްބަވާ އިސްރާއީލުގެ ސަފީރުން އެދެގައުމުގައި އުޅުއްވަނީވެސް ވަރަށް އެކަހެރި ގޮތެއްގައެވެ.

އިސްރާއީލާއެކު ފަރުދާގެ އަނެއް ފަރާތުން ގުޅުންތައް ގާއިމްކުރާ ކަމަށް އަޑުއަރާފައިވަނީ ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އާއި ބަހްރައިންއެވެ. އިސްރާއީލާ ސިއްރިޔާތުގައި ގުޅުންތައް ބާއްވާ ވާހަކަ އެތިން ގައުމުން ދޮގެއްވެސް ނުކުރެއެވެ. އެތިން ގައުމުގެ އިސް މަސްއޫލުވެރިން އިސްރާއީލަށް ވަޑައިގެން އިސްރާއީލުގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވާ ފޮޓޯތައް އާންމު ވެފައިވެއެވެ. އަދި އެތިން ގައުމުގެ މަސްއޫލުވެރިން އެމެރިކާއާއި ޔޫރަޕްގައިވެސް ފާޅުކަންބޮޑު ގޮތެއްގައިވެސް އިސްރާއީލުގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވާކަން މީޑިޔާ ރިޕޯޓްތަކުން ހާމަވެފައިވެއެވެ.

މީގެއިތުރުން ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އާއި ބަހްރައިންގެ އެންމެ ބޮޑު ދުޝްމަން ކަމަށްވާ ގަތަރުގެ މަސްއޫލުވެރިންވެސް ސިއްރިޔާތުގައި އިސްރާއީލުގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވާކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަތަރުގައުމުވެސް އެގައުމުތަކާ ސިޔާސީ ގޮތުން މައްސަލަ ޖެހިފައިވާ އިސްލާމީ ގައުމުތަކާ ދެކޮޅަށް މަދަދު ހޯދަނީ ފަލަސްތީނާއި މުސްލިމުންގެ މުގައްދަސް ބިންތައް ހިފައިގެން އުޅޭ އިސްރާއީލުގެ ކިބައިންނެވެ.

ދާދިފަހުން ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަޙްމާން އިސްރާއީލުގެ ދިފާއީ ވަޒީރު އިވިގިޑޯ ލިބަރމެން އާ އެމެރިކާގައި ބައްދަލުކުރެއްވި ކަމުގެ ރިޕޯޓްތަކާއި ފޮޓޯތައްވަނީ ފެންމަތިވެފައެވެ. ނަމަވެސް ގަތަރު ސަރުކާރުން އެކަން ދޮގެއް ނުކުރެއެވެ.

އިސްރާއީލުން ފަލަސްތީނުގެ އާންމުން މަރަމުން ގެންދާ މައްސަލައާއި އިސްރާއީލުން ގުދްސަކީ އިސްރާއީލުގެ ތަނެއްކަމަށް ހަދައި އެމެރިކާއިން ގުދްސަށް އެގައުމުގެ އެންބަސީ ބަދަލުކުރުމުންވެސް މިގައުމުތަކުން މާބޮޑު އަޅާލުމެއް އަޅާލާފައެއް ނުވެއެވެ. އަދި ބަހްރައިންގެ ޚާރިޖީ ވަޒީރުވަނީ ގުދްސުގެ މައްސަލައަކީ އެގައުމުން އެހާބޮޑު އިސްކަމެއް ދޭ މައްސަލައެއް ނޫންކަމަށްވެސް ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް