ޕީކޭ އަންގަނީ ދުވަހަކުވެސް ޕްރިމިއަރ ލީގަށް އެނބުރި ނުދާނެކަމަށް!

ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ-- ފޮޓޯ: ޓްރައިބަލް ފުޓްބޯލް

ސްޕެނިޝް ލީގު ދޫކޮށް، އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބަކަށް ބަދަލުވުމުގެ ވިސްނުން ނުގެންދުޅޭކަމަށް ބާސެލޯނާގެ ތަރި ޖެރާޑް ޕީކޭ ބުނެފިއެވެ.

މީގެ ކުރިން ޕްރިމިއަރ ލީގު ޖަޔަންޓް، މެންޗެސްޓަރ ޔުނައިޓެޑްގައި ހަތަރު އަހަރު ހޭދަކުރި ޕީކޭ ބުނީ، އޭނާ އަދިވެސް ބޭނުންވަނީ، ލަ ލީގާ ޗެމްޕިއަނުންނާއެކު އިތުރު ޓްރޮފީތަކެއް ހޯދަން ކަމަށެވެ.

އެބުރި ޕްރިމިއަރ ލީގުގެ ޓީމަކާ ގުޅިދާނެތޯ، އިނގިރޭސި ނޫހެއް ކަމަށްވާ އެކްސްޕްރެސްއިން ކުރި ސުވާލުގެ ޖަވާބުގައި ޕީކޭ ބުނީ، އޭނާ ބާސާގައި ހުރީ ވަރަށް ހުންނަ ހިތުން ކަމަށާއި އަދި އެހެން ދިމާއަކަށް ދިއުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.

"މިއީ އަހަރެންގެ ރަށް، އަހަރެންގެ އާއިލާއާއި ރަހްމަތްތެރީންނާއިއެކު އަދި އަހަރެން އަބަދުވެސް އެންމެ ކުޅެން ބޭނުންވި ކްލަބުގައި މިހިރީ. އަހަރެންގެ އުންމީދަކީ އަދިވެސް މި ކްލަބާއެކު ގިނަ ޓްރޮފީތަކެއް ހޯދުން،" ޕީކޭ ބުންޏެވެ.

ޕީކޭ އެނބުރި ޕްރިމިއަރ ލީގަށް ނާންނާނޭ ކަމަށް ބުނި ނަމަވެސް އޭނާ ވަނީ، ލިވަޕޫލްގެ މިހާރުގެ ކުޅުމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އަދި މިފަހަރުގެ ލީގަށް އެންމެ ބޮޑަށް ވާދަކުރާނީވެސް ލިވަޕޫލާއި މެންޗެސްޓަރ ސިޓީކަމަށް ބާސާގެ ޑިފެންޑަރު ބުންޏެވެ.

"ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އެކުރާ މަސައްކަތް ވަރަށް ރަނގަޅު. އޭނާގެ ޓީމުގެ ކުޅުމުގެ ސްޓައިލް އެހެރީ ގާޑިއޯލާއާ އިދިކޮޅަށް،" ސިޓީއާ ލިވަޕޫލްގެ ކުޅުން އަޅާކިޔަމުން ޕީކޭ ބުންޏެވެ.

ޕީކޭ ބުނީ، ލިވަރޕޫލްގެ އެޓޭކިންގައި މުހައްމަދު ޞަލާޙާއި ރޮބާޓޯ ފިރްމިނޯ އަދި ސާޑީއޯ މާނޭގެ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. ލިވަޕޫލްގެ މިހާރުގެ ކުޅުން އެހުރިގޮތުން ސިޓީއަށް ވަރަށް ބޮޑު ޗެލެންޖަކަށް ވާނޭ ކަމަށް ޕީކޭ ބުންޏެވެ.

comment ކޮމެންޓް