ގޫގުލް، ޓުވިޓާ އަދި ފޭސްބުކަށް ޓްރަމްޕް އިންޒާރު ދެއްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ގޫގުލް އާއި ފޭސްބުކާއި ޓުވިޓާއާ ބެހޭ ގޮތުން ޝަކުވާ ކުރައްވާފަ -- ފޮޓޯ: އީޕީއޭ

ވޮޝިންޓަން (އޮގަސްޓު 29): ގޫގުލް އާއި ޓުވިޓާ އާއި ފޭސްބުކުން ހަބަރު ފެތުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާ ކަމަށް ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުންފުނިތަކަށް އިންޒާރު ދެއްވައިފި އެވެ.

އިއްޔެ ޓްރަމްޕް ކުރެއްވި ޓުވީޓުތަކެއްގައިވާ ގޮތުން "ޓްރަމްޕްގެ ހަބަރު" ގޫގުލްއިން ސާޗް ކުރުމުން، އެންމެ ގިނައިން ފެންނަނީ އޭނާއާ ދެކޮޅު، ފޭކު ހަބަރުތަކެވެ.

އަދި ގޫގުލްއިން ދަނީ ރިޕަބްލިކަން ޕާޓީއަށް ތާއިދުކުރާ މީޑިއާތަކާއި މީހުންގެ ހިޔާލު ފޮރުވަމުން ކަމަށާއި ގޫގުލް ސާޗް ރިޒަލްޓްސްގެ 96 ޕަސެންޓު ހިއްސާ ކުރަނީ "ވާތު ފިޔައިގެ މީޑިއާތައް" ކަމަށް ވިދާޅުވެފަ އެވެ.

"ގޫގުލް އާއި އެހެން ފަރާތްތަކުން ދަނީ ކޮންޒާވެޓިވް ފަރާތްތަކުގެ އަޑު މަޑުކޮށް، ރަނގަޅު މައުލޫމާތާއި ހަބަރު ފޮރުވަމުން. އެމީހުން ދަނީ އަޅުގަނޑުމެންނަށް ފެންނަ އެއްޗެއްސާއި ނުފެންނަ އެއްޗެހި ކޮންޓުރޯލުކުރަމުން،" ޓްރަމްޕްގެ ޓުވީޓުގައިވެ އެވެ.

މީގެ އިތުރުން، ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ ގޫގުލްއިން ގިނަ ބަޔެއްގެ ފަރާތުން ފައިދާ ނަގަމުންދާ ކަމަށާއި އެއީ ވަރަށް ސީރިއަސް ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ގޫގުލްގެ އިތުރުން، ފޭސްބުކާއި ޓުވިޓާއަށް އެފަދައިން އަމަލު ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އެމައްސަލައާ ގުޅިގެން އަޅާނީ ކޮން ފިޔަވަޅެއް ކަމެއް ޓްރަމްޕް ވިދާޅެއްނުވެ އެވެ. އަދި ޓްރަމްޕްގެ އިގުތިސާދީ މުޝީރަކު ވަނީ އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ގޫގުލްއިން ވަނީ ޓްރަމްޕްގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އެސާޗް އިންޖީނުން ވަކި ސިޔާސީ ހިޔާލަކަށް ބުރަ ނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ޓްރަމްޕްގެ ވާހަކަފުޅާ ގުޅިގެން ފޭސްބުކާއި ޓުވިޓާއިން އަދި ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ. (ބީބީސީ)

comment ކޮމެންޓް