ރިތިކްގެ ސަބަބުން ފިލްމެއް ދޫކޮށްލާފައެއް ނުވާނެ: ދިޝާ

ރިތިކްގެ ސަބަބުން ފިލްމެއް ދޫކޮށްލާފައެއް ނުވާނެ ކަމަށް ދިޝާ ވަނީ ބުނެފައި---

ކާމިޔާބު އެކްޓަރު ރިތިކް ރޯޝަން "ފްލާޓް" ކުރުމުގެ ސަބަބުން ޒުވާން ބަތަލާ ދިޝާ ޕަޓާނީ ފިލްމެއް ދޫކޮށްލި ކަމަށް ބުނެ ދެެކެވެމުން އަންނަ ވާހަކަތަކަށް ދިޝާ ރައްދު ދީފި އެވެ.

ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމަކުން ދިޝާ އަދި ރިތިކް އެކުގައި ފެނިގެންދާނެ ކަމަށް ކުރިން ރިޕޯޓުތައް ވަނީ ބުނެފަ އެވެ. ނަމަވެސް މިދިޔަ ހަފްތާގައި ރިޕޯޓުތައް ބުނަމުން ދިޔައީ ރިތިކްގެ ސަބަބުން ދިޝާ އެ ފިލްމު ދޫކޮށްލައިފައިވާ ކަމަށެވެ.

ދިޝާ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އެއީ އެއްވެސް ހަގީގަތެއްނެތް ވާހަކަތަކެއް ކަމަށެވެ. އަދި ރިތިކް އަކީ އެހެން މީހުންނަށް އިހްތިރާމްކުރާ ވަރަށް ރަނގަޅު މީހެއް ކަމަށް ބުނެ ދިޝާ ވަނީ ރިތިކް އަށް ތައުރީފުކޮށްފަ އެވެ.

"ރިތިކް އާ އަހަންނާ ގުޅުވައިގެން ދެކެވެމުން އަންނަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް. ރިތިކް އާ ބައްދަލުވި މަދު ފަހަރުތަކުން ވެސް އެނގިގެން ދިޔައީ ރިތިކް އަކީ ވަރަށް ގަދަރުވެރި މަޖާ މީހެއް ކަން،" ދިޝާ ބުނެފައިވެ އެވެ.

ދިޝާ ބުނީ އެފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތަކަކަށް ޖަވާބު ދޭން ޖެހުނީ ވެސް ރިތިކްއަށް ކުރާ އިހުތިރާމެއްގެ ބޮޑުކަމުން، ރިތިކްގެ އަގު ވެއްޓެން ބޭނުން ނުވާތީ ކަމަށެވެ.

ދިޝާ ބުނީ ރިތިކް އަކީ އޭނާ އެންމެ ބޮޑަށް މަސައްކަތް ކޮށްލަން ބޭނުންވާ އެކްޓަރުންގެ ތެރެއިން އެކަކު ކަމަށެވެ. "އަހަރެން ރިތިކް ހިމެނޭ އެއްވެސް ފިލްމެއް ދޫކޮށްލި ކަމަށް ބުނެ ދެކެވެނީ ދޮގު ވާހަކަތަކެއް،" ދިޝާ ބުނެފައިވެ އެވެ.

ދިޝާގެ އިތުރުން ރިތިކް ވެސް ވަނީ މީޑިއާގައި ދައުރުވަމުން އަންނަ ރިޕޯޓުތައް ދޮގުކޮށްފަ އެވެ.

comment ކޮމެންޓް