ކެޔޮނިރު: އަޅުގަނޑަކީ ރައީސް ޔާމިނު ނަމަ ސިނަމާލެ ބްރިޖް ހުޅުވާއިރު ދައްކާނެ ވާހަކަ!

30 އޮގަސްޓް 2018 ވާ ބުރާސްފަތި ދުވަހު ސިނަމާލެ ބްރިޖް ހުޅުވައިދެއްވާ އިރު ރައީސް ޔާމިނު ޤައުމާ މުޙާތަބް ކުރައްވައި ދައްކަވާނެ ވާހަކައެއް އަޅުގަނޑަކަށް ނޭގެ އެވެ. ނަމަވެސް، އަޅުގަނޑަކީ ރައީސް ޔާމިނު ނަމަ އެ ޙަފްލާގައި އަޅުގަނޑު ދައްކާނެ ވާހަކަ، ތިރީގައި ބަޔާންކޮށްލާނަމެވެ:

*********************************

އައްސަލާމަ އަލައިކުމް ވަރަހްމަތުﷲ ވަބަރަކާތުހޫ.

ތިޔަ ލޮބުވެތި ދިވެހި ރައްޔިތުންނަށް ޙިދުމަތް ކުރުމަށް، ޤައުމުގެ ރައީސްކަމުގެ މަޤާމާ ހަވާލުވެ ހުރި ޙާދިމެއްގެ ހައިސިއްޔަތުން މިއަދަކީ އަޅުގަނޑު ވަރަށް އުފާވާ ދުވަހެއް. ސަބަބަކީ މިއަދު މިހުޅުވޭ ސިނަމާލެ ބްރިޖަކީ އަޅުގަނޑުގެ ވެރިކަމުގައި ހަދަން ފަށާ، ވެރިކަމުގެ އެއް ދައުރުތެރޭ ހަދާ ނިންމައި، ބްރިޖް ހުޅުވާ ދުވަސް ކަމުގައި ވާތީ އެއް ނޫން! އަޅުގަނޑު އުފާ ވަނީ މި ބްރިޖަކީ އަޅުގަނޑުގެ ބޭބެ، އަދި ދިވެހި ޤައުމަށް ދިގު މުއްދަތަކަށް ޙިދުމަތް ކުރައްވާފައިވާ، ކުރީގެ ރައީސް އަލްއުސަތާޒް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ކުރެއްވި ތަސައްވުރަކުން ފެށިގެން އައި ކަމަކަށް ވާތީ އެވެ. ހުޅުމާލެ އަކީ އެމަނިކުފާނުގެ ޙިޔާލެވެ. ހުޅުމާލެ ހިއްކަން ފެއްޓީ އެމަނިކުފާނުގެ ވެރިކަމުގައެވެ. ބްރިޖްގެ ޙިޔާލް އެއިރު ވެސް ކުރެވިފައި އޮތެވެ. ނަމަވެސް ބްރިޖްގެ މަސައްކަތް ހަޤީގަތަކަށްވީ އަޅުގަނޑުގެ ޒައާމަތުގެ ދަށުން ކަމަށް ވުމަކީ އަޅުގަނޑު ވެސް ނިހާޔަތަށް އުފާކޮށް މާތްﷲ އަށް ހަމްދާއި ޝުކުރު ދަންނަވާ ކަމެއް.

މި ސިނަމާލެ ބްރިޖަކީ އެއްވެސް ވަކި ޕާރޓީއެއްގެ، ނުވަތަ ވަކި ފިކުރެއްގެ ބައެއްގެ ހަމައެކަނި ތަނެއް ނޫން. މިއީ ތިޔަ އެންމެހާ ދިވެހި ރައްޔިތުންގެ މިލްކެއް. މިދިވެހި ޤައުމު ކުރިމަގުގައި ފަޙުރުވެރިވާނެ ފަދަ ޤައުމީ ބިނާއެެއް. ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް މިފަދަ ބްރިޖް އެޅިދާނެކަން ސާބިތު ކޮށްދޭ ދެމިހުރި ރަމްޒެއް. ޤައުމުގެ އިޤްތިސޯދީ އިންޖީނުގައި ހަރުކުރެވުނު އިތުރު ބޮޑު ބޫސްޓަރެއް. މިވަގުތުކޮޅަކީ ހުރިހާ ދިވެހި ރައްޔިތުން، ކުޑަ ހިނދުކޮޅަކަށް ނަމަވެސް ސިޔާސީ ފިކުރު އެއްކިބާކޮށް، ދިވެހި ޤައުމަށް ޓަކައި އުފާވެރިކަމުގެ ހިނިތުންވުމަކުން ހިނިތުންވެ، އަތާއި އަތް ޖޯޑުކޮށް ސަލާމް ކޮށް، ދިވެއްސަކަށްވީތީ ފަޙުރުވެރިވާންވީ ވަގުތުކޮޅެއް.

މި ބްރިޖަކީ، އަޅުގަނޑުމެން ފަދަ ނިސްބަތުން ފަގީރު، ކުދި ޤައުމުތަކަށް، ދުނިޔޭގެ މުއްސަންތި، ބޮޑެތި ޤައުމުތަކުން، އިޙްލާސްތެރިކަމާ އެކު އެހީވެދީފި ނަމަ، ކުދި ޤައުމުތަކަށް ވެސް ތަރައްޤީގެ ދުވެލި ހަލުއި ކުރެވޭނެ ކަމުގެ އަލިގަދަ މިސާލެއް. ޗައިނާ ސަރުކާރުން ކުދި ޤައުމުތަކަށް ދެމުންދާ މިފަދަ އެހީ ތަކާމެދު ދުނިޔޭގެ، ޙާއްސަކޮޮށް ހުޅަނގުގެ ޤައުމުތަކުން، އެއީ ދަރަނީގެ ދަންތުރަތަކެއްގެ ގޮތުގައި ސިފަކުރާއިރު، އެފަދަ ހުޅަނގުގެ ޤައުމުތަކުން ދޭ ގިނަ އެހީތަކަކީ ރައްޔިތުންގެ ދީނީ އަޤީދާ ގުރުބާން ކުރަން ޝަރުތުކޮށްފައި ދޭ އެހީ ތަކަކަށް ވަނީ ވެފައި. މި ޗާލު ސިނަމާލެ ބްރިޖް މަތީ ހުރެ، މިރޭ މިބްރިޖް އަޅުގަނޑު ހުޅުވައިދޭ އިރު އަޅުގަނޑުގެ އެދުމަކީ ދިވެހި ކޮންމެ ރައްޔިތަކު ވެސް އަޅުގަނޑުމެންނަށް މިކަން ހަޤީގަތަކަށް ހަދައި ދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ޗައިނާ އަށް ޝުކުރުވެރި ވުމުގެ ޝުއޫރު، ހިނދުކޮޅަކަށް ނަމަވެސް ހިތަށް ގެނައުން. މިއީ ތާރީހީ ވަގުތުކޮޅެއް. އަޅުގަނޑު ދަންނަވާނީ ޗައިނާގެ ބޮޑު އެހީ އަކާއިއެކީ މިރޭ މި ހުޅުވޭ ބްރިޖަކީ، ރާއްޖޭގެ ކުރިމަގުގައި ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް، ޗައިނާ އާއި ދިވެހި ޤައުމަކީ ވަކި ނުކުރެވޭނެ އިޤްތިސޯދީ ދެ ބައިވެރިންކަން ރަމްޒު ކޮށްދޭނެ ދަންމަރެއް!

އަޅުގަނޑު ކުރިންވެސް ފާހަގަ ކުރި ގޮތުގައި މިއޮތް ހުޅުމާލެ އާއި މި ބްރިޖަކީ ކުރީގެ ރައީސް އަލްއުސަތާޒް މައުމޫން އަބްދުލް ޤައްޔޫމްގެ ވިސްނުންފުޅުން އުފަންވި ޙިޔާލެއް. އެހެންކަމުން މިރޭ މި ސިނަމާލެ ބްރިޖް ހުޅުވާއިރު އެމަނިކުފާނު މި ދިވެހި ޖައްވަށް މިނިވަން ކަމުގެ ނޭވާއެއް ލެއްވުމަކީ އަޅުގަނޑުމެން ހުރިހާ ދިވެހިން ވެސް އެދޭނެ އެދުމެއް ކަމުގައި އަޅުގަނޑު ދެކެން. އެގޮތުން، މިވަގުތު ޝަރުއީ ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ރައީސް އަލްއުސަތާޒް މައުމޫން އަބްދުލަ ޤައްޔޫމްއަށް ރިއާސީ މައާފަކުން މިރޭ މައާފް ދިނުމަށް އަޅުގަނޑު ނިންމައިފި ކަމުގެ އުފާވެރި ޙަބަރު ތިޔަ އެންމެ ރައްޔިތުނަނަށް އަރުވަން. ހަމައެއާ އެކު އެމަނިކުފާނަށާއި އެމަނިކުފާނުގެ އާއިލާ އަށް އަޅުގަނޑު އުފާވެރި، އަމާން، ފާގަތި ދުވަސްތަކަކަށް އެދެން.

އަޅުގަނޑުގެ ސަރުކާރަށް ފާޑުކިޔާ ބައެއް ފަރާތަތަކުން ބުނާ ގޮތުގައި މިސަރުކާރަކީ މާލެއަށް ހުރިހާ ކަމެއް ތޮއްޖައްސައި، ރާއްޖެތެރެ ފަޅު ކުރަން އުޅޭ ސަރުކާރެއް. އެފަދަ ފަރާތްތަކާ އަޅުގަނޑު ކުރަން އޮތް ސުވާލަކީ، ރާއްޖެތެރެ ފަޅުކުރަން އަޅުގަނޑު އުޅޭނަމަ ރާއްޖޭގެ އެކި އަތޮޅު ތަކުގައި އެއާރޕޯރޓް އަޅައި، ބަނދަރު ހަދާ، ފެނާއި ނަރުދަމާގެ ޙިދުމަތް ޤާއިމްކޮށް، މަގުތަކުގައި ތާރުއަޅާ ތަރައްޤީގެ އެފަދަ އެހެނިހެން މަސައްކަތް ކުރަނީ ކޮންބޭނުމަކުތޯ އެވެ؟ މިސުވާލުގެ ޖަވާބް ވަރަށް ސާފު. މިސަރުކާރުގެ މަޤްސަދަކީ މާލެ ނުވަތަ ގްރޭޓަރ މާލެ އެންމެ ޒަމާނީ ފެނަވަރަށް ތަރައްޤީ ކުރުމާ އެކު ރާއްޖެތެރެ ވެސް ތަރައްޤީ ކުރުން.

އަޅުގަނޑަށް ދިވެހި ރައްޔިތުން ދެވަނަ ދައުރެއް ދެއްވައިފި ނަމަ އަޅުގަނޑުގެ ސަރުކާރެއްގެ އެންމެ ބޮޑު އަދި އެންމެ އަހައްމިއްޔަތުކަންދޭ މަސައްކަތަކަށް ވެގެންދާނީ ރާއްޖޭގެ އުތުރާއި ދެކުނުގައި، ވަރުގަދަ ދެ ސަރަހައްދީ ސިޓީ ތަރައްޤީ ކުރުން. އެގޮތުން، ފަސްއަހަރުގެ ދައުރެއް ނިމޭ އިރު ﷲ އިރާދަފުޅުން އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އޮންނާނީ އެންމެ ޒަމާނީ ފެނަވަރަށް ތަރައްޤީ ކުރެވި، އެ ސިޓީތަކުގައި ތިބެގެން އެންމެ ފުރިހަމަ ސިއްޙީ އަދި ތައުލީމީ ޙިދުމަތް ލިބޭ، ރަނގަޅު ވަޒީފާ ލިބޭ ވަރަށް ތަރައްގީ ކުރެވިފައި.

މިފަދަ ބްރިޖެއް ހުޅުވާއިރު އަޅުގަނޑުގެ ތަސައްވުރަށް އަންނަނީ މީގެ ފަސް އަހަރު ފަސް. އެއީ 2023 ވަނައަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަސް. އިންޝާﷲ، އެދުވަހު، އަޅުގަނޑުގެ ހުވަފެނަކީ މިފަދަ އެހެން ބްރިޖެއްމަތީ ހުރެ އެބްރިޖް ހުޅުވައި ދިނުން. އެއީ، އިންޝާﷲ، ސ.ގަމުން ސ.ހުޅުދޫއަށް އަޅާ ބްރިޖް. މި ސިނަމާލެ ބްރިޖަކީ އަޅުގަނޑުގެ ވެރިކަމުގެ ފުރަތަމަ ދައުރުގެ އެންމެ ބޮޑު ރަމްޒު ކަމުގައި ވާނަމަ، އަޅުގަނޑުގެ ދެވަނަ ދައުރެއްގެ އެންމެ ބޮޑު ރަމްޒަކަށް ވާނީ މިދެންނެވި، ގަމުން ހުޅުދޫ އަށް އަޅާ ބްރިޖް. އިންޝާﷲ، އެ މަސައްކަތުގައި ވެސް އަޅުގަނޑުމެންނަށް ޗައިނާ ސަރުކާރުގެ ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދު ކުރަން.

މި ސިނަމާލެ ބްރިޖާ ގުޅޭ ގޮތުން ވާހަކަ ދައްކާއިރު، އަދި މިފަދަ އެހެން ބްރިޖެއް އައްޑު އަތޮޅުގައި އެޅުމުގެ ޙިޔާލް ފާޅު ކުރެވޭ އިރު އަޅުގަނޑުގެ ހިތަށް އަންނަނީ މީގެ 18 އަހަރު ކުރީ، ހުޅުމާލޭގައި މީހުން އަބާދު ވެސް ނުވަނީސް އައްޑު އަތޮޅަށް ނިސްބަތްވާ ދިވެހި ލިއުނަތެރިއަކު ލިއުއްވާފައިވާ ލިއުމެއް. އެލިއުމުގައި އޭނާ ސިފަ ކުރައްވާފައިވާ ގޮތަށް މިއަދު ހުޅުމާލޭގައި މިވަނީ ބޮޑެތި އުސް ފްލެޓްބަރި އެޅި، މަގުތައް ހެދި، މާލެއާ ބްރިޖަކުން ގުޅާލެވިފައި. މީގެ 18 އަހަރު ކުރީން އެ ލިއުންތެރިޔާ ސިފަކުރައްވާފައިވާ ހުޅުމާލެ އާއި މިއަދުގެ ހަޤީޤީ ހުޅުމާލެއާ ނުހަނުވެސް އެއްގޮތް. މީގެން ދޭހަކޮށްދެނީ ދިވެހި ރައްޔިތުންނަކީ ވެސް ވިޝަނަރީ ބައެއްކަން. ކުރިމަގަށް ވިސްނާ ވިސްނުންތެރީން ތަކެއްކަން. މާތްﷲ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން މިއަދު މިސިނަމާލެ ބްރިޖް ހުޅުވާ ފަދައިން މީގެ ފަސް އަހަރު ފަހުން އައްޑު އަތޮޅުގައި ވެސް ބްރިޖެއް ހުޅުވާނަން. އެއީ އަދި މިއަށްވުރެ ވެސް ދިގު ބްރިޖަކަށް ވެގެންދާނެ. އަދި މާބޮޑު ޗެލެންޖަކަށް ވެގެން ދާނެ. ނަމަވެސް ޗެލެނޖްތަކާ ކުރިމަތި ލުމަކީ ތަރައްޤީގެ އަސާސެއް. ކޮމްފޯރޓް ޒޯނުގަ ތިބެ، ތީ ވާނެ ކަމެއްނޫނޭ ބުނުމަކީ އެންމެ ފަސޭހަގޮތް. އަޅުގަނޑަކީ ފަސޭހަ ގޮތް ބޭނުން މީހެއް ނޫން. ދިވެހި ރައްޔިތުނަނަކީ ވެސް ހަމައެކަނި ފަސޭހަގޮތް ބޭނުން ބައެއް ކަމަކަށް އަޅުގަނޑު ނުދެކެން.

އަޅުގަނޑުމެން 21 ވަނަ ޤަރުނުގެ ތެރައަށް ވަދެގެން މިދަނީ، އިންޝާﷲ، 2025 އަންނައިރު މިދިވެހި ޤައުމަކީ ދެކުނު އޭޝިއާގެ އެންމެ ތަރައްޤީވެފައިވާ ޤައުމަށް ހެދުމުގެ އަމާޒުގައި. މި ހުވަފެނުގައި އަޅުގަނޑުމެން ކުލަޖައްސައި ހަޤީގަތަކަށް ހެދުމުގައި ޗައިނާ ފަދަ ރަހްމަތްތެރި ޤައުމުތަކުގެ އެހީ އާއި، ދުރުވިސްނި ވަޑައިގަންނަވާ ދިވެހި ލީޑަރުންގެ މަޝްވަރާ އާއި، ވިޝަނަރީ ދިވެހި ރައްޔިތުންގެ ޙިޔާލް ވެސް ނުހަނު މުހިއްމުވާނެ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އެދުވަސް މިދިވެހި ޤައުމަށް ގެނެސް ދޭނަން. މިދިވެހި ޤައުމު އިތުރަށް އިސްލާޙްކޮށް، ތަރައްޤީ ކޮށް، ކުރިއަރުވާނަން. މިރެއަކީ، މިއުފާވެރި ވަގުތުކޮޅަކީ މިހުވަފެނުގެ ފެށުން ކަމުގައި އަޅުގަނޑު ޤަބޫލު ކުރާ ހާލު، މި ސިނަ މާލެ ބްރިޖް ހުޅުވައި ދިނުމުގެ އުފާވެރި ޝަރަފް، ތިޔަ ލޮބުވެތި ދިވެހި ރައްޔިތުންގެ އިޒުނައާއެކު، އަޅުގަނޑު ލިބިގަންނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. ވައްސަލާމް އަލައިކުމް ވަރަހަމަތުﷲ ވަބަރަކާތުހޫ.

comment ކޮމެންޓް