ޗައިނާގެ "ދެ ދަރިން ސިޔާސަތު" އުވާލަނީ: ޗައިނާގެ މީޑިއާ

ޗައިނާގައި މީގެ ކުރިން އޮތީ ކޮންމެ ދެމަފިރިއަކަށް ހޯދޭނީ އެންމެ ކުއްޖަކު ކަމަށް ބުނާ ސިޔާސަތެއް -- ފޮޓޯ: ސްކައިނިއުސް

ބެއިޖިން (އޮގަސްޓު 28): ދުނިޔޭގެ އެންމެ ބޮޑު އާބާދީ އޮންނަ ޗައިނާގައި ދެމަފިރިންނަށް ހޯދޭނީ ގިނަވެގެން ދެ ކުދިން ކަމަށް ބުނާ ސިޔާސަތު އުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެގައުމުގެ މީޑިއާއަކުން ބުނެފި އެވެ.

ޗައިނާގެ ޕްރޮސެކިއުޓާސް އޮފީހާ ގުޅުން ހުރި ނޫހެއްގައިވާ ގޮތުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ސްޓޭންޑިން ކޮމިޓީން މިހާރު ބަހުސް ކުރަމުންދާ ސިވިލް ކޯޑުގެ ޑްރާފްޓުގައި 'އާއިލާ ރޭވުމާ ބެހޭ ސިޔާސަތު' ހިމަނާފައި ނުވެ އެވެ. އަދި އެޑްރާފްޓަށް ވޯޓު ނެގުން އޮންނާނީ 2020ގަ އެވެ.

ޗައިނާގެ އާބާދީ އިތުރުވުން ކޮންޓްރޯލު ކުރުމަށް ޓަކައި އެގައުމުގެ ކޮމިއުނިސްޓު ޕާޓީން އެސިޔާސަތަށް ފުރަތަމަ އަމަލު ކުރަން ފެށީ 1979ގަ އެވެ. އޭރު ނިންމާފައި ވަނީ ކޮންމެ ދެމަފިރިއަކަށް ހޯދޭނީ އެންމެ ކުއްޖަކު ކަމަށެވެ. އަދި އެ ގަވައިދާ ޚިލާފުވާ ފަރާތްތަކަށްދޭ އަދަބުތަކުގެ ތެރޭގައި ޖޫރިމަނާ ކުރުމާއި ދަރި ވައްޓާލަން މަޖުބޫރު ކުރުން ހިމެނެ އެވެ.

ނަމަވެސް އެސިޔާސަތުގެ ސަބަބުން ޗައިނާގެ އާބާދީގައި ދުވަސްވެފައިވާ މީހުން ގިނަވުމުންނާއި މަސައްކަތް ކުރާ އަބާދީ ކުޑަ ވުމުގެ ސަބަބުން އެގައުމުން ވަނީ ކޮންމެ ދެމަފިރިއަކަށް ދެ ކުދިން ހޯދޭ ގޮތަށް، 2016 ވަނަ އަހަރު އެސިޔާސަތު ބަދަލުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް