ވެނެޒުއޭލާގެ ބޯޑަރު ކައިރިއަށް ބްރެޒިލުން ސިފައިން ފޮނުވަނީ

ވެނެޒުއޭލާގެ ބޯޑަރު ކައިރީ ބްރެޒިލްގެ ސިފައިން ދެ ހަފްތާ ވަންދެން ހަރަކާތްތެރިވާނެ -- ފޮޓޯ: ރޮއިޓާސް

ބްރެޒިލިއާ (އޮގަސްޓު 19): ބްރެޒިލްއާއި ވެނެޒުއޭލާ ގުޅޭ ބޯޑަރު ކައިރީގައި ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް، ބްރެޒިލުން އެ ބޯޑަރު ކައިރިއަށް ސިފައިން ފޮނުވަން ނިންމައިފިއެވެ.

ބްރެޒިލްގެ ރައީސް މިޝޭލް ޓެމާ ވިދާޅުވި ގޮތުގައި އެގައުމުން އެފަދައިން ނިންމީ، ވެނެޒުއޭލާގައި މިހާރު ހާލަތު އޮތް ގޮތުން މުޅި ދެކުނު އެމެރިކާގެ ސުލްހައަށް ނުރައްކާވެފައިވާތީއެވެ.

"ވެނެޒުއޭލާގެ މައްސަލައަކީ މިހާރު ހަމައެކަނި ދާހިލީ މައްސަލައެއް ނޫން. އެއީ މުޅި ބައްރުގެ ސުލްހަވެރިކަމަށް އޮތް ނުރައްކަލެއް،" ޓެމާ ވިދާޅުވިއެވެ.

ރައީސް ޓެމާ އިއްޔެ ސޮއިކުރެއްވި އަމުރުގެ ދަށުން ވެނެޒުއޭލާގެ ބޯޑަރު ކައިރީގައި، ދެ ހަފްތާ ވަންދެން ސިފައިން ހަރަކާތްތެރިވާނެއެވެ.

ދެހާސް ސާދަވަނަ އަހަރު ތެލުގެ އަގު ވެއްޓުމުގެ ސަބަބުން ވެނެޒުއޭލާގެ އިގުތިސާދަށް ލިބުނު ގެއްލުމުން އެ ގައުމަށް އަދިވެސް ވަނީ އަރައި ނުގަނެވިފައެވެ. އަދި ވެނެޒުއޭލާގެ ކޮންމެ ފަސް މީހެއްގެ ތެރެއިން ހަތަރު މީހުން މިހާރު ދިރިއުޅެމުން ދަނީ ފަގީރުކަން މަތީގައެވެ.

އެ ގައުމުގެ ރައްޔިތުން ކާނާ ގަތުމަށްޓަކައި ގިނަ އިރު ވަންދެން ކިޔޫގައި ތިބެންޖެހޭ އިރު ބޭސް ނުލިބުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ދަނީ މަރުވަމުންނެވެ.

އޭގެ ސަބަބުން، 2014 ގެ ފަހުން ވެނެޒުއޭލާ ދޫކޮށް ދިޔަ މީހުންގެ އަދަދު ވަނީ 2.3 މިލިއަނަށް ވުރެ އިތުރުވެފައެވެ.

ވެނެޒުއޭލާ މިހާރު އޮތް ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯކަމަށް ގިނަ އަދަދެއްގެ މީހުން ބުނެއެވެ. ނަމަވެސް މަޑޫރޯ ވަނީ އެއީ އެމެރިކާއާއި ޔޫރަޕުން އެ ގައުމާ ދެކޮޅަށް ފަށާފައިވާ އިގުތިސާދީ ހަނގުރާމައެއްގެ ސަބަބުން ދިމާވާ މައްސަލަތަކެއް ކަމަށް ވިދާޅުވެފައެވެ.

(ބީބީސީ)

comment ކޮމެންޓް